ސިންގަޕޫރުގައި މަނީލޯންޑާ ކުރި މީހުންގެ އަތުން އަތުލި ތަކެތި ދައުލަތުން ވިއްކަނީ

މަނީ ލޯންޑަރުންގެ އަތުން ހޯދާފައިވާ ބައެއް ތަކެތި. ފޮޓޯ/ސީއެންއޭ

ސިންގަޕޫރުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑެތި މަނީ ލޯންޑަރިންގެ މައްސަލަތަކުގައި ކުށް ސާބިތުވި މީހުންގެ އަތުން އަތުލައިގަނެފައިވާ އަގުބޮޑު ތަކެތި ވިއްކާލަން ނިންމައިފިއެވެ.

އެ ތަކެތި ވިއްކުމުގެ މަސްއޫލިއްޔަތު މަތިކޮށްފައި ވަނީ ކޮންސަލްޓިން ކުންފުނި، ޑެލޮއިޓްއާ ކަމަށް އަންގާރަ ދުވަހު އެ ގައުމުގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެގޮތުން 460 އަށްވުރެ ގިނަ އަގުބޮޑު ތަކެއްޗާއި، 58 ރަންގަނޑު (ގޯލްޑް ބާ) މި ހަފުތާ އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ވިއްކާލަން ނިންމާފައިވާ ތަކެތީގެ ތެރޭގައި މީގެ ދެ އަހަރު ކުރިން ފެންމަތިވި ތިން ބިލިއަން ސިންގަޕޫރު ޑޮލަރު (2.3 ބިލިއަން ޑޮލަރު) ގެ މަނީ ލޯންޑަރިން މައްސަލައާ ގުޅިގެން އަތުލައިގަތް އަޕްސްކޭލް ރިއަލް އެސްޓޭޓާއި ކާރު އަދި ފައިސާ ހިމެނެއެވެ.

ޑެލޮއިޓްއިން އެ އެސެޓްތައް ވިއްކުމަށް ޕްރޮޕޯސަލްތައް ވަގުތުން ހުށަހަޅާނެ ކަމަށް ބްލޫމްބާގުން ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރޭގައި ނީލަމުގައި ވިއްކުން ވެސް ހިމެނިދާނެ ކަމަށާއި، އެ ހުށަހެޅުންތައް ސަރުކާރުން ފާސްކުރުމުން ތަކެތި ވިއްކަން ފެށޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރިޗާޑް މިލް އާއި ޕާޓެކް ފިލިޕް ފަދަ ބްރޭންޑްތަކުގެ 10 އަތުކުރީ ގަޑިއާއި ގޯލްޑް ބާސް އަދި ރަން ހާރު ފަދަ ތަކެތިވެސް ވިއްކަން ވަނީ ނިންމާފައެވެ. އަދި މަޝްހޫރު އާމެޒް އަދި ލުއި ވިޓޯން ބްރޭންޑުގެ އަތް ދަބަސް ވެސް ވިއްކަން ނިންމާފައިވެއެވެ.

މަނީ ލޯންޑާ ކުރާ މީހުންގެ އަތުން ހޯދި 2.79 ބިލިއަން ސިންގަޕޫރު ޑޮލަރުގެ ތަކެތި ވިއްކުމުގެ މަސައްކަތް މިދިޔަ އަހަރު ފަހުކޮޅު ވަނީ ފަށާފައެވެ.

ސިންގަޕޫރަކީ ކޮރަޕްޝަނާއި މަނީ ލޯންޑްރިންފަދަ ކުށްތަކުގައި ވަރަށް ހަރުކަށި އަދަބެއް ދެމުން އަންނަ ގައުމެކެވެ. އެ ގައުމުގެ ތަރައްގީގެ އަވަސް ދުވެލީގެ ސިއްރަކީ ވެސް އެއީއެވެ.

comment ކޮމެންޓް