ރިފޯމް ނުކުރެވި، 5 މަސް އޮއްވާ ސަބްސިޑީ ބަޖެޓުގެ 99 އިންސައްތަ ހުސްވެއްޖެ

ކާޑުގެ ބާވަތްތަކެއް: ސަބްސިޑީ ބަޖެޓުގެ 99 އިންސައްތަ ހުސްވިއިރު އަހަރުގައި ބާކީ 5 ފަސް އެބައޮތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަބްސިޑީ ރިފޯމްނުކުރެވި، އަހަރުގައި ބާކީ ފަސް މަސް އޮއްވައި ސަބްސިޑީއަށް މި އަހަރު ކުރި ބަޖެޓުގެ 99 އިންސައްތަ ހުސްވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން އެނގިއްޖެއެވެ.

ރިފޯމްކުރަން ނިންމި ނަމަވެސް ސަބްސިޑީއާއި އާސަންދަ ރިފޯމްނުކުރެވި، ޚަރަދު ބޮޑުވާކަމުގެ ޝަކުވާ ބޮޑެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މި މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ހިނގި ޚަރަދާއި އާމްދަނީގެ ތަފުސީލުތައް އާންމުކޮށްފައެވެ. އެ ހިސާބުތަކުން އެނގޭ ގޮތުގައި މި މަހުގެ ބާކީ ދުވަސްތަކާ އެކު އަހަރުގައި ބާކީ ގާތްގަނޑަކަށް ފަސް މަސް ދުވަސް އޮއްވައި އާސަންދައާއި ސަބްސިޑީއަށް ބަޖެޓުކުރި އަދަދުގެ ބޮޑުބައެއް ވަނީ ހުސްވެފައެވެ.

އެގޮތުން، މި އަހަރު އާސަންދައަށް ބަޖެޓުކޮށްފައިވަނީ 1،859.6 މިލިއަން ރުފިޔާއެވެ. ހަތްވަނަ ދުވަހާ ހަމައަށް 1،169.8 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެހެންވެ، އާސަންދަ ބަޖެޓުގެ 62.9 އިންސައްތަ ވަނީ ހުސްވެފައެވެ.

އަދި، ސަބްސިޑީއަށް މިހާތަނަށް 1،836.4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު އެއަށް ބަޖެޓުކުރީ 1،859.6 މިލިއަން ރުފިޔާއެވެ. އެހެންވެ، ސަބްސިޑީ ބަޖެޓުގެ 99 އިންސައްތަ ހުސްވީއެވެ.

މިދިޔަ އަހަރުގެ މިހާތަނަށް ސަބްސިޑީއަށް 2،496 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެހެންވެ އަހަރުން އަހަރަށް ބަލާނަމަ މި އަހަރު ސަބްސިޑީއަށް ކުރި ހޭދައިން 650 މިލިއަނެއްހާ ރުފިޔާ ވަނީ ކުޑަކޮށްފައެވެ. އެކަމަކު، މި އަހަރު ކުޑަކޮށް ސަބްސިޑީއަށް ބަޖެޓުކުރީ ސަބްސިޑީ ރިފޯމްކޮށް، ހަމައެކަނި އެންމެ ބޭނުންވާ މީހުންނަށް އެކަނި ސަބްސިޑީ ލިބޭ ގޮތް ހަދާށެވެ. ސަބްސިޑީ ބަޖެޓު އެއްކޮށްހެން ހުސްވީ އެކަން ނުކުރެވުމުންނެވެ.

ރާއްޖޭގައި ކަރަންޓާއި ކާޑުގެ ބާވަތްތައް ހިމެނޭހެން ބޮޑު ޚަރަދެއް ސަބްސިޑީއަށް ކުރެއެވެ. އެކަމަކު، އެންމެ ބޭނުންވާ މީހުންނަށް އެކަނި ސަބްސިޑީ ދޭގޮތަށް ރިފޯމްކުރަން ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ. އެކަމަކު، އެކަމެއް ނުކުރެއެވެ.

https://sun.mv/209658

ފިނޭންސްގެ ހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް ސަރުކާރުން ޖުމުލަ ޚަރަދުކޮށްފައިވަނީ 22.3 ބިލިއަން ރުފިޔާއެވެ. އެއީ، ލިބުނު އާމްދަނީއަށްވުރެ ކުޑަ ޚަރަދެކެވެ. އެގޮތުން، އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 23.7 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެކަމަކު، ބަޖެޓު އަރަނިވި ކަމަށް މިނިސްޓްރީން ބުނާއިރު ސަޕްލަޔަރުންނަށް ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދައްކާ އެބައޮތެވެ. އެކިއެކި މަޝްރޫއުތަކަށް އަމިއްލަ ކުންފުނިތަކަށް ދޫކުރަންޖެހޭ ފައިސާ ދޫނުކޮށް، ގިނަ ދުވަސްވުމުގެ ސަބަބުން އެ ކުންފުނިތަކުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

ހިސާބުތަކުން ދައްކާ އިތުރު ބައެއް ކަންކަން:

  • މުސާރައަށް ކުރާ ޚަރަދު ކުޑައެއް ނުކުރެވޭ، މި އަހަރު 8.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފި
  • މަޝްރޫއުތައް ނުހިނގާތީ އެ ޚަރަދުން 4.2 ބިލިއަން ރުފިޔާ ދަށް
  • އިގުތިސާދު ދަށްވެ، އިމްޕޯޓު ޑިއުޓީއާއި ވިޔަފާރިތަކުން ނަގާ ޓެކުހުން ލިބޭ އާމްދަނީ ދަށް
  • އެހީގެ ގޮތުގައި ލިބުނީ އަންދާޒާގެ އެންމެ 6.6 އިންސައްތަ

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ފިނޭންސްގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ހަތް މަސް ތެރޭ ރާއްޖެއަށް ހިލޭ އެހީއަށް ލިބުނީ އަންދާޒާކުރި އަދަދުގެ އެންމެ 6.6 އިންސައްތަ -- ފޮޓޯ/ ރައީސް އޮފީސް

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖެއަށް ދަރަނީގެ ބިރުވެރިކަން ބޮޑެވެ. އެގޮތުން، މި އަހަރު 688 މިލިއަނެއްހާ ޑޮލަރު ދަރަންޏަށް ދައްކަންޖެހޭއިރު އަންނަ އަހަރު އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެއެވެ. އެހެންވެ، ބޭރުގެ މާލީ އިދާރާތަކުން ރާއްޖޭގެ ޚަރަދު ބޮޑުކަމުން ކަންބޮޑުވުން ފާޅުކުރެއެވެ.

ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވެސް ވަނީ ރާއްޖެއަށް ދީފައި އޮތް 'ޖަންކް' ރޭޓިން ދަމަހައްޓާފައެވެ. އެއީ، ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުވުމުން ދޭ ރޭޓިންއެކެވެ. އެހެންވެ، ހިލޭ އެހީއާއި ލޯނު ލިބުން ވަރަށް ބޮޑަށް ދައްޗެވެ.

އެ ކަމުގެ ސަބަބުން ރާއްޖޭގެ ބޭންކްތަކަށް ވަންނަ ޑޮލަރުގެ 90 އިންސައްތަ މަރުކަޒީ ބޭންކް، އެމްއެމްއޭއަށް މާރުކުރަން ވަނީ މަޖުބޫރުކޮށްފައެވެ. އޭގެ ތެރެއިން ބައެއް ބޭންކްތަކަށް އަނބުރާ ވިއްކާ ކަމަށް އެމްއެމްއޭއިން ބުނި ނަމަވެސް ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 20 ރުފިޔާއިން މައްޗަށް އަރާފައެވެ. މިއީ ދިވެހި ރުފިޔާގެ އަގު މިހާ ބޮޑަށް ދަށްވީ ފުރަތަމަ ފަހަރެވެ.

ބޭރުގެ އިދާރާތަކުން ވަނީ އާސަންދައާއި ސަބްސިޑީ ރިފޯމްކުރަން ގޮވާލައިފައެވެ. އެ ގޮތަށް ޕެންޝަން ހިމެނޭހެން ގިނަ ރިފޯމްތަކެއް މި އަހަރުގެ ބަޖެޓުގައި ހިމެނިއެވެ. އޭރު ސަރުކާރުގެ އިސްވެރިން ވެސް ވަނީ ޚަރަދު ކުޑަނުކޮށް އަޑިގަނޑުން އަރައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، އެ ފިޔަވަޅުތައް ތަންފީޒެއް ނުކުރެވެއެވެ.

އޭގެ ފަހުން ސަރުކާރުން ވަނީ ޚަރަދު ކުޑަކުރާނީ މަޝްރޫއުތައް ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ހިންގައިގެން ކަމަށް ބުނެފައެވެ. އެކަމަކު، އެކަށިގެންވާ އަދަދަކަށް ޚަރަދު ކުޑަވާ މަންޒަރެއް ހިސާބުތަކަކުން ނުފެނެއެވެ.

ދަރަނި ނުދެއްކުމުގެ ބިރުވެރިކަން ރާއްޖެއަށް އޮތް ނަމަވެސް ސަރުކާރުން އަންނަނީ ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން ދެމުންނެވެ.

comment ކޮމެންޓް