ގެވެށި އަނިޔާ ހުއްޓުވާ އެފްޕީއޭއިން މިދިޔަ އަހަރު، 10 މިލިއަނުގެ ބަޖެޓުން 3،000 ރުފިޔާ ބާކީ ވެސް ކުރި!

އެފްޕީއޭގެ ހަރަކާތެއްގެ ތެރެއިން: ގެވެށި އަނިޔާ ހުއްޓުވާ އެފްޕީއޭއިން މިދިޔަ އަހަރު 10.7 މިލިއަން ޚަރަދުކޮށް، ބަޖެޓުގެ 3،000 ރުފިޔާ ބާކީ ވެސް ކުރި! ---- ފޮޓޯ/ އެފްޕީއޭ

ގެވެށި އަނިޔާ ހުއްޓުވަން އުފައްދާފައިވާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން މިދިޔަ އަހަރަށް ފާސްކުރި 10.7 މިލިއަން ރުފިޔާގެ ބަޖެޓުން ތިން ހާހަކަށް ވުރެ ގިނަ ރުފިޔާ ބާކީ ކުރިކަން ހާމަވެއްޖެއެވެ.

އެފްޕީއޭއަކީ ގެވެށި އަނިޔާ ހުއްޓުވުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުރެއްވި މަސައްކަތުގެ ތެރެއިން ތަސްފީގު ކުރެއްވި ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލުގެ ދަށުން އުފެއްދި އޮތޯރިޓީއެކެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ، މިދިޔަ އަހަރު އެ އޮފީހުން ކުރި މަސައްކަތްތައް އޮޑިޓުކޮށް، ރިޕޯޓު އާންމުކޮށްފައެވެ.

ކުޑަކުއްޖެއް ޕާކެއްގައި: ގެވެށި އަނިޔާ ހުއްޓުވާ އެފްޕީއޭއިން މިދިޔަ އަހަރު 13 މިލިއަނުގެ ބަޖެޓުން 3،000 ރުފިޔާ ބާކީ ވެސް ކުރި! -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ރިޕޯޓުގައި ވަނީ، މިދިޔަ އަހަރު އެފްޕީއޭއަށް ފާސްކުރި ބަޖެޓާއި ޚަރަދުކުރި މިންވަރުގެ ތަފްސީލުތައް ހިމަނާފައެވެ.

މިދިޔަ އަހަރަށް ފާސްކުރީ، 10,752,774 ރުފިޔާ ކަމަށްވާއިރު، އެ ބަޖެޓުން ޚަރަދުކުރީ 10,748,846 ރުފިޔާއެވެ. އަދި، ބަޖެޓުން 3،928 ރުފިޔާ ބާކީކުރި ކަން އެ ހިސާބުތަކުން އެނގެއެވެ.

މިދިޔަ އަހަރު އެ އޮތޯރިޓީން ރިކަރަންޓު ޚަރަދަށް ވަނީ، 10.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

އޮޑިޓު އޮފީހުން ބުނީ، މިދިޔަ އަހަރަށް އެފްޕީއޭއަށް ފާސްކުރި ބަޖެޓާއި ޚަރަދުކުރި ބަޔާނުގައި ހިމަނާފައިވާ އަދަދުތަކާއި ޕަބްލިކް އެކައުންޓިން ސިސްޓަމްގައި ހުރި ރިކޯޑުތަކުގައި އުނި އިތުރު ކަމެއް ހުރިކަން ފާހަގަވެފައިނުވާ ކަމަށެވެ.

އެ ބަޖެޓުން އެ އޮތޯރިޓީގެ ބަޖެޓުން ޚަރަދުކޮށްފައި ވަނީ، ފާސްކުރި ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށް މާލިއްޔަތު ގާނޫނާއި ގަވައިދާ އެއްގޮތަށް ކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި، އެ އަހަރުގެ މާލީ އެހެނިހެން ކަންކަން ވެސް ބަލަހަައްޓާފައި ވަނީ، މާލިއްޔަތު ގާނޫނާ ގަވައިދާ އެއްގޮތަށް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެއެވެ.

ފާހަގަކުރެވޭ ގޮތުގައި، އާންމުކޮށް އޮޑިޓު ރިޕޯޓުތަކުގައި ހުންނަނީ އެކި އިދާރާތަކުގެ މައްސަލަތައް ފާހަގަކޮށްފައެވެ. ގަވައިދުތަކާ އެއްގޮތަށް ކަންކަން ކުރި ކަން އޮޑިޓަކުން ފާހަގަވަނީ މަދު ފަހަރެއްގައެވެ.

comment ކޮމެންޓް