ޖުލައި މަހު އެންސްޕާއިން އަމިއްލަ ހޮސްޕިޓަލްތަކަށް 8 މިލިއަން ޚަރަދުކުރި

އޭޑީކޭ ހޮސްޕީޓަލް: ޖުލައި މަހު ޓްރީޓޮޕް އަދި އޭޑީކޭއިން ފަރުވާ ހޯދި މީހުންނަށް އެންސްޕާއިން 8 މިލިއަން ޚަރަދުކުރި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހު، ޕްރައިވެޓް ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދި 575 ބަލިމީހަކަށް އަށް މިލިއަނަށްވުރެ ގިނަ ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ޚަރަދުކޮށްފިއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖުލައި މަހު ‏ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ މީހުންގެ ތެރެއިން ޕްރައިވެޓް ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށް ފަރުވާ ހޯދި 575 ބަލި މީހަކަށް 8،292،852.87 ރުފިޔާ އެންސްޕާއިން ވަނީ ޚަރަދުކޮށްފައެވެ.

އޭގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާއަށް 3،748،201.33 ރުފިޔާ އެންސްޕާއިން ވަނީ ޚަރަދުކޮށްފައެވެ. އެއީ، 216 ބަލިމީހަކަށެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދި 359 ބަލިމީހުންނަށް މިދިޔަ މަހު 4،544،651.54 ރުފިޔާ އެންސްޕާއިން ޚަރަދުކުރިއެވެ.

އޭޑިކޭ ހޮސްޕިޓަލުން އެންމެ ގިނަ ފަރުވާ ހޯދާފައި ވަނީ ކާޑިއޯވެސްކިއުލާ ނުވަތަ ހިތުގެ ބަލިތަކަށެވެ. އެގޮތުން 13 މީހަކަށް 1،003،453.12 ރުފިޔާ ޚަރަދުކުރިއެވެ. ދެވަނައަށް އެންމެ ގިނައިން ޚަރަދުކުރީ މައިބަދަ ނުވަތަ ނާރުގެ ބަލިތަކަށެވެ. އެގޮތުން 12 މީހަކަށް 462،256.87 ރުފިޔާ ޚަރަދުކުރިއެވެ.

މީގެ އިތުރުން ވެސް 15 ބައްޔަކަށް އެތައް މީހުންނެއް ފަރުވާ ހޯދިއެވެ. އެއީ:

  • ކުޑަކުދިންގެ ބަލިތައް: 12 ކޭސް، 402،859.63 ރުފިޔާ
  • ކަށީގެ ބަލިތައް: 25 ކޭސް، 372،371.37 ރުފިޔާ
  • ވިހެއުމާގުޅޭ: 36 ކޭސް، 362،014.53 ރުފިޔާ
  • ކަރުންމަތީގެ: 25 ކޭސް، 254،208.44 ރުފިޔާ
  • ގޭސްޓްރޯއިންޓެސްޓިނަލް: 19 ކޭސް، 229،671.98 ރުފިޔާ
  • ނޭވާލާ ނިޒާމުގެ ބަލިތައް: 12 ކޭސް، 177،369.92 ރުފިޔާ
  • ކުޑަކަމުދާ ނިޒާމުގެ ނުވަތަ ކިޑްނީގެ ބަލިތައް: 14 ކޭސް، 144،347.95 ރުފިޔާ
  • ހަމުގެ ބަލިތައް: 14 ކޭސް، 102،586.99 ރުފިޔާ
  • އެހެނިހެން ބަލިތައް: 11 ކޭސް، 91،879.08 ރުފިޔާ
  • އަންހެނުންގެ ބަލިތައް: ނުވަ ކޭސް، 71،174.24 ރުފިޔާ
  • ހެމަޓޮލޮޖިކަލް ބަލިތައް: ފަސް ކޭސް، 17،174.24 ރުފިޔާ
  • އޮޓޯއިމިއުން ބަލިތައް: އެއް ކޭސް، 16،625.55 ރުފިޔާ
  • ކެންސަރު ބަލި: އެއް ކޭސް، 16،590.36 ރުފިޔާ
  • އެންޑޯކްރައިން: ހަތަރު ކޭސް، 15،680.74 ރުފިޔާ
  • ތެލަސީމިއާ ބަލި: އެއް ކޭސް، 7،580.41 ރުފިޔާ

ޓްރީޓޮޕް ހޮސްޕިޓަލުން މިދިޔަ މަހު އެންމެ ގިނަ ފަރުވާ ހޯދާފައިވަނީ ކަށީގެ ބަލިތަކަށެވެ. އެގޮތުން، 52 މީހަކަށް 1،252،774.46 އެންސްޕާއިން ޚަރަދުކުރިއެވެ. ދެވަނައަށް އެންމެ ގިނައިން މީހުން ފަރުވާ ހޯދީ ވިހެއުމަށެވެ. އެގޮތުން 79 މީހަކަށް 1،016،121.79 ރުފިޔާ ޚަރަދުކުރިއެވެ.

މީގެ އިތުރުން ވެސް 17 ބައްޔަކަށް އެތައް މީހުނެއް ފަރުވާ ހޯދިއެވެ. އެއީ:

  • ކުޑަކުދިންގެ ބަލިތައް: 19 ކޭސް، 441،419.66 ރުފިޔާ
  • އަންހެނުންގެ ބަލިތައް: 22 ކޭސް، 363،907.30 ރުފިޔާ
  • ނޭވާލާ ނިޒާމުގެ ބަލިތައް: 30 ކޭސް، 319،524.53 ރުފިޔާ
  • ކަރުންމަތީ ބަލިތައް: 40 ކޭސް، 292،388.18 ރުފިޔާ
  • ގޭސްޓްރޯއިންޓެސްޓިނަލް: 40 ކޭސް، 250،443.40 ރުފިޔާ
  • ކުޑަކަމުދާ ނިޒާމުގެ ނުވަތަ ކިޑްނީގެ ބަލިތައް: 15 ކޭސް، 131،046.19 ރުފިޔާ
  • ހަމުގެ ބަލިތައް: 13 ކޭސް، 126،110.18 ރުފިޔާ
  • އެހެނިހެން: 17 ކޭސް، 89،494.73 ރުފިޔާ
  • ދަތުގެ ފަރުވާ: ފަސް ކޭސް، 67،586.14 ރުފިޔާ
  • ކާޑިއޯވެސްކިއުލާ ނުވަތަ ހިތުގެ ބަލިތައް: ހަތަރު ކޭސް، 46،407.68 ރުފިޔާ
  • ލޮލުގެ ބަލިތައް: ހަތް ކޭސް، 41،913.48 ރުފިޔާ
  • މައިބަދަ ނުވަތަ ނާރުގެ ބަލިތައް: ހަތް ކޭސް، 34،273.46 ރުފިޔާ
  • ކެންސަރު ބަލި: ހަތަރު ކޭސް، 25،341.02 ރުފިޔާ
  • އޮޓޯއިމިއުން ބަލިތައް: ދެ ކޭސް، 21،997.70 ރުފިޔާ
  • ހެޕަޓިކް: އެއް ކޭސް، 9،341.33 ރުފިޔާ
  • އެންޑޯކްރައިން: އެއް ކޭސް، 8،038.38 ރުފިޔާ
  • ހެމަޓޮލޮޖިކަލް ބަލިތައް: އެއް ކޭސް، 6،521.93 ރުފިޔާ

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ޖޫން މަހު އެންސްޕާއިން ޕްރައިވެޓު ހޮސްޕިޓަލުތަކުން ފަރުވާ ހޯދި މީހުންނަށް 6.5 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ.

ހަމައެއާއެކު ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް، އެންސްޕާ މެދުވެރިކޮށް ދާ ބަލި މީހުންނަށް 2،000 ޑޮލަރާ ހަމައަށް ބޭންކުތަކުން ޑޮލަރު ލިބޭނެ ގޮތް މި މަހުން ފެށިގެން ހަމަޖައްސަން އަންގަވައިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ މަހުގެ 21ގައި އިއުލާނުކުރައްވައިފައެވެ.

އެންސްޕާއަކީ ބޭސްފަރުވާގެ އިތުރުން ވެސް އެހެނިހެން މުހިންމު ކަންކަމުގައި އާންމުންނަށް މާލީ އެހީ ފޯރުކޮށްދޭ ސަރުކާރުގެ އިދާރާއެކެވެ.

comment ކޮމެންޓް