ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރިފުޅުމަތީގައި ހުއްޓިވަޑައިގެން ހުންނަވައި، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގުނުކުރެއްވުމަށް ބ. ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު މިއަދު އެދިވަޑައިގެންފިއެވެ.
ރައީސް މުއިއްޒު، ދޮންފަނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނުގެ ކުރިފުޅުމަތީގައި ހުންނަވައި އިރުޝާދު އާދޭހާއެކު އެދިވަޑައިގަތީ، މިހާރު ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ އިސްލާހުތައް ތަސްދީގުނުކުރެއްވުމަށެވެ.
އިރުޝާދު ވިދާޅުވީ ދޮންފަނުގެ ތަރައްގީއަށް އޮތް އެންމެ ބޮޑު އުންމީދަކީ ލާމަރުކަޒީ މާލީ ބާރުވެރިކަން ކަމަށާއި އެއީ ކައުންސިލްގެ އިމާރާތަކަށް ވުރެ ވެސް މާ މުހިންމު ކަމެއް ކަމަށެވެ.

ދޮންފަނު ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ކައުންސިލް ރަޝީދު އިރުޝާދު -- ފޮޓޯ/ ރައީސް އޮފީސް
އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާމެދު ނުހަނު ކަންބޮޑުވާކަން ފާހަގަކުރައްވައި ކައުންސިލްތަކުގެ އާމްދަނީ ދަށްވާގޮތަށް ހުރި އިސްލާހުތައް ތަސްދީގުނުކުރެއްވުމަށް އޭނާ އެދިވަދައިގަތެވެ.
ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް އެ ގެނެސްފައިވާ ބައެއް އިސްލާޙުތަކާ މެދު ނުހަނު ކަންބޮޑުވޭ! ކައުންސިލްތަކުގެ އާމްދަނީ ދަށްވާނެ އިސްލާހުތައް ތަސްދީގުނުކުރުމަށް ރައިސުލްޖުމްޙޫރިއްޔާގެ ކިބައިން ވަރަށް އަދަބުވެރިކަމާއެކު އަޅުގަނޑު އެދެން، ބ. ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު
ފާހަގަކޮށްލެވޭ ގޮތުގައި ލާމަރުކަޒީ ގާނޫނަށް މިފަހުން މަޖިލީހުން ގެނައި އިސްލާހުތަކަކީ، ރާއްޖޭގެ އެތައް ކައުންސިލަކުން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށް ގެނައި އިސްލާހުތަކެކެވެ. އެ ކައުންސިލްތަކުން ބުނާ ގޮތުގައި އެ އިސްލާހުތަކާހުރެ، ކައުންސިލްތައް މާލީ ގޮތުން ބާރުކެނޑި، ކައުންސިލްތަކަށް ލިބޭ ބާރުތައް މަރުކަޒުވާނެއެވެ.
މިފަހުން ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގައި ވާގޮތުން، ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެއް ކަމަށެވެ.

ޖަލްސާއެއްގެ ތެރެއިން: މަޖިލީހުން މިއަދު ވަނީ ކައުންސިލްތަކަށް ލިބިދޭ ބައެއް ބާރުތައް އުނިކުރުމަށް ފަހު ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފަ / ފޮޓޯ: މަޖިލިސް
އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.
އެހެންނަމަވެސް ސަރުކާރުން ގެނައި މި އިސްލާހުތަކާ އިދިކޮޅު ފަރާތްތަކުން ވެސް ދެކޮޅެވެ. އަދި އެ އިސްލާހުތަކުގެ މަގުސަދަކީ ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިކޮށް، ސަރުކާރުން ކޮންޓްރޯލްކުރާ ބަޔަކަށް ކައުންސިލްތައް ހެދުންކަމަށް ތުހުމަތު ކުރެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަފުތާއަކަށް ދަންމާލަން މަޖިލީހުގެ ރިޔާސަތުން އިއްޔެ ހުށަހެޅުއްވިއިރު އެކަން ކުރީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކަމަށް, މަޖިލީހުގެ މެޖޯރިޓީ ޕާޓީ, ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވަނީ "ސަން"އަށް ވިދާޅުވެފައެވެ. އެ ދުވަހު މަޖިލީހުން ވަނީ އެގޮތަށް ދައުރު ދަންމާލަން ފާސްވެސް ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި ދެ ރޭ ކުރިން ޕީއެންސީގެ މަޖިލިސް މެންބަރުން އަންނަ ހަފުތާގައި މާލޭގައި ތިބުމަށް އަންގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ވަނީ މެސެޖެއް ފޮނުވައިފައެވެ.
އެ ސަބަބާ ގުޅޭގޮތުން "ސަން"އިން ސުވާލު ކުރުމުން ޕީއެންސީގެ މަޖިލިސް މެންބަރަކު ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އިސްލާހުތަކުގެ ސީދާ ތަފުސީލު ހާމަ ކުރެއްވޭނީ އަދި ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އިސްލާހުތަކުގެ ތެރޭގައި މިހާރު ކައުންސިލަރުންގެ ގޮތުގައި ކޮންމެ ރަށެއްގައި ތިބޭ އަދަދު މަދު ކުރަން ހުށަހެޅުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުން ހޮވާނީ ރައްޔިތުން އިންތިޚާބު ކުރާ ކައުންސިލަރުންގެ މެދުގައި ކަމަށް, ނިންމުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ބައެއް މެންބަރުން މައުލޫމާތު ދެއްވިއެވެ.