ޖަމާޢަތްތެރިން މަހާނަ ބަލަހައްޓަން ލާރިނެގުން: ގޯސް ކަމެއް

މިހާރަކަށް އައިސް މަހާނަތަކުގެ މަތީ މަހާނަގައު ބެހެއްޓުމަށާއި ގަބުރު ވަށައިގެން އެމް ބޯޑު ނުވަތަ އެ ޒާތުގެ އެއްޗަކުން ބިނާއެއް ހަދަން ބޭނުންތޯ އަހައި، މައްޔިތާގެ ޢާއިލާ މެންބަރުންނާ، ޖަމާޢަތްތެރިން ސުވާލުކުރާކަމުގެ މަޢުލޫމާތު ލިބެއެވެ.

މިފަދަ ހުށައެޅުންތައް އެ މީހުން ހުށައަޅަނީ އެ ކަމަށް އަގެއް ނަގައި އުޖޫރައެއް ހޯދުމަށް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި، ކުޑަ އަގެއްގައި ވަކި މުއްދަތަކަށް މައްޔިތާގެ މަހާނަ ބަލަހައްޓައިދީފާނެ ކަމަށް ވެސް ޢާއިލާ މެންބަރުން ގާތު ބުނެއެވެ. މިއީ ކުރުން އެއްގޮތަކަށް ވެސް ހުއްދަވެގެންވާ ކަންކަމެއް ނޫނެވެ. އަމުދުން ހިނެވުމުގެ މަސައްކަތްކުރާ މީހުންގެ ކިބައިން މިފަދަ ޢަމަލުތައް ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ލޯބިވާ މީހަކު ދުނިޔެ ދޫކުރުމަކީ ނުހަނު ހިތާމަ ހުރި ކަމެކެވެ. އޭނާއަށް ޓަކައި ކޮށްދެވެން އޮތީ ކޮން ކަމެއްތޯ ބަލައި އެ ކަމެއް ވީ އެންމެ އަވަހަކަށް ކޮށްދޭން ވަރަށް ބޭނުން ވެއެވެ. އެހެނަސް މިހާރު އޭނާ ދުނިޔެއަކު ނެތެވެ. ހުރީ އޭނާގެ މަޤްބަރާއެވެ. އެހައި ހިސާބުން އެ މަޤްބަރާއަށް ޚިދުމަތްކުރުމުގެ އެދުންވެރިކަން ހިތުގައި ހިނގައިގަނެއެވެ.

މަންމަ ނުވަތަ ބައްޕަ، ނޫނީ ޅަފަތުގައި މަރުވި ދަރި ނުވަތަ އެއްބަނޑުތިމާގެ މީހާގެ މަހާނައަށް ޚިދުމަތްތެރިވާން އެދެވެނީ މުޅިން ވެސް މާތް މަޤްޞަދުތަކުގައެވެ. އޭނާގެ މަހާނަ ފާހަގަކުރަން ފަސޭހައަކަށެވެ. އެ މަހާނަ ސާފުކޮށް ބެހެއްޓުމަށެވެ. އޭނާ ނެތް ދުނިޔޭގައި ވެސް ތިމާމެން އޭނާގެ މަތިން ހަނދާންނައްތައިނުލާކަން އަމިއްލަ ނަފުސަށާއި ތިމާގެ އެހެން މީހުންނަށް ވެސް އެނގުމަށް ޓަކައެވެ. އެހެނަސް ހިތާމައަކީ މަރުވެ ދިޔަ މީހާއަށް ރަޙުމުކޮށް އޯގާތެރިވުމުގެ ގޮތުން ކުރަންވީ ކަމަކާއި ނުކުރަންވީ ކަމެއް ނޭނގި ތިބެ، ކުރަންނުވާ ގޯސް ކަންކަން ކުރެވޭ ކަމެވެ.

މަހާނަތައް އުސްކުރުމާއި އޭގެ މަތީ ރޭނުމާއި މަހާނައިގެ ޚިދުމަތުގައި ދެމިތިބުމަކީ ދީނީ ގޮތުން ތަރުޙީބުދޭ ކަންކަމެއް ނޫނެވެ. މި ކަންކަން ހިމެނެނީ މާތް ﷲއަށް ޝިރުކުކުރެވޭ ޙާލަތަށް މީހާ ގެންގޮސްފާނޭ ކަންކަމުގެ ތެރޭގައެވެ. އެހެންކަމުން މަހާނަތަކާ މެދު ޢަމަލުކުރަންވީ ގޮތް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. އެ މަހާނަތަކާމެދު ކޮށްގެން ނުވާނެ ކަންކަން އެނގުން ވެސް އެހައި މުހިންމެވެ. މަހާނަތަކަށް ކުރަންވީ ކަންކަމުގެ ތެރޭގައި ޤަބުރު ވަޅުލާއިރު ސަންދޯކަކަށް ލުން ނުވަތަ އެ ނޫންވެސް ގޮތަކުން އޭގައި ފަސް ނުޖެހޭނެ ގޮތަށް ބަންދުކުރުމާއި ޤަބުރުގެ ބޯކޮޅުގައި އެއްޗެއް ބޭއްވުމާއި މަހާނަ ކައިވަތެއްވަރަށް އުސްކުރުމާއި އެ އުސްގަނޑު މެދަށް އުފުލައިފައި ދެ ފަރާތަށް ތިރިކޮށް ބިމާ ހަމަވާގޮތަށް ބެހެއްޓުން ހިމެނެއެވެ.

މަހާނައަށް ޚިދުމަތްތެރިވުމުގެ ގޮތުން ވިޔަސް ކޮށްގެން ނުވާނެ ކަންކަމުގެ ތެރޭގައި ބިމުން މައްޗަށް ކައިވަތަކަށްވުރެ އުސްކުރުމާއި މަހާނަމަތީ އެއްވެސް ތަނެއް ނުވަތަ އެއްޗެއް ރޭނުމާއި މަހާނަ ވަށައިގެން ފާރުލައި އޭގައި ސިމެންތިޖަހައި ކުލަލައި ޒީނަތްތެރިކުރުމާއި ނުވަތަ އޭގެ ވަށައިގެން ބޯޑަރުއަޅައި ވަކިކުރުމާއި މަހާނައިގެ ވަށައިގެން ފެންސުޖެހުމާއި މަހާނަގާ ބެހެއްޓުމާއި އޭގައި ލިޔެ އަތްކަންއަޅާ ކުރެހުމާއި މަހާނަމަތީ ގަސްއިންދުމާއި އެ ތަން ފެހިކޮށް ބޭއްވުމަށް މަސައްކަތް ކުރުން ހިމެނެއެވެ.

އިމާމް މުސްލިމް ނެރުއްވައިފައި އޮތް ޙަދީޘެއްގައި ވެއެވެ. އަބޫ ޙައްޔާޖް އަލްއަސަދިއްޔު ވިދާޅުވިއެވެ. ތިމަންނާއަށް ޢަލީގެފާނު ވިދާޅުވިއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އެ ކަމަކައިގެން ތިމަންނާ ފޮނުއްވިކަންތަކައިގެން، ތިމަންނާ ކަލޭގެފާނު މި ފޮނުވަނީއެވެ. އެއްވެސް ބުދެއް ހަލާކުކޮށްނުލައި ދޫނުކުރައްވާށެވެ! އުސްކޮށް ހުރި އެއްވެސް މަހާނައެއް ބިމާ، ހަމަނުކޮށް ދޫކޮށްނުލައްވައްޗެވެ." (މުސްލިމް: 969) މަހާނައެއް ބިމާ ހަމަނުކޮށް ދޫނުކުރައްވައްޗޭ އޮތް ބަސްފުޅުގެ މުރާދަކީ ކައިވަތަކަށްވުރެ އުސްކޮށް ހަދައިފައި ހުރި އެއްވެސް މަހާނައެއް އެ ގޮތަށް ދޫކޮށްނުލެއްވުމެވެ.

މަހާނަތައް ކައިވަތަކަށް އުސްކޮށް ހުރުމާއި ގަބުރު ފާހަގަކުރަން ކައިވަތެއްވަރުގެ އުސް ގަލެއް ބޭއްވުން ހުއްދަވެގެން ވެއެވެ. އަލްމުއްޠަލިބުގެ އަރިހުން އަބޫ ދާވޫދު ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ޢުޘްމާން ބުނު މުޢާޛު އަވަހާރަވުމުން، އެކަލޭގެފާނު ފަސްދާނުވަޑުވައިފައި، ގަލެއް ގެނައުމަށް މީހަކަށް އަމުރުކުރެއްވިއެވެ. އޭނާއަށް އެ ގައު އުފުލޭ ގޮތް ނުމުވުން ޚުދު ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އެ ގައު ހިތްޕަވައިގެންވަޑައިގެން މުޢާޛުގެ ގަބުރުގެ ބޯލާކޮޅުގައި ބޭއްވެވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނު މުޢާޛުގެ ގަބުރު ފާހަގަ މި ކުރައްވަނީ ތިމަންކަލޭގެފާނުގެ އަހުލުންގެ ތެރެއިން މީހަކު އަވަހާރަވެއްޖެއްޔާ މި ކަލޭގެފާނުގެ ގަބުރުފުޅުގެ އަރިހުގައި ފަސްދާނުވެޑުވުމުގެ ބޭނުންފުޅުގައެވެ."

މި ޙަދީޘުން އެނގެނީ މަރުވެފައި އޮތް މީހާގެ ގަބުރު ފާހަގަކުރުން ހުއްދަކަމެވެ. އެ ކަން ކުރުމަށް ޓަކައި ގަލެއް ކަހަލަ އެއްޗެއް ބޭއްވުން ވެސް ހުއްދަކަމެވެ. ކައިވަތަކަށްވުރެ އުސް ނުވަންޏާ ފިލާކޮޅެއް ނޫނީ އެ ނޫން ވެސް އެއްޗަކުން ގަބުރު ފާހަގަކުރުން ހުއްދައެވެ. އެހެނަސް ކާވަތެއްގެ އުސްމިނުގައި ވެސް ގަބުރުގެ ވަށައިގެން ފެންސުޖަހައި ބޯރޑަރުއަޅައި ހެދުން ހުއްދަވެގެން ނުވެއެވެ. ހުއްދަ އޮތީ އެންމެ ގަލެއް ބޭއްވުމަށެވެ.

ކަން މިހެން އޮތްއިރު ގަބުރު މަތީ ބިނާ ހެދުމަށާއި މަހާނަ ގައު ބެހައްޓައިދިނުމަށް ޖަމާޢަތްތެރިންގެ ފަރާތުން ހިތްވަރުދީ އެއްބާރުލުން ދީގެން ނުވާނެއެވެ. އެ މަސައްކަތުގައި އުޅޭ މީހުން ވާންޖެހޭނީ ދީނާ ޚިލާފު މި ކަހަލަ ކަންކަމަށް ނޫނެކޭ ބުނާ ބަޔަކަށެވެ. އަދި މި ކަމުގައި އޮންނަ ރަނގަޅު ގޮތް ކިޔައިދީ ހޭލުންތެރިކުރާ ބަޔަކަށެވެ. ލިބޭ ލާރިކޮޅެއްގެ ދަހިވެތިކަމުގައި ދީނީ ކަންކަން އޮޅުވައި ނުލާށެވެ! އެ ފައިސާ ވެސް ހޯދި ގޮތާ ބެހޭ ގޮތުން ޤިޔާމަތްދުވަހު ޖަވާބުދާރީ ވާންޖެހޭނެއެވެ. ޚާއްޞަކޮށް މައްޔިތާގެ ޢާއިލާއަށް ކުރިމަތިވެފައިވާ ހިތާމަވެރި ވަގުތުގައި، މައްޔިތާއަށް ކޮށްދެވޭ ކަމެއްގެ ގޮތުގައި ސިފަވާހެން މި ކަންކަން ކުރުމަކީ، މީގެ ނޭދެވޭ އަސަރު ދިގުމުއްދަތެއްގައި ހިތި ގޮތަކަށް ފެނިދާނެ ކަމެކެވެ. ކަށްވަޅުގެ މަތީގައި ކުރާ އެއްވެސް ކަމަކީ ކަށްވަޅުގެ ތެރޭ އޮތް ގަބުރަށް މަންފާއެއް ވާނޭ ކަމެއް ނޫނެވެ. މިކަހަލަ ކަންކަމުން ޙަޤީޤަތުގައި މައްޔިތާއަށާއި މައްޔިތާގެ ޢާއިލާއަށް އިޙުތިރާމު ކުޑަކުރެވެނީއެވެ. މި ކަން ނުކުރާށެވެ! ނުވެސް ކުރުވާށެވެ!

comment ކޮމެންޓް