ރާއްޖޭގެ ތަރައްޤީއަށް ކުރިއަށް އޮތް ތަނުގައި ވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއާމަން، ވޮންގް ޑޮންގްމިން ވިދާޅުވެއްޖެއެވެ.
ވޮންގް ޑޮންގްމިން މިގޮތަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މިއަދުގެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ ރާއްޖެއާއި ޗައިނާއާއި ދެމެދު ގުޅުން ބަދަހިކުރުމާއި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި މިހާރު ވެސް ގުޅުން ޤާއިމްކުރެވިފައިވާ ދާއިރާތަކުން އިތުރަށް އެއްބާރުލުންދޭނެ މަގުތައް ހޯދުމާއި ގުޅޭގޮތުންނެވެ.
އެގޮތުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަޝްވަރާކުރެއްވި ދާއިރާތަކުގެ ތެރޭގައި ގެދޮރުވެރިކަމާއި، މަސްވެރިކަމާއި، އުމްރާނީ ތަރައްޤީއާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން ވިޔަފާރީގެ ދާއިރާ ހިމެނެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރައްވާފައިވާ ފަހުމުނާމާތަކާއި، އެ ފަހުމުނާމާތަކުގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓްތަކާއި އެ ޕްރޮޖެކްޓްތަކުގެ ކުރިއެރުން ދެ ބޭފުޅުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ. އަދި ޗައިނާއިން ދެއްވާ ދީލަތި އެހީތެރިކަމަށްޓަކައި، އެޤައުމުގެ ރައީސް، ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާފައިވެއެވެ. ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ޗައިނާއިން ދެއްވާ އެހީތެރިކަމަށް އަލިއަޅުއްވާލައްވައި، ކުރިއަށް އޮތް ތަނުގައި ވެސް ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވޮންގް ޑޮންގްމިން ވަނީ ރާއްޖެއާއި ޗައިނާއާއި ދެމެދުގައިވާ ގާތް ގުޅުން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅަށް ފަހު ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
މި ދަތުރުފުޅުގެ ބޭނުންފުޅަކީ ދެޤައުމާއި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުންކަން ވެސް ވޮންގް ޑޮންގްމިންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދެ ޤައުމު ގުޅިގެން ރާއްޖޭގައި މިހާރުވެސް ކުރިއަށްދާ ދާއިރާތަކުން އެހީތެރިކަން ދެއްވުމަށާއި ރާއްޖޭގެ ތަރައްޤީއަށް ކުރިއަށް އޮތް ތަނުގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
މި ބައްދަލުވުން ނިންމާލައްވާފައިވަނީ، ޗައިނާއާއި ރާއްޖެއާއި ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި ދެޤައުމަށް ފައިދާހުރި ކަންކަމުގައި އެއްބާރުލުންދެއްވައި، ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއާމަންގެ އަރިހުގައި ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ އިސްވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.