ކުރީގެ ރައީސް އަބްދުالله ޔާމީން އިސްކޮށް އުފެއްދެވި ޕީއެންއެފްގެ ފުރަތަމަ ބޮޑު ޖަލްސާ, އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާނެ ކަން މިރޭ ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
"ވޭކް އަޕް"ގެ ނަމުގައި ޕީއެންއެފުން ވަނީ މިދިޔަ ހޮނިހިރު ދުވަހު އެ ޕާޓީގެ ރަސްމީ މީޑިއާ ގްރޫޕުގައި ޕޯސްޓެއް ހިއްސާކޮށްފައެވެ.
އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވެސް ސޯޝަލް މީޑިއާގައި އެ ޕޯސްޓަރު ހިއްސާކުރައްވާފައި ވެއެވެ. އެކަމަކު އާޓިފިޝަލް ބީޗުގައި ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ޖަލްސާ އޮންނާނެކަން ޕީއެންއެފުން ހާމަކުރީ މިރޭ ބޭއްވި އެ ޕާޓީގެ ޖަގަހަ ޖަލްސާގައެވެ.
އަންނަ ބުރާސްފަތީގައި އޮންނަ އެ ޖަލްސާގައި ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއީ ސިލްސިލާކޮށް ކޮންމެ ހަފްތާއަކު ޕީއެންއެފުން އެ ޕާޓީގެ އޮފީހުގައި ބާއްވަމުން އަންނަ ޖަލްސާތަކަށް ފަހު ބޮޑު ޖަލްސާ އެއް ބާއްވާ ފުރަތަމަ ފަހަރެވެ.
ޔާމީންގެ ޕީއެންއެފް އުފެއްދެވުމަށްފަހު މިއަދާ ހަމައަށް ވެސް ޖަލްސާތައް ބާއްވައި، ސަރުކާރާއި، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކަންކަމަށް ފާޑު ވިދާޅުވަމުން ގެންދެވީ އެ މަނިކުފާނުގެ ގެކޮޅުގައި ބާއްވާ ޖަލްސާތަކުގައެވެ.
އެހެންވެ އެ ކަމަށް ފާޑު ކިޔައި، ވާދަވެރިން އެއީ "ސިޓިން ރޫމް" ޖަލްސާތަކެއްގެ ގޮތުގައި ވެސް ސިފަކުރިއެވެ.
ވެރިކަމަށް ޕީއެންސީ އައިތާ ހަފުތާއެއް ނުވެ، ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާދެއްވައި، އާ ޕާޓީއެއް އުފައްދަވައިފައެވެ. އެގޮތުން، ޔާމީން އިސްވެ ޕީއެންއެފް އުފައްދަވައި، އެ ޕާޓީ ރަޖިސްޓްރީކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 25ވަނަ ދުވަހެވެ.
ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ އެކި ކަންކަމުގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.