ކަޕިލްގެ 'ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ'ގެ ހަތަރު ވަނަ ސީޒަން މި މަހު

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން އަދި އެކްޓަރު ކަޕިލް ޝަރުމާ--ފޮޓޯ/ބޮލީވުޑްހަންގާމާ

މީގެ އަހަރެއްހާ ދުވަސް ކުރިން ނެޓްފްލިކްސްގައި ޕްރީމިއާ ކުރަން ފެށި އިންޑިއާގެ މަޝްހޫރު ކޮމީޑިއަން/އެކްޓަރު ކަޕިލްގެ ސްކެޗް ކޮމެޑީ ޓޯކް ޝޯގެ ހަތަރު ވަނަ ސީޒަން މި މަހު ފަށާނެކަން އިއުލާނުކޮށްފިއެވެ.

"ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ނަމުގައި ނެޓްފްލިކްސްގައި ޕްރީމިއާކުރަމުން އަންނަ މި ޝޯގެ ތިން ސީޒަން މިހާތަނަށް ގެނެސްދީފައިވާއިރު އެ ތިން ސީޒަނަށް ވެސް ބެލުންތެރިންގެ ހޫނު ތަރުހީބެއް ވަނީ ލިބިފައެވެ.

ނެޓްފްލިކްސްއިން މި ޝޯގެ ޓީޒާއެއް ވެސް އާއްމުކޮށްފައިވާއިރު މިފަހަރުގެ ސީޒަންއިން ކަޕިލް 'ޖެންޒީ ބާބާ'، 'ތާއު ޖީ'، 'ރާޖާ' އަދި 'މަންތްރި ޖީ' ފަދަ ކެރެކްޓާތަކުން ފެންނާނެއެވެ.

ކަޕިލްއާ އެކު ހަތަރު ވަނަ ސީޒަންއިން ފެންނާނެ ބައިވެރިންގެތެރޭ ސުނިލް ގްރޯވަރު، ކިކޫ ޝާރުދާ، ކްރުޝްނާ އަބިޝެކް އަދި އަރުޗަނާ ޕުރަން ސިންގް ހިމެނެއެވެ. މީގެއިތުރުން މިދިޔަ ސީޒަންގައި ޝޯއާ އަލުން ގުޅުނު ނަވްޖޯތު ސިންގް ސިދޫ ވެސް ހަތަރު ވަނަ ސީޒަންއިން ފެންނާނެއެވެ.

އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ކަޕިލްއާ އެކު އޭނގެ ޝޯގެ ޝޫޓިންގްގައި--ފޮޓޯ/ފިލްމުފެއަ

ކަޕިލްގެ ޝޯގެ މުޅިން އާ ސީޒަނެއް ގެނެސްދިނުމާ ގުޅޭގޮތުން އޭނާ ބުނެފައި ވަނީ ކޮންމެ ސީޒަނެއް ނިންމާލުމަށްފަހު ދެން ގެނެސްދޭ އާ ސީޒަންގައި ހިމަނާނެ ކޮންޓެންޓާ މެދު އޭނާ ވަރަށް ފުންކޮށް ވިސްނާ ކަމަށެވެ.

މުޅިން އާ ޚިޔާލުތަކަކާ އެކު ތަފާތު ބައިތަކެއް ހިމަނަން ކަޕިލްއަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ލޯތްބާއި ތަރުހީބުގެ ސަބަބުން ކަމަށް ކަޕިލް ވަނީ ބުނެފައެވެ.

މިހާތަނަށް އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިން, މެހުމާނުންގެ ގޮތުގައި ކަޕިލްގެ ޝޯގައި ވަނީ ބައިވެރިވެފައެވެ. މިދިޔަ ސީޒަންއިން ފެނުނު ބައެއް ތަރިންގެތެރޭ ސަލްމާން ޚާން، އަޖޭ ދޭވްގަން، ސިދާތު މަލްހޯތުރާ، ޖާންވީ ކަޕޫރު، ޕަރިނީތީ ޗޯޕްރާގެ ދެމަފިރިން، އަކްޝޭ ކުމާރު، ގޯތަމް ގަމްބީރު އަދި ރިޝަބް ޕާންތު ހިމެނެއެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ހަތަރު ވަނަ ސީޒަންގެ ފުރަތަމަ މެހުމާނެއްގެ ގޮތުގައި ބައިވެރިވާނީ ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާއެވެ.

ޕްރިޔަންކާ އާއި ކަޕިލް މި ޝޯގެ ޝޫޓިންގް ފެށުމުގެކުރިން އެކީގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ހަތަރު ވަނަ ސީޒަން ނެޓްފްލިކްސްގައި ޕްރީމިއާ ކުރާނީ މި މަހުގެ 20 ވަނަ ދުވަހެވެ.

comment ކޮމެންޓް