މިދިޔަ އަހަރުގެ ޑިސެމްބަރުގައި ހައުސިން މިނިސްޓްރީން ހިންގާ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން، ސަރުކާރުގެ އެތައް މިނިސްޓްރީއެއްގެ މަސައްކަތަށް ބުރޫއެރުމާ ގުޅިގެން ޗައިނާގެ ފަރާތުން ދިން އެހީ، ރަސްމީކޮށް ރާއްޖެއާ ހަވާލުކޮށްފިއެވެ.
އެހީގެ ތަކެތި ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވަނީ ޗައިނާ ސަރުކާރުން ދެއްވި އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، 2.8 މިލިއަން އެމެރިކާ ޑޮލަރުގެ މި އެހީތެރިކަމުގެ ސަބަބުން ސަރުކާރުގެ މުހިންމު މަސައްކަތްތައް އަލުން ފެށުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
މި ކުއްލި އެހީގެ ޕެކޭޖްގައި ހާދިސާގައި ގެއްލުނު ތަކެތީގެ ބަދަލުގައި ބޭނުންވާ އޮފީސް ސާމާނާއި ފަރުނީޗަރު ހިމެނެއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޗައިނާއިން އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި ޢަމަލީ އެހީތެރިކަމެއް ނޫނެވެ. އެއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެއް ކަމަށް ޒަމީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އުމްރާނީ ތަރައްޤީއާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގެ ޤާބިލުކަން އިތުރުކުރުމަށް ޓަކައި ޗައިނާ ސަރުކާރުން ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުތަކާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދު އޮތް އިތުބާރު އިތުރުވެ، އެ ގުޅުން ފުޅާވެފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާއެކު ހެންޑޯވާ ސެޓްފިކެޓްގައި ސޮއިކުރައްވައި، ރަސްމީކޮށް ދިވެހި ސަރުކާރަށް އެހީގެ ތަކެތި ބަދަލުކުރުން ފާހަގަކުރައްވާފައެވެ. ވަޒީރު ވަނީ ދެޤައުމަށް ވެސް ފައިދާވާނެ ގޮތަކަށް ޗައިނާއާ އެކު އޮތް އެއްބާރުލުން އިތުރަށް ފުޅާކުރުމަށް ދިވެހިރާއްޖެއިން ޢަޒުމު ކަނޑައަޅާފައިވާކަން ތަކުރާރުކުރައްވާފައެވެ.
ކުރީގެ ހައުސިން މިނިސްޓްރީ އިމާރާތުގައި މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު ބާރަ ވަނަ ދުވަހުގައެވެ. އަމީނީ މަގުގައި ހުންނަ މި އިމާރާތުގައި ހައުސިން މިނިސްޓްރީގެ އިތުރުން ކޮންސްޓްރަކްޝަަން މިނިސްޓްރީގެ އިދާރާގެ މަސައްކަތްތައް ވެސް ހިންގައެވެ. އަދި މާލެ ސިޓީ ކައުންސިލުގެ ބައެއް ވެސް އެ އިމާރާތުގައި ހުރިކަން ފާހަގަކޮށްލަންޖެހެއެވެ. އަލިފާނުގެ އަސަރު ވަނީ އެ އިމާރާތާ ޖެހިގެން އިން ގްރީން ބިލްޑިންއަށް ވެސް ފޯރާފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ތިމާވެއްޓާ ބެހޭ ވުޒާރާ އަދި އީޕީއޭ އިދާރާގައިވެސް ބޭނުން ނުކުރެވޭ ވަރަށް އަލިފާން ހިފާފައިވެއެވެ.