މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާއެއް ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ، މައުމޫން ޖަލަށްލީ އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރި ރިޝްވަތު ނެގުމުގެ ކުށުގެ ދެ ދައުވާ ސާބިތުވެގެންނެވެ. އެއީ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ދައުލަތުން ކުރި ހަތް ދައުވާގެ ތެރެއިން ސާބިތުވާ ކަމަށް ނިންމީ ދެ ދައުވާއެކެވެ.
އެ ދެ ދައުވާ ސާބިތުވާ ކަމަށް ނިންމުމަށް ފަހު، މައުމޫންގެ މައްޗަށް ކޯޓުން އިއްވީ ޖުމްލަ 12 އަހަރާއި ނުވަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ ކޮންމެ ދައުވާއަކަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެކެވެ.
ގާނޫނުލްއުގޫބާތުގެ ދަށުން ރިޝްވަތުގެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ކަމަށްވީ ނަމަވެސް ދައުލަތުން އެދިފައިވަނީ އަދަބުގެ ދަރަޖަ މަތިކޮށް، ބޮޑު އަދަބެއް މައުމޫންގެ މައްޗަށް ދިނުމަށެވެ. އެހެންވެ، ކޯޓުން ވަނީ އަދަބުގެ މިންވަރު މަތިކޮށްފައެވެ.
މި މައްސަލަތައް އޭނާގެ ފަރާތުން މި ދިޔަ ހަފްތާގައި ހައިކޯޓުގައި އިސްތިއުނާފު ކުރިނަމަވެސް އެ މައްސަލަތައް ހައިކޯޓަށް ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނިންމާފައިވާ ކަމުގެ މައުލޫމާތެއް ނުލިބެއެވެ.
ޕީޕީއެމްގެ ވެރިކަން ނިމުމާއެކު، މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން ދަނިކޮށް މައުމޫން ރާއްޖެއިން ބޭރަށް ގޮސް ގިނަ ދުވަސްތަކެއް ވަންދެން އުޅުނީ ރާއްޖެއިން ބޭރުގަ އެވެ. ނަމަވެސް މިދިޔަ އަހަރު ކުރީކޮޅު އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އަދި މިދިޔަ އަހަރު އޭނާ އަމިއްލައަށް ރާއްޖެ އައުމުން، އޭނާ ފުރުން މަނާކުރިއެވެ.