ބޮންޑައި ބީޗް ހަމަލާ: 3 މީހުންގެ ހާލު ސީރިއަސް

ބޮންޑައި ބީޗްގައި ދިން ހަމަލާގައި ޒަޚަމްވި ފުލުސް އޮފިސަރު، ސްކޮޓް ޑައިސަން. ފޮޓޯ/ނިއު ސައުތު ވޭލްސް ޕޮލިސް

އޮސްޓްރޭލިއާގެ މަޝްހޫރު ބޮންޑައި ބީޗްގައި ޔަހޫދީންގެ ހަފްލާއެއް ކުރިއަށް ދަނިކޮށް ބަޑިން ހަމަލާދީ ގިނަ ބަޔަކު މަރާލި ހާދިސާގައި ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ތިން މީހުންގެ ހާލު ސީރިއަސް ކަމަށް ނިއު ސައުތު ވޭލްސް ހެލްތުން ބުނެފިއެވެ.

ސިޑްނީގެ ބައެއް ހޮސްޕިޓަލްތަކުގައި އަދިވެސް 24 ބަލިމީހުންނަށް ފަރުވާ ދެމުންދާ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

ތިން މީހުންގެ ހާލު ސީރިއަސްއިރު، ފަސް މީހުން ހާލު ސީރިއަސް ނަމަވެސް ސްޓޭބަލް ކަމަށާއި ބާކީ ތިބި އެންމެންގެ ހާލު ރަގަޅު ވަމުން އަންނަ ކަމަށްވެސް ނިއު ސައުތު ވޭލްސް ހެލްތުން ބުނެފައިވެއެވެ. ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި ތިބި ދެ ފުލުހުންގެ ހާލުވެސް ރަނގަޅު ކަމަށް ހާމަކޮށްފައިވެއެވެ.

އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 15 އަށް އުފުލިފައެވެ. މަރުވި މީހުންގެ ތެރޭގައި އުމުރުން 10 އަހަރުގެ ކުޑަ އަންހެން ކުއްޖެއްވެސް ހިމެނެއެވެ. އެއީ މަރުވި އެންމެ ހަގު ކުއްޖާއަށްވާއިރު، މަރުވި އެންމެ އުމުރުން ދޮށީ މީހާގެ އުމުރަކީ 87 އަހަރެވެ.

ބޮންޑައި ބީޗްގައި ދިން ހަމަލާގައި މަރުވި 10 އަހަރުގެ ކުޑަ ކުއްޖާ މަޓިލްޑާ (މ) އާއި އިތުރު ދެ މީހުން. ފޮޓޯ/ބީބީސީ

އޮސްޓްރޭލިއާ ގަޑިން އާދީއްތަ ދުވަހު އިރުއޮއްސި 6:47 ހާއިރު ދިން އެ ހަމަލާތައް ދިނީ ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ކަމަށްވާ، ހަނޫކާ ފާހަގަކުރަމުން ދަނިކޮށެވެ. އެ ހަފްލާގައި 1000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ހަމަލާއާ ގުޅިގެން އޮސްޓްރޭލިއާގެ ބަޑީގެ ގާނޫނު ވަރަށް ބޮޑަށް ހަރުކަށި ކުރާނެ ކަމަށް ނިއު ސައުތު ވޭލްސްގެ ޕްރިމިއާ ކްރިސް މިންސް ވިދާޅުވިއެވެ. އަދި އޮސްޓްރޭލިއާގައި ދެން އޮންނާނީ ބަޑި ގެންގުޅުމުގެ އެންމެ ހަރުކަށި ގާނޫނުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގާނޫނަށް ގެންނާނެ ފިޔަވަޅުތަކުގެ ތެރޭގައި ބަޑީގެ އަދަދު ހަނިކުރުމާއި ގާނޫނީ ގޮތުން ކަނޑައެޅިފައިވާ ބަޑިގެ ބާވަތްތައް ހަނިކުރުން ހިމެނޭނެ ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވަނީ ވިދާޅުވެފައެވެ.

ބަޑި ގެންގުޅުމުގެ ޝަރުތެއްގެ ގޮތުގައި އޮސްޓްރޭލިއާގެ ރައްޔިތުކަން އޮތުމަކީ ވެސް ބެލޭނެ ކަމެއް ކަމަށްވެސް އަލްބަނީޒް ވިދާޅުވިއެވެ.

އޮސްޓްރޭލިއާ ފުލުހުން ވަނީ އެ ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ކަނޑައަޅާފައެވެ. އާންމުންގެ 15 މީހަކު މަރުވެފައިވާކަން ފުލުހުން ކަށަވަރުކޮށްދީފައިވާއިރު، މި ހަމަލާ ވެގެން ގޮސްފައިވަނީ ޕޯޓް އާތުރަށް ދިން ހަމަލާއަށް ފަހު އޮސްޓްރޭލިއާގެ ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާއަށެވެ.

އެ ހަމަލާއަކީ 1996 ވަނަ އަހަރު ޓެސްމަނިއާގެ ޕޯޓް އާތް ޓައުންގައި ހަތިޔާރު އެޅި މީހަކު ބަޑި ޖަހައި 35 މީހުން މަރާލި ގަތުލުއާންމެވެ. އެ ހަމަލާއަށްފަހު، އޮސްޓްރޭލިއާ ސަރުކާރުން ވަނީ ބަޑި ގެންގުޅުމުގެ ގާނޫނުތައް ވަރަށް ބޮޑަށް ހަރުކަށިކޮށްފައެވެ.

ބޮންޑައި ބީޗަކީ އޮސްޓްރޭލިއާގެ ރާޅާއެޅުމަށް ވަރަށް މަޝްހޫރު ބީޗެކެވެ. ނިއު ސައުތު ވޭލްސް ސަރުކާރުން ބުނާ ގޮތުގައި މިދިޔަ އަހަރު 2.6 މިލިއަން މީހުން އެ ބީޗަށް ޒިޔާރަތްކުރިއެވެ.

comment ކޮމެންޓް