ނެޓްފްލިކްސްއިން ވޯނާ ބްރޯސް ޑިސްކަވަރީ (ޑަބްލިޔުބީޑީ) ގަތުމަށް އެއްބަސްވުމަކާ ހިސާބަށް ގޮސްފައި ވަނިކޮށް، އެއަށްވުރެ މަތީ އަގެއް ަކަމަށްވާ, ހިއްސާއަކަށް 30 ޑޮލަރު ދީގެން ވިޔަސް އެ ކުންފުނި ގަތުމަށް ޕެރަމައުންޓުން ހުށަހަޅައިފިއެވެ.
ޕެރަމައުންޓުން ހުށަހެޅި މި "ހޮސްޓައިލް ބިޑް"ގެ ޖުމްލަ އަގު 74.4 ބިލިއަން ޑޮލަރަށް އަރާއިރު، މިއީ ނެޓްފްލިކްސްގެ ހުށަހެޅުމަށްވުރެ ގާތްގަނޑަކަށް 18 ބިލިއަން ޑޮލަރު ބޮޑު އަގެކެވެ.
ޕެރަމައުންޓުން މި ހުށަހެޅުން ހުށަހަޅާފައިވަނީ ޑަބްލިޔުބީޑީގެ ބޯޑުގެ ބަދަލުގައި ސީދާ އެ ކުންފުނީގެ ޝެއާހޯލްޑަރުންނަށެވެ. އަދި ނެޓްފްލިކްސްގެ ބިޑަށް ދެކޮޅު ހެދުމަށް ވެސް ޕެރަމައުންޓުން ވަނީ ޝެއާހޯލްޑަރުންނަށް ގޮވާލާފައެވެ.
ނެޓްފްލިކްސްއިން ހުށަހެޅި 72 ބިލިއަން ޑޮލަރުގެ ޑީލްގައި، ޑަބްލިޔުބީޑީގެ ދަށުން ހިންގާ ސީއެންއެން އަދި ޑިސްކަވަރީ ފަދަ ކޭބަލް އެސެޓްތައް ވަކިކުރުމަށް (ސްޕިން އޮފް ކުރުމަށް) ރާވާފައިވީ ނަމަވެސް، ޕެރަމައުންޓްގެ ބިޑުގައި މި ހުރިހާ އެސެޓްތަކެއް ހިމެނެއެވެ. ޕެރަމައުންޓުން ބުނާ ގޮތުގައި ނެޓްފްލިކްސްގެ ބިޑު ބިނާވެފައިވަނީ ކޭބަލް އެސެޓްސްގެ ޚިޔާލީ ނުވަތަ 'އިލިއުސަރީ' އަގުތަކެއްގެ މައްޗަށެވެ.
މި ވާދަވެރިކަމުގެ ތެރެއަށް އެމެރިކާގެ ސިޔާސީ މަސްރަހުގެ ނުފޫޒު ވެސް ވަނީ ވަދެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނެޓްފްލިކްސްގެ ޑީލްގެ ސަބަބުން މާކެޓްގައި މޮނޮޕޮލީ އުފެދިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޕެރަމައުންޓްގެ ސީއީއޯ ޑޭވިޑް އެލިސަންއަކީ ޓްރަމްޕްގެ ވަރަށް އަރިސް ސަޕޯޓަރެއް ކަމަށްވާ ލެރީ އެލިސަންގެ ދަރިކަލުން ކަމަށްވުމުން، ސަރުކާރުގެ ރެގިއުލޭޓަރީ ހުއްދަތައް ލިބުމުގައި ނެޓްފްލިކްސްއަށް ގޮންޖެހުންތަކާ ކުރިމަތިވެދާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
ޕެރަމައުންޓްގެ ޗެއަމަން ޑޭވިޑް އެލިސަން ވިދާޅުވީ އެމީހުންގެ ހުށަހެޅުމަކީ ހޮލީވުޑްގެ ކްރިއޭޓިވް ކޮމިއުނިޓީއާއި ސިނަމާ އިންޑަސްޓްރީއަށް ފައިދާހުރި ހުށަހެޅުމެއް ކަމަށެވެ.
މީގެ އިތުރުން ޕެރަމައުންޓުން ދަނީ އެ ކުންފުނީގެ މީޑިއާ ސިޔާސަތު ވެސް ވަރުގަދަ ކުރަމުންނެވެ. އެގޮތުން 'ދަ ފްރީ ޕްރެސް' ވެބްސައިޓް ގަނެ، އޭގެ ފައުންޑަރު ބާރީ ވެއިސް ސީބީއެސް ނިއުސްގެ އިސް މަގާމަކަށް ހަމަޖައްސައި، "ބެލެންސްޑް" ޚަބަރު ގެނެސްދިނުމަށް އަމާޒު ހިފާފައިވާކަން ފާހަގަކުރެވެއެވެ.
ޕެރަމައުންޓްގެ މި ހުށަހެޅުމާއެކު ހޯމަ ދުވަހު މާކެޓް ހުޅުވުނުއިރު އެ ކުންފުންޏާއި ވޯނާ ބްރޯސްގެ ހިއްސާގެ އަގު ވަނީ 5 އިންސައްތައާއި 6 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައެވެ. ނަމަވެސް ނެޓްފްލިކްސްގެ ހިއްސާގެ އަގު ވަނީ ދަށަށް ގޮސްފައެވެ.
ޕެރަމައުންޓް ގްލޯބަލްއަކީ ދުނިޔޭގެ މުނިފޫހިފިލުވުމުގެ ސިނާޢަތުގައި އެންމެ ނަގާކިޔާ، އެމެރިކާގެ ބިޔަ މީޑިއާ ކުންފުންޏެކެވެ. ހޮލީވުޑްގެ އެންމެ ދުވަސްވީ ފިލްމު ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ "ޕެރަމައުންޓް ޕިކްޗާސް"ގެ މިލްކުވެރި ފަރާތަކީ މި ކުންފުނި ކަމަށްވާއިރު، މީގެ ދަށުން ސީބީއެސް، އެމްޓީވީ، އަދި ނިކެލޯޑިއަން ފަދަ މަޝްހޫރު ޓީވީ ނެޓްވޯކްތަކާއި ޕެރަމައުންޓް ޕްލަސް ފަދަ ސްޓްރީމިން ޚިދުމަތްތައް ހިންގައެވެ.
ފިލްމާއި ޓީވީ ޝޯ އުފެއްދުމާއި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި ވަރަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ޕެރަމައުންޓަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޯޑިއެންސްތަކަށް ކޮންޓެންޓް ފޯރުކޮށްދޭ ޒަމާންވީ މީޑިއާ ޖަޔަންޓެކެވެ.
ޕެރަމައުންޓުން ހުށަހެޅި މި އާ ހުށަހެޅުން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދެމި އޮންނާނެއެވެ.