'ގްރޭޓާ އިސްރާއީލު' ތަސައްވުރު ދިވެހިރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ހިފާފައިވާ ސަރަހައްދުތަކުގައި ގާއިމްކުރުން "ގްރޭޓާ އިސްރާއީލު"ގެ ނަމުގައި އިއުލާންކުރި ތަސައްވުރު ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު، ފަލަސްތީނު ރައްޔިތުންގެ އަމިއްލަ ނިންމުމުގެ ހައްގަށް އުނިކަން ލިބޭ ކަމެއް ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އިސްރާއީލުގެ ވަޒަންވެރިވުމުގެ އަދި ބިންތައް ފުޅާކުރުމުގެ ރޭވުންތަކަށް ދިވެހިރާއްޖެއިން ހަރުކަށިކަމާއެކު ދެކޮޅު ހަދާ ކަމަށެވެ. އަދި މި ކުރިއަރަމުންދާ ހަނގުރާމައިގައި ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އެބައިމީހުންގެ ވޭންތަކަށް ނިމުމެއް ގެނައުމަށް ބައިނަލްއަގްވާމީ މަސްރަހުން ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއިން ފަލަސްތީނާއެކު ސާބިތުކަމާއެކު ދެމި ތިބޭނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ގްރޭޓާ އިސްރާއީލު

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ގައުމުގެ ޓީވީ ޗެނަލްއެއްކަމަށްވާ "އައި-24" އަށް އިއްޔެ، ދެއްވި ބަސްދީގަތުމެއްގައި "ގްރޭޓާ އިސްރާއީލު" އުފެއްދުމުގެ ތަސައްވުރެއް ވަނީ ހާމަކުރައްވައިފައެވެ.

ނަތަންޔާހޫ ވިދާޅުވީ، އިރާގުގެ ފުރާތު ކޯރުން ފެށިގެން މިސްރުގެ ނީލަ ކޯރާ ހަމައަށް އެއީ އިސްރާއީލު ބޮޑުކޮށް ފުޅާކުރަންޖެހޭ ސަރަހައްދު ކަމަށެވެ. އަދި މިއީ ދީނީ ކަމެއް ކަމަށާއި، މި މަސައްކަތް އޭނާއާ ހަވާލުކޮށްފައިވަނީ ހެއްދެވި ފަރާތުންކަމުގެ އިހުސާސް ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ އިސްރާއީލުގެ ބޮޑުވަޒީރަކު މިފަދަ ވާހަކައެއް މިހާ ފާޅުކަން ބޮޑުގޮތެއްގައި ދެއްކި ފުރަތަމަ ފަހަރުކަމަށް މުހައްލިލުން ފާހަގަކުރެއެވެ.

ނަތަންޔާހޫގެ މި ބަސްތަކާ ގުޅިގެން އަރަބި ލީގާއި، ގިނަ އަރަބި ގައުމުތަކުން ވަނީ ބަޔާންތައް ނެރެ، ނަތަންޔާހޫގެ ވާހަކަތައް ކުށްވެރިކޮށްފައެވެ. އެ ބަޔާންތަކުގައި، މިފަދަ ވާހަކަތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި އދ.ގެ ޗާޓަރާ ފުށުއަރާ ވާހަކަތަކެއް ކަމަށް ސިފަކޮށްފައިވެއެވެ.

comment ކޮމެންޓް