މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށާއި ކިޔަވައިދޭ ލެކްޗަރާއިންނަށް ޚާއްސަކޮށް، "ދިރާސާކުރާނެ ފަސޭހަ ގޮތްތައް"ގެ ނަމުގައި ފޮތެއް ނެރެފިއެވެ.
ދައުލަތަށް އެކި ގޮތްގޮތުން ޚިދުމަތްކުރެއްވުމަށް ފަހު މިވަގުތު ވިލާ ކޮލެޖުގެ ލެކްޗަރާއެއްގެ މަގާމު ފުރުއްވަމުން ގެންދަވާ އަޙްމަދު ފަޔާޒު ޙަސަން ލިޔުއްވި މި ފޮތް ނެރެދެއްވީ އެ ކަމަށްޓަކައި ބޭއްވި ހަފުލާއެއްގައި ފަޔާޒާއި ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. ޢަލީ ނަޖީބެވެ.
ވިލާ ކޮލެޖުން ބުނީ، ތޭރަ ބައިގެ މައްޗަށް އެކުލެވޭ، 208 ސަފުހާގެ މި ފޮތުގައި, ދިރާސާކުރުމުގައި ބަލަންޖެހޭ ހުރިހާ ކަމެއް ހިމަނާފައިވާނެ ކަމަށެވެ.
މި ފޮތް އަމާޒުކޮށްފައިވަނީ މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށާއި، ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ލެކްޗަރާއިންނަށް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. އެ ކޮލެޖުން ބުނީ، މި ފޮތް އުނގަންނައިދިނުމުގެ ރޮނގުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭނެ ކަމަށެވެ.
ދިރާސާކުރާ މީހުންނަށް މި ފޮތް ވާނީ މަގުދައްކާ އާރުކާޓީއެއްގެ ގޮތުގައި ސިފަކޮށް ވިލާ ކޮލެޖުން މައުލޫމާތުދޭ ގޮތުގައި، މި ފޮތް 175 ރުފިޔާއަށް އެ ކޮލެޖުން ގަންނަން ލިބޭނެއެވެ.
މިއީ ފަޔާޒު ލިޔުއްވި ނުވަވަނަ ފޮތްކަން ވިލާ ކޮލެޖުން ފާހަގަކުރިއެވެ.
ފަޔާޒު ލިޔުއްވި ފުރަތަމަ ފޮތް "ވޯލްޑް ކަޕް އިޓަލީ 1990" ޝާއިއުކުރެއްވީ 1990ވަނަ އަހަރެވެ.
ފަޔާޒު ވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބުކަން ކުރެއްވުމުގެ އިތުރުން، ރައީސް އޮފީހުގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމާއި ޕޮލިސް ބޯޑުގެ ނައިބު ރައީސްކަން ވެސް ކުރައްވައިފައެވެ.