މަޑުމަޑުން ވައި އަަންނަނީ ސާފުވަމުން، އެކަމު މި ހަފުތާ ނިމޭއިރު ރަނގަޅުނުވާނެ

މާލޭ ސަރަހައްދުގެ ވައި އަންނަނީ ސާފުވަމުން --

ހޭޒްގެ ސަބަބުން މިދިޔަ ހަފުތާއިން ފެށިގެން މާލެ ސަރަހައްދަށް ވަރަށް ބޮޑަށް ވައި ނުސާފުވި ނަމަވެސް، މިހާރު މަޑުމަޑުން ވައި ސާފުވަމުން އަންނަ ކަމަށް ދައްކައިފިއެވެ.

ވައިގެ ސާފު މިންވަރު ދައްކައިދޭ އައިކިއު އެއާއިން މީގެ ދެ ދުވަސް ކުރިން ދެއްކި ގޮތުގައި، މާލެގައި ޔޫއެސް އައިކިއު ހުރީ، 108ގައެވެ. އެއީ، ނުރައްކަލުގެ އޮރެންޖު ސަމާލު ކަމަށްވާއިރު، ވިލިމާލޭގައި އެ އަދަދު ހުރީ، 151 ގައެވެ. އެއީ، ނުރައްކަލުގެ ރަތް ސަމާލެވެ.

ނަމަވެސް ވައިސާފު ވަމުން ދިއުމާއެކު މިހާރު އެ އަދަދުތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

އެގޮތުން މިހާރު މާލޭގައި އެ މިންވަރު ހުރީ 77ގައެވެ. އެއީ އާދައިގެ ނުވަތަ އާންމު މިންވަރެވެ. ވިލިމާލޭގައި އެ އަދަދު ހުރީ، 112 ގައެވެ. އެހެންކަމުން ރަތުން، އޮރެންޖަށް ވަނީ ދަށްވެފައެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވައިގެ ސާފުމިން ހުރީ އާންމު މިންވަރު ނުވަތަ އާދައިގެ މިންވަރަށެވެ.

މި ވަގުތު އެންމެ ވައި ސާފީ ރާއްޖޭގެ އެންމެ ދެކުނަށެވެ.

ރާއްޖޭގައި އާންމުކޮށް ވައި ނުސާފުވަނީ "ހޭޒް"ގެ ސަބަބުންނެވެ.

"ފޮގް ވުން" އަދި "މިސްޓް" އާ ޚިލާފަށް ހޭޒްއަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލްތަކެކެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައިވީ ނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެއެވެ.

މީގެ ކުރިން މެޓުން ބުނި ގޮތުގައި އެންމެ ބޮޑަށް ވައިސާފުވާނެ ކަމަށް ބެލެވެނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ނަމަވެސް މިއަދު "ސަން"އަށް މައުލޫމާތު ދެމުން މެޓު އޮފީހުން ބުނީ މި ހަފުތާ ނިމޭއިރު ވެސް ހޭޒްގެ އަސަރު ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްކޮށް ފިލާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

https://sun.mv/215300

ވައި ނުސާފުވުމުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ. އެގޮތުން، ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ފާހަގަކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމާއި، ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުން ހިމެނެއެވެ.

comment ކޮމެންޓް