ސިނަމާލެ ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް، މާލެއިން ހުޅުމާލެއަށް ދާ ލޭން މިރޭ ބަންދުކުރާނެކަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސިނަމާލެ ބުރިޖްގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި މިރޭ 23:45އިން ފެށިގެން މަސައްކަތް ނިމެންދެން ބުރިޖްގެ އުތުރު ފަރާތު ލޭނު ބަންދުކުރާނެ ކަމަށެވެ.
އެއީ މާލެއިން ހުޅުމާލެއަށް ދަތުރުކުރަން ޚާއްސަކޮށްފައި އޮންނަ ލޭނެވެ. އެ ލޭން ބަންދުކުރުމަށް ފަހު ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އާންމުކޮށްފައިވާ ޗާޓުގައިވާ ގޮތުން، އާންމުކޮށް ހުޅުމާލެއިން މާލެއަށް އަންނަ ލޭން، މިރޭ އޮންނާނީ ދެކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފައެވެ.
ސިނަމާލެ ބުރިޖުގެ މަރާމާތުގެ މަސައްކަތްތައް މީގެ ކުރިން ވެސް އެކި ފަހަރު މަތިން ކޮށްފައިވެއެވެ. އެ މަސައްކަތްތައް ކުރަނީ, ބުރިޖު އެޅި ޗައިނާގެ ކުންފުނި ކަމަށްވާ ޗައިނާ ކޮމިއުނިކޭޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)އިންނެވެ.
އެ މަސައްކަތްތައް މީގެ ކުރިން ވެސް ކޮށްފައިވާ ސީސީސީސީ އާ ހަވާލުކޮށްގެން، ބުރިޖުގެ މަރާމާތުގެ މަސައްކަތް ޗައިނާގެ ހިލޭ އެހީގެ ދަށުން އިތުރު ތިން އަަހަރަށް ކޮށްދިނުމަށް މިދިޔަ އަހަރު އެ ގައުމުން ވަނީ އެއްބަސްވެފައެވެ.
ސިނަމާލެ ބްރިޖުގެ މަޝްރޫއަކީ 200 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. ބްރިޖު މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވީ އޯގަސްޓު 30, 2018ގައެވެ.