ހިފާފައިވާ ގުދްސު (14 އޮގަސްޓް 2025) : ފަލަސްތީނުގެ އިތުރުން ލުބްނާން، ސޫރިޔާ އުރުދުން ސައޫދީ އަދި މިސްރާއި އިރާގުގެ ބޮޑު ބައެއް ހިމެނޭގޮތަށް އިސްރާއީލުގެ ބޮޑު ދައުލަތް "ގްރޭޓާ އިސްރާއީލު" އުފައްދަން ޖެހޭކަމަށް ބުނެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަ ދެއްކުމުން އަރަބި ލީގު އަދި އަރަބި ގިނަ ގައުމުތަކަކުން އެކަމާމެދު ކަންބޮޑުވެ ނުރުހުން ފާޅުކޮށް ބަޔާންތައް ނެރެފިއެވެ.
މި ބަޔާންތަކުގައި ނަތަންޔާހޫގެ މި ވާހަކަތައް ކުށްވެރިކޮށް މިއީ ބައިނަލްއަގްވާމީ ގާނޫނާއި އދ. ގެ ޗާޓަރާ މުޅިން ފުށުއަރާ ވާހަކަތަކެއް ކަމަށް ސިފަކޮށްފައިވެއެވެ.
މިފަދަ ވާހަކަތަކުގެ ސަބަބުން މެދުއިރުމަތީގެ ސުލްހަ ގެއްލި މުޅި ސަރަހައްދު ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެކަމަށް އަރަބި ބަޔާންތަކުގައި ބުނެފައިވެއެވެ.

ނަތަންޔާހޫ ގްރޭޓާ އިސްރާއީލުގެ ތަސައްވުރާ ބެހޭގޮތުން ވާހަކަ ދައްކަނީ
ނަމަވެސް ފަލަސްތީނުގެ އިތުރުން ލުބްނާން، ސޫރިޔާ އުރުދުން ސައޫދީ އަދި މިސްރާއި އިރާގުގެ ބޮޑު ބައެއް ހިމެނޭގޮތަށް އިސްރާއީލުގެ ބޮޑު ދައުލަތް "ގްރޭޓާ އިސްރާއީލު" އުފެއްދުމާ ބެހޭގޮތުން ނަތަންޔާހޫ ހުށަހެޅި ތަސައްވުރާ ކުރިމަތިލާނެކަމުގެ ހަރުކަށި އިންޒާރު އަރަބި ލީގުން ވެސް އަދި އަދި އަރަބި ގައުމުތަކުން ނެރުނު ބަޔާންތަކުގައި ވެސް އިސްރާއީލަށް ދީފައެއް ނުވެއެވެ.
އަދި "ގްރޭޓާ އިސްރާއީލު" އުފެއްދުމުގެ ތަސައްވުރު ހަގީގަތަކަށް ހެދުމުގެ ފުރުސަތު ނުދިނުމަށް އަރަބިން ގުޅިގެން މަސައްކަތް ކުރާނެކަމަށް ވެސް އެ ބަޔާންތަކުގައި ބުނެފައެއް ނުވެއެވެ.
އަރަބި ލީގާއި ސައޫދީ، އުރުދުން، މިސްރު، ލުބްނާން އިރާގު ގަތަރު އަދި އެނޫންވެސް އަރަބި ގައުމުތަކުން ނެރުނު ބަޔާންތަކުގައި ވަނީ ހަމައެކަނި މިކަން ކުށްވެރިކޮށްލުމުގެ ޑިޕްލޮމެޓިކް ވާހަކަ ތަކެކެވެ. ނަތަންޔާހޫގެ ވާހަކައިގެ ނުރައްކަލާ ކުރިމަތި ލެވޭވަރުގެ ބުރަދަންހުރި ބަޔާންތައް އަރަބިން ނެރެފައި ނުވާކަން މުހައްލިލުން ފާހަގަ ކުރައްވައެވެ.
އަރަބި އެތައް ގައުމެއް އަތްދަށުލުމަށްފަހު އެތަންތަނުގައި އިސްރާއީލުގެ ބޮޑު ދައުލަތް "ގްރޭޓާ އިސްރާއީލު" އުފެއްދުމާބެހޭ ތަސައްވުރު ހާމަކޮށްފައިވަނީ ބައިނަލްއަގްވާމީ އަދާލަތަށް ބޭނުންވެފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެ ގައުމުގެ ޓީވީ ޗެނަލް އެއްކަމަށްވާ "އައި -24" އަށް އިއްޔެ ދިން ބަސްދީގަތުމެއްގައެވެ.
ނަތަންޔާހޫ ބުނެފައިވަނީ އިރާގުގެ ފުރާތު ކޯރުން ފެށިގެން މިސްރުގެ ނީލަ ކޯރާ ހަމައަށް އެއީ އިސްރާއީލު ބޮޑުކޮށް ފުޅާކުރަންޖެހޭ ސަރަހައްދު ކަމަށެވެ. އަދި އެއީ އިސްރާއީލުގެ ބޮޑު ދައުލަތް ނުވަތަ "ގްރޭޓާ އިސްރާއީލު" ގެ ތަސައްވަރު ކަމުގައެވެ.

ގްރޭޓާ އިސްރާއީލު
ނަތަންޔާހޫ ބުނިގޮތުގައި މިއީ ދީނީ ކަމެކެވެ. އޭނާ ބުނިގޮތުގައި އޭނާއަށް އިހުސާސް ކުރެވެނީ ރައްބު ނުވަތަ ހެއްދެވި ފަރާތުން މި ޓާސްކް އޭނާއާ ހަވާލުކޮށްފައިވާ ކަމުގައެވެ.
"އަހަރެންނަށް އިހުސާސް ކުރެވެނީ އަހަރެން މިހާރު މި އުޅެނީ ރައްބު އަހަރެެންނާ ހަވާލުކުރި ރޫހާނީ މިޓާސްކް "ގްރޭޓާ އިސްރާއީލު" އުފެއްދުމުގެ ރޫހާނީ ޓާސްކް ގެ މަސައްކަތް ތަންފީޒު ކުރުމުގައި," "އައި -24" ޗެނަލްއަށް ނަތަންޔާހޫ ދިން ބަޔާނުގައި ބުނެފައިވެއެވެ.
ކުރިން "ގްރޭޓާ އިސްރާއީލު" އުފެއްދުމުގެ މި ޔޯލަ ވާހަކަ ދައްކައި އުޅެނީ ހަމައެކަނި އިސްރާއީލުގައި ދީނީ ގޮތުން ހައްދު ފަހަނަޅާފައިވާ ފަރާތްތަކުންނެވެ. މިކަމާ އިދިކޮޅު ވާތު ފިޔައިގެ ޔަހޫދީން ބުނާގޮތުގައި "ގްރޭޓާ އިސްރާއީލު" އުފެއްދުމުގެ ތަސައްވުރަކީ ހަގީގަތުގައި ހުޅަނގުގެ އިސްތިއުމާރީ ފިކުރުގެ ތަސައްވުރެކެވެ. މިއީ ޔަހޫދީ ދީނީ ކަމެއްކަމަށް ހަދައިގެން އުޅެނީ އިންޖީލީ ފިކުރަށް ނިސްބަތްވާ ހުޅަނގުގެ އިސްތިއުމާރީ ބާރުތައް ފަހަތުގައި ތިބެގެންނެވެ.
ޔަހޫދީންގެ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ އިސްރާއީލުގެ ދެ ވަޒީރުން ކަމަށްވާ އިތަމާރު ބެންގަވީރު އަދި ބެޒަލެލް ސްމޮތްރިޗް ފަދަ ޔޯލަ ވާހަކަތައް ދައްކާ މީހުން "ގްރޭޓާ އިސްރާއީލު" އުފައްދަންޖެހޭކަމަށް ބުނެ ވާހަކަތައް ދައްކަމުން ގެންދިޔަ ނަމަވެސް މިއީ އިސްރާއީލުގެ ބޮޑުވަޒީރަކު ފަހުގެ ތާރީޚެއްގައި މިހާ ފާޅުކަން ބޮޑު ގޮތެއްގައި މިވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.
ނަތަންޔާހޫ ބުނިގޮތުގައި "ގްރޭޓާ އިސްރާއީލު" އުފެއްދުމަށް މިހާރަށް ވުރެ ފަހި ފުރުސަތެއް ދެން އިސްރާއީލަށް ނުލިބޭނެއެވެ.