ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އިމްތިޔާޒު އަލީއާ އެކު ދެވަނަ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ޕަންޖާބު ލަވަކިޔުންތެރިޔާ/އެކްޓަރު ދިލްޖީތު ދޮސާންޖް ބުނެފިއެވެ.
ދިލްޖީތު އެކަން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރަސްމީ އިންސްޓަގްރާމްގައި ޕޯސްޓުކުރި ވީޑިއޯއެއް މެދުވެރިކޮށެވެ.
އެ ވީޑިއޯގައި ދިލްޖީތު އިމްތިޔާޒުއާ އެކު ފިލްމު ސެޓުގައި ބައްދަލުވުމުގެ ކުރިން ދުވަހުގެ ތާވަލު ދިޔަގޮތް ދައްކުވައިދީފައިވެއެވެ. އިމްތިޔާޒުއާ އެކު ފިލްމު ސެޓެއްގައި މަޝްވަރާތަކެއް ކުރިއަށްގެންދާ މަންޒަރު ދެއްކި ނަމަވެސް އެ ފިލްމާ ގުޅޭ އިތުރު އެހެން މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.
ޑައިރެކްޓަރު އިމްތިއާޒުއާ އެކު ދިލްޖީތު އެންމެ ފުރަތަމަ މަސައްކަތްކުރި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ބައޮގްރަފިކަލް ޑްރާމާ ފިލްމު "އަމަރު ސިންގް ޗަމްކީލާ"އެވެ.

ފިލްމު "އަމަރު ސިންގް ޗަމްކީލާ"ގެ މަންޒަރެއްގައި ޕަރިނީތީ އަދި ދިލްޖީތު--ފޮޓޯ/ހިންދުންސްތާންޓައިމްސް
ބަތަލާ ޕަރިނީތީ ޗޯޕްރާ ވެސް މުހިއްމު ރޯލް ކުޅުނު މި ފިލްމަކީ އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ މަޝްހޫރު މިއުޒީޝަން އަމަރު ސިންގް ޗަމްކީލާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ. އެ ފިލްމުގައި ޕަރިނީތީ ކުޅެފައި ވަނީ އަމަރު ސިންގް ޗަމްކީލާގެ ދެވަނަ އަނބީގެ ރޯލެވެ.
ފިލްމު "އަމަރު ސިންގް ޗަމްކީލާ" ވަނީ އެންމެ ފަހުން ބޭއްވި އިންޓަނޭޝަނަލް އެމީ އެވޯޑްސްގެ ބެސްޓް އެކްޓަރުގެ ކެޓެގަރީ އަދި ބެސްޓް ޓީވީ މޫވީ/މިނީ-ސީރީސް ކެޓެގަރީއަށް ވެސް ނޮމިނޭޓްވެފައެވެ.
އެ ފިލްމަށް އެވޯޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ބައިނަލްއަގުވާމީ އެވޯޑު ޝޯއެއްގައި ލިބުނު ސަމާލުކަމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އިމްތިޔާޒު ވަނީ ފާހަގަކޮށްފައެވެ.
އިންޑިއާގެ ކުޅަދާނަ މިއުޒީޝަން އަދި އެކްޓަރު ދިލްޖީތު ދޮސާންޖް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ ޖަނަވަރީ މަހުގެ 23ގައި ރިލީޒްކުރާ ޖޭޕީ ފިލްމްސްގެ "ބޯޑާ 2"އިންނެވެ.