އޮސްޓްރޭލިއާގެ މަޝްހޫރު ބޮންޑައި ބީޗްގައި އިއްޔެ ބަޑިން ހަމަލާ ދީ އެތައް ބަޔަކު މަރާލި ދެ މީހުންގެ ތެރެއިން އެކަކު މީގެ އަހަރު ކުރިން ވެސް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އޭބީސީ ނޫހުން ރިޕޯޓުކޮށްފިއެވެ.
ބޮންޑައި ބީޗްގައި ހަމަލާ ދިނީ ބައްޕައާއި ދަރިފުޅެވެ. އޭގެ ތެރެއިން 24 އަހަރުގެ ދަރިފުޅު ނަވީދު އަކްރަމަކީ 2019 ވަނަ އަހަރު އޮސްޓެރޭލިއާގެ ޑޮމެސްޓިކް އިންޓެލިޖެންސް އޭޖެންސީ (އައިއެސް)ގެ ޓެރަރިޒަމް ސެލްއަކާ ގުޅުން އޮތް ކަމަށް ޝައްކުވެ، ސަމާލުކަމަށް އައިސްފައިވާ މީހެއް ކަމަށް އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވިއެވެ.
ނަމަވެސް، އޭރު އޭނާއަކީ އެކަހަލަ އެއްވެސް ނުރައްކާތެރިކަން އޮތް މީހެއް ކަމަކަށް ހޯދިފައި ނެތް ކަމަށް އަލްބަނީޒް ވިދާޅުވިއެވެ.

ބޮންޑައި ބީޗްގައި ދިން ހަމަލާގައި މަރުވި މީހުންގެ ހަނދާނުގައި މާބޮޑު ބަހައްޓަނީ. ފޮޓޯ/ރޮއިޓާސް
ނަވީދާއި އޭނާގެ ބައްޕަ 50 އަހަރުގެ ސާޖިދު އަކްރަމް ބަޑިން ހަމަލާދީ 15 މީހުން މަރާލީ، ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ކަމަށް ހަނޫކާ ފާހަގަކުރަމުން ދަނިކޮށެވެ. ހަމަލާތަކުގައި ސާޖިދު މަރުވެފައިވާއިރު، ނަވީދުގެ ހާލު ސީރިއަސްއެވެ.
ހަތިޔާރު އެޅި ފުލުހުން ރޭ ވަނީ ސިޑްނީގެ ހުޅަނގު ދެކުނުގައި އޮންނަ ބޮނީރިގްގައި ހުންނަ އެ މީހުންގެ ގެއާއި، އެ މީހުން ދިރިއުޅެމުން އައި ކެމްޕްސީގައި ހުންނަ އެއާބީއެންބީގެ ޕްރޮޕަޓީއަކަށް ވެސް ވަދެފައެވެ.
ބޮންޑީ ބީޗުން ފެނުނު އެ މީހުންގެ ކާރުން އައިއެސްގެ ދެ ދިދަ ފެނިފައިވާ ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި އިސް އޮފިޝަލުން ވިދާޅުވެފައިވާއިރު، ސްޓޭޓް އަދި ފެޑެރަލް އިދާރާތަކުން އެކުލެވޭ ޔުނިޓެއް ކަމަށްވާ ޖޮއިންޓް ކައުންޓާ ޓެރަރިޒަމް ޓީމް (ޖޭސީޓީޓީ)ގެ ތަހުގީގުކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބަޑިޖެހި މީހުންނަކީ އައިއެސްއާ ގުޅުން ހުރި ބައެއް ކަމަށް ބެލެވެއެވެ.

ބީޗްގައި ދިން ހަމަލާގައި 15 މީހުން ވަނީ މަރުވެފައި. ފޮޓޯ/ބީބީސީ
އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި އައިއެސްގެ އޮސްޓްރޭލިއާ ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތްކޮށް އައިއެސްގެ ހަމަލާއެއް އިންތިޒާމުކުރި ކަމަށް ސާބިތުވެ، ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މަތާރީއާއި ނަވީދު އަކްރަމާ ގާތް ގުޅުމެއް އޮތެވެ.
އޮސްޓްރޭލިއާ ފުލުހުން މިހާރު ވަނީ އެ ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ކަނޑައަޅާފައެވެ.
އެކަމާ ގުޅިގެން އޮސްޓްރޭލިއާގެ ދިދަ ބައި ދަނޑިއަށް ތިރިކުރުމަށް ވެސް ވަނީ ނިންމާފައެވެ.
އާންމުންގެ 15 މީހަކު މަރުވެފައިވާކަން ފުލުހުން ކަށަވަރުކޮށްދީފައިވާއިރު، މި ހަމަލާ ވެފައިވަނީ ޕޯޓް އާތުރަށް ދިން ހަމަލާއަށް ފަހު އޮސްޓްރޭލިއާގެ ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާއަށެވެ.