އިންޑިއާގެ ޓީވީ ބަތަލާ ކްރިތިކާ ކަމްރާ އާއި އެކްޓަރު އަދި ކްރިކެޓް ޕްރެޒެންޓަ ގޯރަވް ކަޕޫރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާތަކުން ބުނެފިއެވެ.
ކްރިތިކާ އާއި ގޯރަވްގެ ލޯބީގެ ގުޅުމުގެ ވާހަކައަށް މީޑިއާގެ ސަމާލުކަން ލިބެން ފެށީ ބަތަލާ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކަކާ ގުޅިގެންނެވެ. ކްރިތިކާ ވަނީ ދާދިފަހުން ގޯރަވްއާ އެކު ހެނދުނުގެ ނާސްތާއަކަށް ރެސްޓޯރަންޓަކަށް ގޮސް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ.
ގޯރަވްއާ ދެ މީހުންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވާއިރު ކްރިތިކާ އާއި ގޯރަވްގެ ލޯބީގެ ގުޅުން އޮންނަ ކަމުގެ އަޑުތައް ފެތުރިފައި އޮންނަތާ މިހާރު ދެ ތިން މަސް ވެދާނެއެވެ. ގޯރަވްއާ އެކު ލޯބީގެ ގުޅުމެއް އޮންނަކަމުގެ ވާހަކަތަކެއް މީޑިއާތަކުގެ މެދުގައި ދެކެވުނު ނަމަވެސް ދެ މީހުންގެ ފޮޓޯތަކެއް މިހާތަނަށް ރަސްމީކޮށް އާއްމުކޮށްފައެއް ނުވެއެވެ.

ގޯރަވްއާ އެކު ނަގާފައިވާ ފޮޓޯތައް ކްރިތިކާ ރަސްމީ އިންސްޓަގްރާމްގައި ހިއްސާކޮށްފައި--ފޮޓޯ/އިންސްޓަގްރާމް
ދެހާސް ހަތެއްގައި އެކްޓިން ކެރިއަރު ފެށި ބަތަލާ ކްރިތިކާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ 2011 އިން 2013އަށް ސޮނީ ޓީވީއިން ގެނެސްދިން ޑްރާމާ ސީރީސް "ކުޗް ތޯ ލޯގް ކަހޭންގޭ"އިންނެވެ. ޓީވީ ޑްރާމާތަކުން މަގުބޫލުކަން ހޯދުމަށްފަހު އޭނާ ވަނީ ފަހުން ބައެއް ފިލްމުތަކުންނާއި ވެބް ސީރީސްތަކުން ވެސް ފެނިފައެވެ. އޭގެތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީސް "ތަންޑަވް" އަދި "ބަމްބައި މެރީ ޖާން" ހިމެނެއެވެ.
ފިލްމު "ޑަރްނާ މަނާ ހޭ"އިން ބޮލީވުޑްގައި ފިލްމީ ކެރިއަރެއް ފެށި ގޯރަވް ކަޕޫރު އެންމެ ފަހުން ފެނިފައި ވަނީ 2013 ވަނަ އަހަރު ރިލީޒްކުރި "ކައި ޕޯ ޗޭ"ގައި ކްރިކެޓް ކޮމެންޓޭޓަރެއްގެ ރޯލްއިންނެވެ.
ގޯރަވް ވަނީ ސައުތު ސިނަމާގެ ބައެއް ފިލްމުތަކުން ފެނިފައިވާ ބަތަލާ ކިރާތު ބައްޓަލްއާ ކައިވެނިކޮށްފައެވެ. ނަމަވެސް ކައިވެންޏަށް ހަތް އަހަރު ފަހުން ދެ މީހުން ވަނީ ވަކިވެފައެވެ.