މި އަހަރު ސިނަމާތަކަށް ގެންނާނެ އިރެއްގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބި ޕީޕަލް މީޑިއާ ފެކްޓަރީގެ ތެލުގޫ ފިލްމު "މިރާއީ" ހިންދީ މާކެޓަށް ގެނެސްދޭނީ ބޮލީވޫޑް ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްއިން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމު "މިރާއީ"ގެ ވިޝުއަލް އެފެކްޓްސް ފެނުމާ އެކު އެއީ ސައުތު ސިނަމާގެ އޯޑިއަންސާ އެކު ހިންދީ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ވެސް ގެނެސްދިނުން މުހިންމު ފިލްމެއްކަން އެނގުނު ކަމަށެވެ.
ފިލްމު "މިރާއީ"ގެ ވާހަކައާއި ވިޝުއަލް އެފެކްޓްސް ގެނެސްދީފައިވާލެއް ފުރިހަމަކަމުން އެއީ މި ފަހުން ފިލްމުތަކުން އާންމުކޮށް ނުފެންނަ ފެންވަރަށް އޭގެ ވިޝުއަލް އާޓްސްގެ މަސައްކަތްކޮށްފައިވާ ފިލްމެއް ކަމަށް ކަރަން ވަނީ ބުނެފައެވެ.

ފިލްމު "މިރާއީ"ގެ މަންޒަރެއްގައި އެކްޓަރު ތޭޖް--ފޮޓޯ/ބޮލީވުޑްހަންގާމާ
ދަރުމާ ޕްރޮޑަކްޝަންސްއިން ފިލްމުގެ ހިންދީ ޓްރެއިލާ ރިލީޒްކުރަމުން ބުނެފައިވަނީ، ފިލްމު ހިންދީ މާކެޓަށް ގެނެސްދިނުމަށް ލިބުނު ފުރުސަތާ އެކު ފިލްމުގައި ހިއްސާވުމަކީ ދަރުމާ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ސައުތު ޑައިރެކްޓަރު ކާތިކް ގައްޓަމްނެނީ އުފައްދާ މި ފިލްމަކީ ވަރަށް ގްރޭންޑްކޮށް ބޮޑު ބަޖެޓަކުން ގެނެސްދޭ ފިލްމެކެވެ. ފިލްމު "މިރާއީ"ގެ ކާސްޓުގައި ހިމެނެނީ ތޭޖާ ސައްޖާ، ރިތިކާ ނަޔަކް، ޖަގަޕަތީ ބާބޫ، ޝްރިޔާ ސަރަން އަދި މަނޯޖު ކުމާރުގެ އިތުރުން ޖަޔަރާމްއެވެ.
ދަރުމާ ކުންފުނިން މިހާތަނަށް ހިންދީ މާކެޓަށް ގެނެސްދިން ފިލްމުތަކުގެ ތެރޭ ޑައިރެކްޓަރު އެސްއެސް ރާޖާމޮލީގެ ފިލްމު "ބާހޫބަލީ"ގެ ދެ ފިލްމު އަދި ޖޫނިއަ އެންޓީއާރް ލީޑް ރޯލް ކުޅުނު ފިލްމު "ދޭވަރާ" ހިމެނެއެވެ.