ދިވެހިރާއްޖޭގައި ބޭއްވި ހަތްވަނަ ކެރަމް ވޯލްޑްކަޕުގައި ހޯދި ބޮޑު ކާމިޔާބީތަކާއެކު މުބާރާތުގެ އެއްވަނަ އިންޑިއާއިން ހޯދައިފިއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި މި މުބާރާތުގެ އެއްވަނަ އިންޑިއާއިން ހޯދިއިރު، އެ ގައުމުގ ވަނީ ސިންގަލްސް އިވެންޓުތަކާއި ޓީމު އިވެންޓުތަކުގައި ވެސް ތަފާތު ދައްކާފައެވެ.
ކެރަމް އުފަންވި އިންޑިއާއަކީ މި ކުޅިވަރުގެ އެއްވަނައެވެ. މިހާތަނަށް އެއްވެސް މުބާރާތެއްގައި އިންޑިއާ ފަހަތަށް ޖައްސާލުމަށްފަހު މުބާރާތުގެ އެއްވަނަ އެހެން ގައުމަކަށް ލިބިފައެއްނުވެއެވެ.
އިންޑިއާއާ އެންމެ ވާދަކުރާ ގައުމުތަކަކީ ސްރީ ލަންކާގެ އިތުރުން ދިވެހިރާއްޖެއާއި ބަންގްލަދޭޝް އެވެ.
ރޭ ބޭއްވި މުބާރާތްނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. މި އިވެންޓުގައި ވަނަވަނައަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް އިނާމުދީފައިވެއެވެ.
މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެ ގައުމުގެ ކީރުތާނާ ލޯގަނާތަންއެވެ. އަދި ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ޕްރަޝާންތު މޯރޭއެވެ.
އަންހެން އަދި ފިރިހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަންވެސް ހޯދީ އިންޑިއާއިންނެވެ. އެގޮތުން އެ ގައުމުގެ ކީރުތާނާ ލޯގަނާތަން އާއި ކާޖަލް ކުމާރީގެ ޕެއާއިން އަންހެން ޗެމްޕިއަންކަން ހޯދިއިރު ފިރިހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ސްރީނިވާސް ކޮމަރަވެއްލީ އާއި އަބީޖީތު ތުރިޕަންކަރުގެ ޕެއާއިންނެވެ.
މީގެ އިތުރުން މި މުބާރާތުގައި ކުރިއަށްދިޔަ ސްވިސް ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިންޑިއާގެ އަބްދުލް އާސިފް އަބްދުލް ސަމަދެވެ.
މުބާރާތުގައި ރާއްޖެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދީ އަންހެން ކެރަމް ޓީމެވެ. ރާއްޖޭގެ އަންހެން ކެރަމް ޓީމު ވަނީ މުބާރާތުގެ ޓީމު އިވެންޓުން ރިހި މެޑަލް ހޯދާފައެވެ.
މިއީ ކެރަމް ވޯލްޑް ކަޕުގެ ތާރީޚުގައި ޓީމު އިވެންޓުގައި ރާއްޖޭގެ ޓީމެއް ފައިނަލަށް ދަތުރުކޮށް، އެ މުބާރާތުގެ ދެވަނަ މަގާމު ހާސިލުކުރި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ އަންހެނުންގެ ޓީމު އިވެންޓުގެ ފައިނަލުގައި ރާއްޖެ ބަލިވީ އިންޑިއާ އަތުންނެވެ. އެއީ ސީދާ ތިން ގޭމުންނެވެ.
ރާއްޖޭގައި ބޭއްވި ކެރަމް ވޯލްޑް ކަޕުގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 17 ޤައުމަކުން 150 އަށްވުރެ ގިނަ އެތުލީޓުން ވަނީ ވާދަކޮށްފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި ދެވަނަ ކެރަމް ވޯލްޑްކަޕެވެ.