އިންޑިއާއަކީ ތަރައްގީގައި ދިވެހިރާއްޖެއަށް އަބަދު ވެސް އިތުބާރުކުރެވޭ ބައިވެރިއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު ވަނީ އިންޑިއާގެ ރައީސާއި ބޮޑުވަޒީރަށް އެ ގައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އިންޑިއާގެ ރައީސް ދްރޫޕަތީ މުރްމޫއާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި އިންޑިއާގެ ރަހުމަތްތެރި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ރައްދުކުރާ ކަމަށެވެ.
"އިންޑިއާއަކީ އަބަދު ވެސް ތަރައްގީގައި ރާއްޖެއަށް އިތުބާރުކުރެވޭ ބައިވެރިއެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދެ ގައުމުގެ ރައްޔިތުންގެ ގުޅުމާއި ތަރައްގީގެ މަޝްރޫއުތަކުން ދެ ގައުމުގެ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމަށެވެ. އެ ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިއަދަކީ އިންޑިއާގެ 79 ވަނަ މިނިވަން ދުވަހެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހު 26 ގައި ފާހަގަކުރި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު މޯދީއެވެ.
މި ސަރުކާރުގެ ކުރީކޮޅު ނައިބު ވަޒީރުންތަކެއް މޯދީއަށް ކުޑައިމީސްކުރުމުން ދެ ގައުމުގެ ގުޅުން ދުވަހަކު ގޯސްނުވާ މިންވަރަށް ގޯސްވިއެވެ. އިންޑިއާގެ ފަންނާނުން ވަނީ ރާއްޖެ ބޮއިކޮޓުކުރަން ވެސް ގޮވާލާފައެވެ. އެކަމަކު، އެ ފަހުން ސަރުކާރުން އަންނަނީ އިންޑިއާއާ އެކު ގުޅުން ވަރުގަދަކުރަން ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އެ ގޮތުން، ދެ ފަހަރެއްގެ މަތިން ރައީސް މުއިއްޒު ވެސް އިންޑިއާއަށް ވަޑައިގެންފައިވެއެވެ.