ރަޝިއާއިން ރޮބްލޮކްސް މަނާކުރުމުން ޒުވާނުން މުޒާހަރާ ކުރަނީ

ރޮބްލޮކްސް ބްލޮކް ކޮށްފައިވަނީ، އެ ޕްލެޓްފޯމުގައި ރަޝިޔާގެ ގާނޫނުތަކާ ޚިލާފު މައުލޫމާތު ހުރިކަމަށް ބުނެ --

މަޝްހޫރު އޮންލައިން ގޭމިން ޕްލެޓްފޯމް "ރޮބްލޮކްސް" ރަޝިޔާގެ ސަރުކާރުން އެ ގައުމުގައި ބޭނުންކުރުން މަނާކުރުމާ ގުޅިގެން، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ގިނަ އަދަދެއްގެ ޒުވާނުން މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފަށައިފިއެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަޝިޔާގެ މުވާސަލާތީ ކަންކަން ބަލަހައްޓާ އިދާރާތަކުން ރޮބްލޮކްސް ބްލޮކް ކޮށްފައިވަނީ، އެ ޕްލެޓްފޯމުގައި ރަޝިޔާގެ ގާނޫނުތަކާ ޚިލާފު "ގެއްލުންހުރި މައުލޫމާތު" ހުރިކަމަށް ބުނެއެވެ. ނަމަވެސް މި ނިންމުމާއެކު ފެނިގެންދިޔައީ ރަޝިޔާގައި އާންމުކޮށް ނުފެންނަ ފަދަ މަންޒަރެކެވެ.

ރަޝިޔާއަކީ މުޒާހަރާ ކުރުމާއި ސަރުކާރާ ދެކޮޅަށް އަޑުއުފުލުމުގައި ހަރުކަށި ގާނޫނުތަކެއް ގެންގުޅޭ ގައުމަކަށް ވީނަމަވެސް، މި ގޭމިން ޕްލެޓްފޯމް މަނާކުރުމުން، އޭގެ ބޭނުންކުރާ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން ވަނީ މިކަމާ ދެކޮޅަށް ނުކުމެފައެވެ. މިއީ ސިޔާސީ ކަންކަމަށްވުރެ ބޮޑަށް އިޖުތިމާއީ އަދި ޒުވާނުންގެ މެދުގައި މަގުބޫލު ވަސީލަތެއް ބަންދުކުރުމުން އުފެދުނު ނުތަނަވަސްކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޮބްލޮކްސްއަކީ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ މަގުބޫލު އެއް ގޭމިން ޕްލެޓްފޯމެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ކުދިންނަށް އަމިއްލައަށް ގޭމް އުފެއްދުމާއި، ރައްޓެހިންނާ ގުޅިގެން ކުޅުމުގެ ފުރުސަތު ލިބެއެވެ. ރަޝިޔާގައިވެސް މިލިއަނުން ގުނާލެވޭ އަދަދަކަށް މި ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތައް އުޅެއެވެ.

ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން ވަނީ މިކަމާ ދެކޮޅަށް ނުކުމެފަ -- ފޮޓޯ: ރޮއިޓާސް

މި މުޒާހަރާތަކާ ގުޅިގެން ރަޝިޔާގެ ސަލާމަތީ ބާރުތަކުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށް، ގާނޫނާ ޚިލާފަށް އެއްވުންތައް ނުބޭއްވުމަށް އިންޒާރު ދީފައެވެ.

ރަޝިޔާއިން އިންޓަނެޓްގެ މިނިވަންކަން ހަނިކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން، މީގެ ކުރިންވެސް ވަނީ ފޭސްބުކް، އިންސްޓަގްރާމް (މެޓާ)، އެކްސް (ކުރީގެ ޓްވިޓާ) އަދި ޑިސްކޯޑް ފަދަ މުވާސަލާތީ ގިނަ ޕްލެޓްފޯމްތަކެއް އެގައުމުގައި މަނާކޮށްފައެވެ.

މި ފިޔަވަޅުތަކަކީ ހުޅަނގުގެ ނުފޫޒު ކުޑަކުރުމަށާއި، ސަރުކާރުން ބޭނުންވާ ގޮތަށް މައުލޫމާތު ކޮންޓްރޯލް ކުރުމަށް ރަޝިޔާއިން ކުރަމުންދާ "ސޮވަރިން އިންޓަނެޓް" މަޝްރޫއުގެ ބައެކެވެ.

ރޮބްލޮކްސްއަކީ ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ހަމައެކަނި ގޭމް ކުޅުމުގެ އިތުރުން، އެކަކު އަނެކަކާ ވާހަކަދައްކައި ޚިޔާލު ބަދަލުކުރުމަށް ބޭނުންކުރާ "ވާޗުއަލް" މައިދާނަކަށް ވުމުން، މިފަދަ ޕްލެޓްފޯމްތައް މޮނިޓަރ ކުރުމަށް ސަރުކާރަށް އަބަދުވެސް ދަތިތަކާ ކުރިމަތިވެއެވެ.

ތަޖުރިބާކާރުން ދެކޭގޮތުގައި ސިޔާސީ ކަންކަމުގައި ބައިވެރިނުވާ ޒުވާން ޖީލެއް، އެކުދިންގެ މުނިފޫހިފިލުވުމުގެ ވަސީލަތްތައް ބަންދުކުރުމުން ސަރުކާރާ ދެކޮޅަށް ތެދުވުމަކީ ރަޝިޔާގެ ވެރިންނަށް ކުރިމަތިވެދާނެ އައު ގޮންޖެހުމެކެވެ.

comment ކޮމެންޓް