އެންމެ ބޮޑު ގެއްލުމުގައި ހިންގާ އާރުޑީސީން، ކުންފުންޏަކަށް 7 މިލިއަން ރުފިޔާ ދައްކަން އަމުރެއް

އާރުޑީސީގެ އެމްޑީ އިބްރާހީމް ނަޒީމާއި ޑީއެމްޑީ މުހައްމަދު ނަބީހް އަފީފް ހިމެނޭ ގޮތަށް ކުރިއަށްގެންދިޔަ ބައްދަލުވުމެއް: ކޯޓުން ވަނީ އެ ކުންފުނިން ހަތް މިލިއަން ދައްކަން، އަންގައިފައި -- ފޮޓޯ/ އާރުޑީސީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، އެންމެ ބޮޑު ގެއްލުމެއްގައި ހިންގާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ)ން ދިވެހި ކުންފުންޏަކަށް ތިން މަސް ތެރޭ ހަތް މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް މިއަދު ކުރެއްވި އަމުރަކީ، ކާޓިއުންސް އިންޓަނޭޝަލް ޕްރައިވެޓް ލިމިޓެޑުން އާރުޑީސީއަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކެއްގެ އަގަށްވާ، 7.11 މިލިއަން ރުފިޔާއާ ގުޅޭ އަމުރެކެވެ. އާރުޑީސީން ހޯދައިފައިވަނީ ކޮން ޚިދުމަތެއް ކަމެއް ސާފު ނުވި ނަމަވެސް، އެ ފައިސާއަކީ އާރުޑީސީން ދައްކަން ޖެހޭ ފައިސާ ކަމަށް އެ ކުންފުނިންވަނީ ޝަރިއަތުގައި އެއްބަސްވެފައެވެ.

އާރުޑީސީން ޝަރިއަތުގައި ބުނެފައިވަނީ އެ ފައިސާ ދެއްކިފައި ނުވަނީ، އެ ކުންފުނީގެ މާލީ ތަނަވަސްކަން ހުރި ގޮތުން ކަމަށެވެ.

އެ މައްސަލައިގައި ކާޓިއުންސްއިންވަނީ 7.11 މިލިއަންގެ އިތުރުން، އާރުޑީސީން ފައިސާ ނުދެއްކުމުން ލިބިފައިވާ ގެއްލުމުގެ ބަދަލުގައި އެއް މިލިއަން ރުފިޔާއާއި ޝަރިއަތުގެ ޚަރަދުގެ ގޮތުގައި 30،000 ރުފިޔާ ހޯދަން އެދިފައެވެ. އެހެންނަމަވެސް މި ފައިސާ ޝަރިއަތުން ނަގައިދީފައެއް ނުވެއެވެ.

އެ މައްސަލައިގައި ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލެއް ހޯދުމަށް ވެސް ޝަރީއަތުން ފުރުސަތު ދިނެވެ. އެކަމަކު ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލަކަށް ނާދެވުނުކަން މައްސަލަ ބެއްލެވި ގާޒީވަނީ ފާހަގަކުރައްވައިފައެވެ.

މާލީ ހާލަތު ހުރި ގޮތުން، ހަތް މިލިއަން ރުފިޔާ ދެއްކުން އާރުޑީސީއަށް އުނދަގޫވެފައިވާއިރު، އެއްފަހަރާ ގިނަ ރަށްރަށުގައި މަސައްކަތް ކުރެވޭ ފެންވަރަށް ކުރިއަށް އޮތް ދެ މަސް ތެރޭގައި އާރުޑީސީގެ ގާބިލްކަން އިތުރު ކުރާނެ ކަމަށް މިދިޔަ އޮކްޓޫބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމުލަ 280 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ. އެގޮތުން އެންމެ ބޮޑު ގެއްލުމެއްވީ, ކޮރަޕްޝަނުގެ ތުހުމަތުތައް އަމާޒުވެފައިވާ އާރުޑީސީއަށް ކަމަށްވާއިރު އެ ކުންފުންޏަށް ވަނީ 113.73 މިލިއަން ރުފިޔާގެ ގެއްލުން ވެފައެވެ.

https://sun.mv/215295

ޕީސީބީގެ ރިޕޯޓުން އެ މައުލޫމާތު ހާމަކުރިއިރު، ފިނޭންސް މިނިސްޓްރީން މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ބަޖެޓުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.9 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ ބަޖެޓުކުރި 378.3 މިލިއަން ރުފިޔާއަށްވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ގެއްލުމުގައި ހިންގާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު، ކޮރަޕްޝަން އިތުރުވުމާއި، ސިޔާސީ މަގުސަދުތަކަށް ބޭނުންނުވާ ވަރަށް މުވައްޒަފުން ނަގާކަމުގެ ޝަކުވާ ބޮޑެވެ.

comment ކޮމެންޓް