އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރަން ޝާހިދު ގޮވައިލައްވައިފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ނާގާބިލު އެސްއޯއީތަކާ ހަވާލުކުރުމުގެ ބަދަލުގައި އަމިއްލަ ކުންފުނިތަކާ މަޝްރޫއު ހަވާލުކުރަން އޭނާ ގޮވާލެއްވި -- ސަން ފޮޓޯ/ މޫސާ ނަދީމް

މާލީގޮތުން ގާބިލުކަން ނެތް ސަރުކާރު ކުންފުނިތަކަށް މަޝްރޫއުތައް ދިނުން ހުއްޓާލައި އަމިއްލަ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރުމަށް، އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު މިއަދު ގޮވާލައްވައިފިއެވެ.

މިދިޔަ އެމްޑީޕީ ސަރުކާރުގައި ފޮރިން މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި ޝާހިދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކަށް ހަވާލުުނުކޮށް، ސަރުކާރު ކުންފުނިތަކަށް ހަވާލުކުރާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެގޮތުން ޝާހިދު ވިދާޅުވީ ރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުނުކޮށް ސަރުކާރު ކުންފުނިތަކާ އެކަނި ހަވާލުކުރުމުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އާމްދަނީ ލިބޭނެ މަގުތައް ބަންދުވެފައިވާ ކަމަށެވެ.

އޭގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް ދަތިތަކާ ކުރިމަތިވެ، އިގްތިޞާދުގައި ދައުރުވާ ފައިސާ މަދުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"މި ނާޒުކު ވަގުތުގައި މާލީ ޤާބިލްކަން ނެތް ދައުލަތުގެ ކުންފުނިތަކަށް ތަރައްޤީގެ މަޝްރޫޢުތައް ދިނުން ހުއްޓާލައި، އަމިއްލަ ކުންފުނިތަކަށް ޕްރޮޖެކްޓްތައް ލިބޭގޮތް ހަދާ، އާންމު ރައްޔިތުން މި ދަތި ހާލުން ސަލާމަތްކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަން،" ޝާހިދުގެ ޕޯސްޓުގައި ވެއެވެ.

ޝާހިދު މިހެން "އެކްސް"ގައި ލިޔުއްވާފައިވަނީ ބ. އަތޮޅަށް މި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި، ކްލާސްރޫމް އެޅުމާއި ހޮސްޕިޓަލް އިމާރާތް އެޅުން ފަދަ ބައެއް މަޝްރޫއުތައް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފަދަ ކުންފުނިތަކަކާ ހަވާލުކޮށްފައި ވަނިކޮށެވެ.

މި ނޫން ވެސް މަޝްރޫއުތައް އެ ކުންފުނިތަކާ މި ފަހުން ސަރުކާރުން ހަވާލުކޮށްފައިވެއެވެ.

މީގެ ކުރިން، ކްލާސްރޫމްތައް އެޅުމާއި މަަރާމާތުކުރުމާއި އެ ނޫން ވެސް މަސައްކަތްތައް އާންމު ގޮތެއްގައި ކޮންޓްރެކްޓުކުރަނީ އަމިއްލަ ކުންފުނިތަކަށެވެ.

އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ކޮންޓްރެކްޓު ނުކުރާތީ ގިނަ އަދަދެއްގެ ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ ވިޔަފާރިތަކަށް ގެއްލުންވާ ކަމުގެ ޝަކުވާ ވެސް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް