"ﷲގެ ކަލާމްފުޅާއި އެކު ހޭދަކުރާ ކުޑަ ހިނދުކޮޅަކުން ޚިޔާލުތަކައިއެކު ހޭދަކުރާ އެތައް ސަތޭކަ ވަގުތަކަށް ޝިފާ ލިބިދާނެއެވެ."
***
"ޖެނީފާ ނަންދޭން މޮޅުވާނެ...އަޑުއިވޭ ހިސާބުގައި ހުރިނަމަ ބުނާނެ ލޮއްލިބޮއްލި ގުޅެމެކޭ............"އަލާނާ ސިއްރު ނަޒަރަކުން ބޭރަށް ބަލައިލިއިރު އާރިކް އަދި ބާބިލްވެސް ފެންނާކަށް ނެތެވެ. އަނެއްކާ މި ފިނި ވައިޖެހޭ އަރާމު ދުވަހު ހިނގައިލަން ދިޔައީބާވައެވެ. ނޫނީ ކޮފީއަކަށް ދިޔައީ ހެއްޔެވެ؟ހިތުގައި ހުރިހާ ސިއްރެއް ފޮރުވައިގެން ހުރެ ނަފްސާނީ އަދި ޖަޒުބާތީ ދުޅަހެޔޮކަމަށް އަސަރުކުރާކަމަށް ދެކެގެން އަހެދްއާއި ހިއްސާކުރަން ނިންމިއެވެ.
***
ފީރޯޒްކުލައިގާ އޮތް އުދަރެހުގެ ކުލަ ގަދަވަމުންގޮސް ކަޅުނޫކުލައަކަށް ބަދަލުވީއިރު ދުރުން ވިލާތައް ކަނޑުގެ ސަތަހައާއި ދިމާލުން ފެންނަނީ އުފުލިފައިވާ ފަރުބަދަ ފަޅިތަކެއްހެންނެވެ. ހޫނު ވައިރޯޅިތައް މޫދުގެ ފެންގަނޑުގައި ފުނާއަޅަމުން ދިޔައީ ރިއްސާއިއެކު ފުން ފެހިކުލަތަކުގެ ޕެޓާންތައް އަރުވަމުން އާޝޯޚުކުރުވާފައެވެ. ވައިރޯޅިތައް ބާރުވަމުން ދިޔަަވަރަކަށް ހިމާޔަތެއް ނެތްގަސްތަކަށް ނުކުޅަދާނާވެ ހޫރެމުންދާތަން ފެނުނެވެ. އެއާއެކު ތޫފާން އޭގެ އެންމެ ރުޅިވެރިކަމާއެކު ހަމަލާދިނެވެ.
ގުގުރީގެ އަޑު ރަށުތެރޭގައި ގުގުމައިލީ ކަނޑުގެ އަޑީގައި އޮތް މަޚުލޫގެއް ހޭލައިގަތްހެންނެވެ. ވިދުވަރުގެ ތޫނު އަލި ނާޒުކް ގޮފިތަކާއި ފަތްތަކަށް އަލިކޮށްލުމާއެކު އަނދިރިވެލަނީ ދޭތެރެ އަވަސްކޮށެވެ. ވާރޭގެ ބޯ ތިކިތައް ފުރާޅަށް އޮއްސައިގަތުމާއެކު ކޮންމެވެސް ވަރަކަށް ވައި ހިނދުނެވެ. އާރިކް ސިޓިން ރޫމްގައި ފޮތެއް ކިޔަން އިންއިރު އަތުގައި އޮތް ޗޮކްލެޓުން ފަހަރަކު އެތިކޮޅެއް ކަމުން ދިޔައެވެ. މީހަކު ދޮރުގައި ޓަކިދޭން ފެށުމުން އޭނަ ގޮސް ހުޅުވައިލިއިރު ވާރޭ ކޯޓުލައިގެން ދޮރުމަތީގައި ހުރީ އަލާނާއެވެ. އެވަރުންވެސް މޫނުމަތީގައި ފެންތިކިތައް ވިދައެވެ.
"އަލާނާ؟"
"މިއޮތް ފިނި ދުވަހު ހަމައެކަނި ޗޮކްލެޓް؟ ކޮފީއަކާއި ކޭކު އަދި ކާއެއްޗެއް ހަވީރު ސަޔަށް ހިފައިގެން މިއައީ..ކޮބާ މާމަ......"
"ކޮޓަރީގައި.....މިއޮތް ވިއްސާރައިރު ކޮންމެހެން ނަޔަސް ރަގަޅުވީހެއްނު..."
"އާނ..އެކަމަކު މަގޭ އުފަންދުވަހަށް މަންމަ ކޭކެއް އަޅާފައި ސަޕްރައިޒް ޕާޓީއެއްދިނީމަ ދެން އާރިކްއަށް ދޭންވެސް އެތިކޮޅެއް ގެނައީ.އަހަރެން ޖޫން ނަވާރަ. ޖެމިނީއެއް..........އާރިކް ޖުލައި އެކެއް ދޯ. އެއީ ޖެމިނީ ނޫނީ .......އޯކޭ އަޅާނުލާ....އަނގަ ގަދަވީމަ ބައެއް ކުދިން ބޮލުގައި ރިއްސާނެ..." އަލާނާ އޭނަ ގެނައި ކޮތަޅު އާރިކްއަށް ދިއްކޮށްލިއެވެ."ކޮބާ ބާބިލް؟"
"އެތެރޭގައި ހެން ހީވަނީ...."
"އޯ.....ދެމީހުން ހާދަ ކްލޯޒްވެއްޖެއޭ...." އަލާނާގެ ތުންފަތް މައްޗަށް ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވިއެވެ.
"ބާބިލްއަކީ އަހަރެންގެ ކޮއްކޮ..."
"ހޫމް..އެހެން ދެކެންޏާ ރަގަޅު..."
"ތިހެންބުނީމަ ހީވަނީ ގަބޫލުނުކުރާހެން...މާމަ ކައިރިން އަހަންވީނު..."
"އާރިކްގެ ތެދުވެރިކަމާއިމެދު ޝައްކެއްނުކުރަން...އުފާވެއްޖެ އެހާ އަޅުވެރި ކޮއްކޮއެއް ލިބުނީމަ..."
"އުފާވެފައިހެން ހިޔެއްނުވޭ.."
"ތިބުނީ ތެދެއް...އުފަލެއްނުވޭ..."
"އަހަންނަށް ހީވަނީ އަހަންނަށް އާރިކްދެކެ.....ބުނާކަށް ނޭގޭ..ހިތުގައި ތަފާތު އިހުސާސްތަކެއް އެބަވޭ...."
"ވަޓް؟"
"އައި ލައިކް ޔޫ...ލައިކް.....މިބުނީ ހަމަ ހަގީގަތަށް...އާރިކްގެ ޑިމްޕަލް ފެނުނުފަހުން ރަގަޅަށް ނުނިދޭ ކަހަލަ ވައްތަރަކަށް ހިތުގައި ޚާއްސަކަމެއް ދެވިއްޖެ.."
އާރިކްގެ ލޮލުން ފެނުނީ ހުސްކަމެވެ. މާބޮޑަށްވެސް ހުސްކަމެވެ. އެއްވެސް ޝުއޫރެއްނެތެވެ. އަލާނާގެ ހިތް ގެނބުނެވެ.
"އާރިކްގެ ހިތުގައި އެކައްޗެއްވެސް ނެތް ދޯ.."މަޑުމަޑުން ބުނެވުނެވެ.
އޭނަ އަނގަ ހުޅުވާފައި ލައްޕައިލިއެވެ.
"އެއީ މައްސަލައެއްނޫން..އަހަރެންވެސް އެފަދަ ކަމަކަށް އުއްމީދެއް ނުކުރަން...އަހަރެން ހިތުގައިވާ އެއްޗެއް ބުނެލީ...ސިކުނޑި ގޮވުމުގެ ކުރިން ބުނަން ޖެހޭތީ..."އަލާނާ ދާން އެނބުރުނެވެ.
"ޢަލާނާ...އަހަންނަށް އަދި ތިބުނާ އިހުސާސްތަކާއި އެއްޗެހި ދަހެއްނުވޭ..ކުރިން ތިކަހަލަ ކަމަކާއި އުޅެފައި ނުވާތީ..."
"ޢަހަންނަށް އެކަން އެނގޭ..އެކަމަކުވެސް ހިތަށް އަނިޔާވެއްޖެ.."
އަލާނާ ދާން ހިނގައިތީ ރުޅިއަކުންނޫނެވެ. ތަމްސީލު ކުޅެންވެސް ނޫނެވެ. އެކަމަކުވެސް ނޭގުނަސް ހިތް ހަލާކުވީއެވެ. އާރިކްގެ ފަރާތުން ލޯތްބާއި އެކުވެރިކަމަށް އުއްމީދުކުރުމަކީ މޮޔަކަމެކެވެ. ބައެއްފަހަރު އިންސާނުންނަށް ހިތްއެދޭ މީހަކު ފެނުމުން މޮޔަވާ ހިސާބަށްވެސް ދަނީ ނޫންހެއްޔެވެ؟ހިތަކީ ބާރުފޯރުވޭ އެއްޗެއްނޫނޭ ބުނެއުޅެނީ އެހެންވެއެވެ. ބައެއްފަހަރު ހިތް އަތުން ވީއްލިގެންގޮސް ހިތްއެދޭ އިންސާނާގެ ފައިބުޑަށް ވެއްޓިދެއެވެ. ލަދެއްނެތި ހިތް ބަންޑުންކޮށްލައެވެ. ފައިގެ ހަމަލާއެއް އެރިޔަސް ވަރިހަމަކަމަށެވެ.
އަލާނާ ނުކުތީ އެ ބޯ ވާރޭގެ ތެރެއަށެވެ. ޖުންޖުލާ ތޫފާންގެ ކޮޅިގަނޑާއިއެކު އޭނަވެސް އުދުހިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ވައިގެ ތެރެއިން އައި ޓިނުގަނޑެއް އޭނަގެ ބޯ ކައިރިން ކަފާލާފައިގޮސް ދުރުގައި ޖެހި ދެއަތަށް ކިރެންފެށިއިރު އޭނަގެ ފިޔަވަޅުތަކަށްވެސް ހުއްޓުން އެރިއެވެ. އޭނަ ސަލާމަތްވީ ހަމަކިރިޔާއެވެ. ﷲއަށް ޝުކުރުހުއްޓެވެ.
"އަލާނާ..."އާރިކްގެ އަޑު އިވުމުން ސިހިފައި ބަލައިލިއިރު އާރިކްގެ ކާރު އޭނައާއި ކައިރިއަށް މަޑުކޮށްލީއެވެ."އަރާބަލަ...ވަރަށް ވިއްސާރައެއްނު...."
އަލާނާ އަނގައިން ބުނުމެއްނެތި އަރާފައި މޫނުގައި ހުރި ފެންތިކިތައް ފޮހެލިއެވެ. ހިތުގައިވިހާ ޒަޚަމްތަކަށް ފަސޭހަވިއެވެ. ދުލުން ނުބުންޏަސް މި އިންސާނާގެ ހިތުގައި އޭނައަށްޓަކާ އިހުސާސެއްވެއެވެ. ޝުކުރު އަދާކުރަން އަނގަ ހުޅުވައިލިތަނާ އާރިކް ބުނި ޖުމްލައިން މުޅި މީހާ ގަނޑުވިއެވެ.
"ބާބިލް ބުނެގެން މިއައީ...މިހާ ވިއްސާރައިރު އެކަނި ފޮނުވުމަކީ އިންސާނިއްޔަތާއި ޚިލާފުކަމެކޯ....އެކުއްޖާގެ ހިތް ވަރަށް ބޮޑު...."
"އާރިކް...ކާރު މަޑުކޮށްދީފާނަންތަ؟"
"އޯކޭ..."
ކާރުގެ ދުވެލި ރަަގަޅަށް މަޑުނުވަނީސް ކާރުން ފައިބައިގެން ދުވަމުންގޮސް އެހެން ދިޔަ ކާރެއް ހުއްޓުވާފައި އެރިއެވެ. އާރިކްއަށް އިސްތަށިގަނޑުގައި އަތް ހިންގައިލެވުނެވެ. އެ އަމަލުތަކުގެ މާނަ ވިސްނުނަސް ކުރިއަށް ދާން ބޭނުންނުވާ ރާސްތާއެކެވެ.
***
އެއީވެސް "ޖުންޖުލާ" ވިއްސާރަ ރެއެކެވެ. ގަސްތައް ތެންމަމުން މަގުތަކުގައިވާ ފެންތަކުގައި ބާނިތައް ލައްވަމުން ވައިގާ ތެތް ބިންގަނޑާއިއެކު ސިއްރުވެރިކަމުގެ ނަނާ އަޅުވަމުން ދިޔަ ރެއެކެވެ. އާރިކް ކޮފީތަށި ހިފައިގެން ގޮސް މަޑުކޮށްލީ ބެލްކަނީގައެވެ. އޮރެންޖް އައްޔާއެކު އެތަނުގައި ބާބިލް ހައްދާފައިވާ މާމެލާމެލީގެ މީރުވަހާއި ކޮފީގެ ވަސްއެކުވެ ޖާޒުބީ އަސަރެއް އެކުލުވައިލިއެވެ.
ގަމަރިއްޔާ ތަންކޮޅެއް ބޯފޮތީގެ ހެދުމަކާއެކު ގައިގާ ރަޖާ އޮޅާލައިގެން އައިސް އާރިކްގެ ގާތުގައި ސޯފާގައި އިށީނެވެ.
"މާމާ....ލޯތްބަކީ ކޯނޗެއްކަން އެނގޭނީ ކިހިނެއް؟"އޭނަ އެހިއެވެ.
"ލޯބި ނޫނީ ލޭގެ ޕްރެޝާތަ؟"
"ލޯބި..."އޭނަ ގެ އަޑުވެސް ވާރޭފަދައިން ހިމޭނެވެ.
"ތިބުނަނީ އަލާނާގެ ވާހަކަތަ؟"
އޭނަ ކޮށިނޭރީ ކިރިޔާއެވެ."މާމާ ނޫން....މިބުނީ....ކިހިނެއް؟"
"ތީ މަގޭ މާމަ ދަރި....ހޯމޯންސްތައް އޮޅުންބޮޅުންވާންފެށީމަ މާމައަށް އެނގޭނެ.."
"ހޫމް...އޭނަ ބުނި ވަރަށް ލައިކްވެއޭ...ވަގުތުން ހުރިތަނަށް ގަނޑުވީ..."
"އާނ..އާރިކްވެސް ހަމަ މަންމައެކޭ ތަފާތެއްނެތް..ގާތް ގުޅުންތައްދެކެ ބިރުގަނޭ...އެހެން މީހަކަށް ތިމާގެ ފަރާތުން އަނިޔާއެއްވެދާނެރީ...އެހެންވެ އޭގެ ބަދަލުގައި ކަމެއްނުކޮށް ދުރުގައި ކުޅިބަލަން ހުންނަނީ..."
"މާމަ ތިބުނީ ހަމަ ކަން އޮތްގޮތަށް..."މާމަގެ ހިކުމަތްތެރި ބަސްތަކުން ހައިރާންވިއެވެ.
"ލޯތްބަކީ އެކަމަށް ތައްޔާރުވުމުގެ އިހުސާސްކުރެވުމެއްނޫން...އެއީ އެކަމަށް ބޭނުންވުން....އޯގާތެރިވާން ބޭނުންވުން...ކަފަކޮޅެއްހާ ހިތް މަޑުވުން.....ފޮރުވަން ބޭނުންވާ ހަގީގަތްތައް ހިއްސާކުރުން..."
"މާމާ..އަހަރެންގެ ހިތް އެހާ މަޑެއްނޫން..."
"ނޫން އާރިކްއަށް ލިބފައިވަނީ މަޑުހިތެއް.އެހެންވެ އެހާ ބިރުގަންނަނީ..."
ވާރޭވެސް މަޑުކޮށްލިގޮތުން ހީވީ މާމަގެ ބަސްތަކަށް ތާއީރުކުރިހެންނެވެ.
***
ޖެނީފާ ރީހެބްގެ ކުޑަދޮރުގެ މަކުޑީގައި ދެއަތުން ހިފަހައްޓާލައިގެން ހުރިއިރު ނަޒަރުވީ ކަރުނަތިކިތައް ފަދައިން ވެހެމުން ދިޔަ ވާރެއަށެވެ.
"އަހަރެންވެސް....މިި މޫސުމާއި ވާރޭދެކެ ކިހާ ލޯބިވިން.."އޭނަ އަމިއްލަ ނަފުސާއި ވާހަކަދެއްކިއެވެ."އަހަރެން ރަށުގައި އުޅުނުއިރު...މޮޔަވުމުގެ ކުރިން......"
"މޮޔައެއްނޫން....އެއީ ސަލާމަތްވާންވެގެން ހޯދުނު ވަސީލަތެއް..."އެކޮޓަރިއަށް ވަދެގެން އައި އަހެދް ބުނެލިއެވެ.
"ޕިންޓެރެސްޓް ޝޭޚެއްފަދައިން އަބަދުވެސް ހަމަ ކުއްލި ޖަވާބެއްދޭން އެނގޭ...."
"ޖެނީފާއްތަ ރަށުގެ މަގުތައް ހަނދާން ހުރޭތަ؟ ވާރޭ ވެހެންފެށުުމުން ކަކުނިތައް ނިކުމެގަނެއެއްނު...ދައުވަތުނުދޭ މެހުމާނުންފަދައިން؟"
ޖެނީފާ ހޭންފެށިއެވެ."އަހެދްއަށް އެނގޭތަ؟ އަހަރެން އެއް ފަހަރަކު ކަކުންޏެއްގެ މޫނަށް ވޭޕްކުރިން..އެސޮރު ދެފަރާތަށް ދުވެދުވެ އޮތީ ހަމަ ބޮއިގެން އޮތް ހެން..."
"ވަރަށް ޖުންޖުލާ...."އަހެދްއަށް މަޖާވިއެވެ.
ދެމީހުން ހިމޭންކަމާއެކު ވާރެއަށް ބަލަހައްޓައިގެން ތިބިއިރު އުމުރުގައި ފުރަތަމަފަހަރަށް ޖެނީފާގެ ހިތުގައި އަރައިރުންވުމާއި ޖަދަލުކުރުމުގެ ރޫހު ކެނޑުނެވެ. އަމިއްލަ ނަފުސާއިވެސް މެއެވެ.
***
ސައިންޓިސްޓުން އެފަދަ ވަގުތީ މިޒާޖަކަށް ނަން ދޭނީ "ޖަޒުބާތާއި ދުރުވާ މޯޑް"ގެ ގޮތުގައެވެ.އަލާނާހުރީ އެފަދަ މޫޑެއްގައެވެ. އާރިކް ފެންނަކަމަށް ނަހަދާ އަޑުއިވޭކަމަށްވެސް ނަހަދައެވެ. ކުރިއަށްވުރެ ގަދަޔަށް އަނދުން އަޅާ މަޖާވާން މަސައްކަތްކުރިއެވެ. އޭނަ ދެރަވެއްޖެއްޔާ އެކަން ފައުޅުނުކޮށް އެއަށްވުރެ ގަދަޔަށް ވިދަންވާނެއެވެ.
"އަލާނާ....އަހަރެން ބޭނުން ވާހަކަ......."
"ސޮރީ...އަހަރެން އިމޯޝަނަލް ކޮންފިއުޝަން ވާހަކަ ދައްކާ ނޫޅެން..."
"ޢަހަރެން ބޭނުމީ.............."
"ޑޮކްޓަރ....މީޓިންއެއް ޝެޑިއުލްކޮށްލަންވީނު އާރިކްގެ އިހުސާސްތަކާއި..އަހަރެން މިހާރު ހަމަ ފުލްކޮށް ބުކްކޮށްފައި މިހިރީ.."
އާރިކް ފާރަށް ލެނގިލީ ހިތާމަވެރި އިޝްގީ ފިލްމެއްގެ ދިރުމެއްނެތް ބަތަލެއްހެންނެވެ. އެމަންޒަރު ދެކެން ހުރި އަހެދް ނިކްސަންގެ ބޮލުގެ ކެހެރިގަނޑުގައި ފިރުމައިލިއެވެ." އެދެމީހުން އެއް ކޮޓަރިއަކަށްލާފައި ތަޅުލާފައި ތަޅުދަނޑި ކަނޑަށް އެއްލައިލަންވީ ދޯ...ނޫނީ މުފްތީ މެންކުގެ ލެކްޗަރެއް ކިހިނެއްވާނެ؟"
ނިކްސަން އެއްބަސްވުމުގެ ގޮތުން އަޑެއް ލައްވައިލިއެވެ.
***
އަލާނާ ނިކަން ހަމަޖެހިލައިގެންހުރެ ބަލިމީހެއްގެ ފައިލް ބަލަމުން ކުޅި ޗިޕްސްކަމުން ދިޔައެވެ.ނަފްސާނީ އެހެން ޑޮކްޓަރަކު އޭނަގެ ގާތަށް އައެވެ. ޑޮކްޓަރ ޒަވީއަކީ ނިކަން ފޮނި ބޮޑާ ފިރިހެނެކެވެ. މިތަނާއި ގުޅުނީ ދާދިފަހުންނެވެ.
"އެނގޭތަ އަލާނާ...އަލާނާގެ ކުޅަދާނަކަމުން އަހަންނަށް ވަރަށް ގަޔާވެވިއްޖެ...އަހަރެންގެ ރިސާޗް ޓީމުގައި ތިކަހަލަ އަންހެންކުއްޖަކު ބެހެއްޓިދާނެ..ނޫނީ އަދި އެހެން ގޮތަކަށް...."
އަލާނާ ތެދުވުނެވެ."އަހަރެން ފޭކް ސެންޓާއި ފިރިހެނުން މާ ވަރުން އުޅެންޏާ އެލާޖިކްވޭ....."
ޒަވީ ސިހިގެން ދިޔައީ ފައިވާނަކުން މޫނުގައި ޖެހި ފަދައިންނެވެ. އަހެދްވެސް ޖެނީފާގެ ކޮޓަރިން އަންނަމުން ބޮޑުވާ އިނގިލި އުފުލައިލިއެވެ. އާރިކްއަށްވެސް އާދވުނުއިރު އަލާނާ ކަޅިއަޅައިގެން ހުރިގޮތުން އަތުގައި އޮތް ސްޓެތޯ ހޫރުވާފައި އެ ޑޮކްޓަރ ގައިގާ ޖަހާފާނެހެން ވެސް ހީވިއެވެ.
"އަހަންނަށް އާދެވުނުއިރު ކަމެއް ހިނގީތަ؟"
"މާބޮޑުކަމެއް ނުވޭ.......ޕެސްޓިސައިޑް ޖެހީ..."
ނުނިމޭ