ހުއްޓުމެއް ނެތި އިތުރުވަނީ، ސަރުކާރު ކުންފުނިތަކުގައި މިހާރު 38،000 މުވައްޒަފުން

ފެނަކަ މުވައްޒަފުންތަކެއް: ސަރުކާރު ކުންފުނިތަކުގައި މިހާރު 38،000 މުވައްޒަފުން އެބަތިބި -- ފޮޓޯ/ ފެނަކަ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިހާރު 37،900 އަށްވުރެ އިތުރުވެފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ކުއާޓާލީ ރިޕޯޓުން އެނގިއްޖެއެވެ.

ސިޔާސީ ބޭނުމަށް ސަރުކާރު ކުންފުނިތަކުން ވަޒީފާ 'ބަހާ'ކަމުގެ ތުހުމަތު އަބަދު ވެސް ކުރެވެއެވެ.

އިންތިހާއަށް މުވައްޒަފުން ގިނަވެފައިވާކަމުގެ ޝަކުވާ ބޮޑުވެފައި އޮއްވާ ޕީސީބީން އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން އެނގޭ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މިހާރު 37،900 އަށްވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ. އެއީ، ސިވިލް ސާވިސްގައި މަސައްކަތްކުރާ 30،436 މުވައްޒަފުންނަށް ވުރެ ވެސް މާ އިތުރު އަދަދެކެވެ.

އެކަމަކު، ވަކިވަކި ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދެއް އެ ރިޕޯޓުގައި ހާމަކޮށްފައެއް ނެތެވެ. އެހެންވެ، އެންމެ މުވައްޒަފުން ގިނަ ކުންފުނިތަކެއް ނޭނގެއެވެ.

ޕީސީބީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އެސްއޯއީ އެނުއަލް ފައިނޭންޝަލް ރިވިއުގައި ވާގޮތުން އޭރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބީ 35،000 އެއްހާ މުވައްޒަފުންނެވެ. އެހެންވެ، މިއީ މި އަހަރު އެކަނި ވެސް ގާތްގަނޑަކަށް 3،000 އެއްހާ މުވައްޒަފުންގެ އިތުރުވުމެކެވެ.

https://sun.mv/215295

މުވައްޒަފުންގެ އަދަދު ހިފެހެއްޓުމެއް ނެތި އިތުރުވާއިރު، ސަރުކާރު 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 281 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ.

ޕީސީބީގެ ރިޕޯޓުން އެނގޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު ގެއްލުމެއްވީ ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ. އެ ކުންފުންޏަށް ވަނީ 113.73 މިލިއަން ރުފިޔާގެ ގެއްލުން ވެފައެވެ. އަދި ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ އައިލެންޑް އޭވިއޭޝަނަށެވެ. އެ ކުންފުންޏަށް 46.36 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ.

ތިންވަނައަށް އެންމެ ބޮޑަށް ގެއްލުންވީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ފެނަކައަށެވެ. އެ ކުންފުންޏަށް ފުރަތަމަ ކުއާޓަރުގައި 33.72 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ.

https://sun.mv/214395

ފާހަގަކޮށްލެވޭ ގޮތުގައި ކުރިން ވަރަށް ބޮޑަށް ފައިދާގައި ހިންގި އެމްޓީސީސީއަށް ވެސް އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވީ ގެއްލުމެވެ. އެގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ޖުމުލަ 19.66 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ. އެއީ، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ވީ 3.8 މިލިއަންގެ ގެއްލުމާ ބަލާއިރު ބޮޑު ދަށްވުމެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ފިނޭންސް މިނިސްޓްރީން މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ބަޖެޓުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.9 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ ބަޖެޓުކުރި 378.3 މިލިއަން ރުފިޔާއަށްވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ގެއްލުމުގައި ހިންގާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު، ކޮރަޕްޝަން އިތުރުވުމާއި، ސިޔާސީ މަގުސަދުތަކަށް ބޭނުންނުވާ ވަރަށް މުވައްޒަފުން ނަގާކަމުގެ ޝަކުވާ ބޮޑެވެ.

comment ކޮމެންޓް