މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި މައްސަލައިގެ ޝަރީއަތް ފަށައިފި

މާލޭ ގެއެއްގައި މީހަކު ރަހީނުކޮށް އޭނާއާމެދު މާރާމާރީ ހިންގި މައްސަލައިގެ ތުހުމަތުގައި ބަންދުގައި ތިބި މީހުން -- ސަން ފޮޓޯ/ މޫސާ ނަދީމް

މާލޭގައި މީހަކު ރަހީނު ކުރުމަށް ފަހު އެ މީހާގެ އިނގިއްޔެއް ބުރިކުރި މައްސަލާގައި ހިމެނޭ މީހުންގެ ޝަރީއަތް ފަށައިފިއެވެ.

މާލޭގައި މީހަކު ރަހީނު ކުރުމަށް ފަހު އެ މީހާގެ އިނގިއްޔެއް ބުރިކުރި މައްސަލާގައި ދައުލަތުން، ފަސް މީހެއްގެ މައްޗަށް ދައުވާ ކުރެއެވެ. އޭގެ ތެރެއިން ބައެއް މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. މި މައްސަލައިގައި އަނިޔާ ލިބުނު މީހާއަކީ ކުށުގެ ތުހުމަތުވާ ބައެއް މީހުންނާ އެކު އެއް ތަނެއްގައި މަސައްކަތް ކުރާ މީހެކެވެ. ތުހުމަތުވާ މީހުންގެ ތެރޭގައި ސިފައިންގެ މީހުން ވެސް ހިމެނެއެވެ.

މި މައްސަލައިގެ ބަންދު މަރުހަލާގައި ދައުލަތުން ދައުވާ އުފުލި މީހުން ބުނެފައިވަނީ އެމީހާ ރަހީނު ނުކުރާ ކަމަށާއި ގަސްތުގައި އަނިޔާ ވެސް ދީފައިނުވާ ކަމަށެވެ. އަދި އޭނާގެ އިނގިލި ބުރިވެފައިވަނީ ޕަވާޓޫލެއް ބޭނުން ކުރަނިކޮށް ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންނަމަވެސް މި މައްސަލައިގެ ޝަރީއަތް މިއަދު ފެށުނުއިރު، ޝަރީއަތުގައި އެނގުނު ގޮތުގައި އަނިޔާވެރި އަމަލުތަކެއް މި މީހުންވަނީ ހިންގާފައެވެ.

މީހަކު ރަހީނުކޮށް އިނގިލި ބުރި ކޮށްލި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

  1. އަހްމަދު ޒަޔާން / ލިންކް ލ. ގަން
  2. މުހައްމަދު ނައުޝާން ޙުސައިން / އުތުރުގެއާގެ ތ. ތިމަރަފުށި
  3. ޢަލީ ސާމީ / މެހުރާ ރ. ކަނދޮޅުދޫ
  4. މުޙައްމަދު ނަފާހް / ފުލްމޫން ކ. މާފުށި
  5. އަހްމަދު ސާއިފް ވަހީދު / ހުދުވެލލި ގދ. ގައްދޫ

މި މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމާއި، މީހެއްގެ ގުނަވަނެއް ނެތިދާފަދަ ގޮތަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ހިމެނެއެވެ.

މިއަދު މި މައްސަލައިގެ ޝަރީއަތުގައި މީގެ ތެރެއިން އެކަކުވަނީ އޭނާ އެކަމުގައި ބައިވެރިނުވާކަން ހާމަކުރުމުގެ ގޮތުން އޭނާގެ ލޯބިވެރިޔާ ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅާފައެވެ. އަދި މައްސަލައިގެ ހެކިބަހުގެ މަރުހަލާއަށް ދާއިރު، އަނިޔާ ލިބުނު މީހާގެ ހެކިބަސް އެންމެ ކުރިން ނެގުމަށްވަނީ ދައުވާ ލިބޭ ބައެއް މީހުންގެ ފަރާތުން އެދިފައެވެ. ދައުވާ ލިބޭ މީހުންވަނީ ދައުވާތަކަށް ކޯޓުގައި އިންކާރުކޮށްފައެވެ.

މިއަދުގެ ޝަރީއަތުގައި ގާޒީވަނީ ކުރިއަށް އޮތް އަޑު އެހުމުގައި ދައުލަތުގެ ހެކިން ހާޒިރު ކުރާނެ ކަން އިއުލާން ކުރައްވާފައެވެ.

comment ކޮމެންޓް