ލަންކާއަށް އީޔޫއިން 1.8 މިލިއަން ޔޫރޯގެ އެހީ ދޫކޮށްފި

ލަންކާ އަށް ފެންބޮޑުވެފައި. ތޫފާންގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް އިޔޫއިން ވަނީ އެހީވެފައި. ފޮޓޯ/ގެޓީ

މިދިޔަ މަހު 28 ގައި ސްރީ ލަންކާއަށް އެރި ބާރުގަދަ ތޫފާނާ ގުޅިގެން ލިބުނު ބޮޑު ގެއްލުމުން އަރައިގަތުމަށް އެހީވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 1.8 މިލިއަން ޔޫރޯ ދިނުމަށް ނިންމައިފިއެވެ.

މާލީ އެހީތެރިކަމުގެ އިތުރުން އީޔޫއިން ދަނީ ސިވިލް ޕްރޮޓެކްޝަން މެކޭނިޒަމް މެދުވެރިކޮށް އިން-ކައިންޑް ރިލީފް ފޮނުވަމުންނެވެ.

އޭގެތެރޭގައި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސްގެ ޑިޒާސްޓާ ރެސްޕޮންސް އިމަޖެންސީ ފަންޑު މެދުވެރިކޮށް އަވަސް ބޯހިޔާވަހިކަމާއި ކާނާ އަދި ކޮންމެހެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިން 500،000 ޔޫރޯވެސް ހިމެނެއެވެ.

ޖަރުމަނުން 4،600 ވަގުތީ ހިޔާ ފޯރުކޮށްދީފައިވާއިރު، ފްރާންސުން ދަނީ 3،400 އަށް ވުރެ ގިނަ އިމަޖެންސީ ސާމާނު ފޮނުވަމުންނެވެ. އިޓަލީން ދަނީ ރިކަވަރީ މަސައްކަތްތަކާއި އިންފްރާސްޓްރަކްޗާ ސޭފްޓީގައި އެހީތެރިވުމަށް އިންޖިނިއަރިންގެ ތަޖުރިބާކާރުންގެ ޓީމެއް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ.

އަދި ކާރިސާގެ މިންވަރު ވަޒަންކުރުމާއި ރިލީފް އޮޕަރޭޝަންތައް ކޯޑިނޭޓް ކުރުމަށް އޮތޯރިޓީތަކަށް އެހީތެރިވެދޭނެ ސެޓެލައިޓް މެޕްތައް ވެސް އިޔޫއިން ދަނީ ފޯރުކޮށްދެމުންނެވެ.

އީޔޫގެ އިތުރުން އދ. އިން ވެސް ވަނީ ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސެންޓްރަލް އިމަޖެންސީ ރެސްޕޮންސް ފަންޑު (ސީއީއާރްއެފް) އިން 4.5 މިލިއަން ޑޮލަރު ދީފިއެވެ.

ލަންކާއަށް އެރި ތޫފާންގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް 7 ބިލިއަން ޑޮލަރު ބޭނުންވޭ. ފޮޓޯ/ގެޓީ

ތޫފާނުގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަންނަން ލަންކާއިން މަސައްކަތްކުރަމުންދާއިރު، ބޯހިޔާވަހިކަމާއި އުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ގެއްލުން ލިބިފައިވާ މިންވަރު ދެނެގަތުމަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ކުރިން ލަފާކުރިވަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ގެއްލުމުން އަރައިގަނެ، ގައުމު އާރާސްތު ކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި އަވަސް އެހީތެރިކަމަށް ލަންކާ ވަނީ ބޭނުންވެފައެވެ.

ނޮވެމްބަރު 28 ވަނަ ދުވަހު ލަންކާއަށް އެރި ތޫފާން 'ދީތްވާ' އާ ގުޅިގެން ކުރި ވިއްސާރައިގައި ލަންކާގެ ބޮޑު ސަރަހައްދަކަށް ފެންބޮޑުވެ، އެތައް ބަޔަކު ހާލުގައި ޖެހުނެވެ.

ވިއްސާރައިގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 638 އަށް އުފުލިފައެވެ.

ލިބުނު ގެއްލުމުން އަރައިގަނެ ލަންކާ އާރާސްތު ކުރުމަށް ގާތްގަޑަކަށް ހަތް ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އޮފިޝަލުން ލަފާކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު