ޖުލައި މަހު ހުޅުމާލެއިން ގެއްލުނު މުދަލާއި ފައިސާގެ ތެރެއިން ދެލައްކަ ރުފިޔާ ހޯދި، ދެ ސައިކަލު ހިމެނޭ

ފުލުހެއް މަގުމަތި ބަލަހައްޓަނީ: ޖުލައި މަހު ހުޅުމާލެއިން 2 ލައްކަ ރުފިޔާގެ ގެއްލުނު މުދަލާއި ފައިސާ ފުލުހުން ހޯދައިފި -- ފޮޓޯ/ ފުލުހުން

ނިމިދިޔަ ޖުލައި މަހު އެކި މައްސަލަތަކުގައި ގެއްލިގެން ރިޕޯޓުކުރި މުދަލާއި ފައިސާގެ ތެރެއިން، 212،870 ރުފިޔާގެ މުދަލާއި ފައިސާ ހުޅުމާލެ ފޭސް އެކަކާއި ދެއަކުން ފުލުހުން ހޯދައިފިއެވެ.

ފުލުހުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނުން ނިމުނު ޖުލައި މަހު 21،458 ލޮކޭޝަން ޗެކުކޮށް، ފޭސް އެކެއް ފައި މަގުގައި ޕެޓްރޯލްކުރުމަށް 657 ގަޑިއިރު ހޭދަކޮށްފައިވެއެވެ.

އަދި ޕެޓްރޯލްކުރުމުގެ ތެރެއިން 1،249 މީހުން ހުއްޓުވައި ސުވާލުކުރިއިރު އޭގެ ތެރޭގައި ކުށުގެ ރެކޯޑު އޮތް 589 މީހަކާއި، ކުށުގެ ރެކޯޑު ނެތް 786 މީހުން ހިމެނެއެވެ.

ފޭސް އެކަކުން ޖުލައި މަހު ހޯދާފައިވާ މުދަލުގެ ތަފާސްހިސާބަށް ބަލާއިރު:

  • ދެ ސައިކަލު: 60،000 ރުފިޔާ
  • 11 މޮބައިލް ފޯނު: 75،000 ރުފިޔާ
  • ފަސް އިލެކްޓްރޯނިކްސް: 10،000 ރުފިޔާ
  • 1،925 ރުފިޔާ
  • އެހެނިހެން ތަކެތީގެ ގޮތުގައި 42 ތަކެތި، އޭގެ ތެރޭގައި އައިޑީ ކާޑާއި، ކޭޝް ކާޑު ހިމެނޭ

ނިމިދިޔަ ޖުލައި މަހު ހުޅުމާލެ ފޭސް ދެއަކުން 8،030 ލޮކޭޝަން ޗެކުކޮށް، ފައިމަގުގައި 470 ގަޑިއިރާއި، 25 މިނެޓު ވަނީ ޕެޓްރޯލްކޮށްފައެވެ.

އަދި ޕެޓްރޯލްކުރުމުގެ ތެރެއިން 389 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުށުގެ ރެކޯޑު ނެތް 89 މީހުންނާއި ކުށުގެ ރެކޯޑު އޮތް 300 މީހުން ހިމެނެއެވެ.

ފޭސް ދެއަކުން ޖުލައި މަހު ހޯދާފައިވާ މުދަލުގެ ތަފާސްހިސާބަށް ބަލާއިރު:

  • 62،045 ރުފިޔާ
  • އެހެނިހެން ތަކެތީގެ ގޮތުގައި 3،900 ރުފިޔާގެ އަގުހުރި އެއްޗެއް

ފުލުހުން ބުނި ގޮތުގައި ފުލުހުންގެ ޚާއްސަ 'ސްޓޮޕް އެންޑް ސާޗް އޮޕަރޭޝަން'ތައް ހިންގަނީ، ކުށުގެ އަމަލުތައް ގިނަ ސަރަހައްދުތަކުގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަންތަނުގައެވެ. އަދި އޭގެ ސަބަބުން ހުއްޓުވައި ބަލައި ފާސްކުރާ މީހުންގެ ތެރެއިން ގިނަ އިންސައްތައަކީ ކުރީގެ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެއީ އިއްތިފާގެއް ނޫން ކަމަށާއި، އެއީ ކުށްކުރުން ހުއްޓުވުމުގެ ކުރިން އެކަން ހުއްޓުވައި އެކަމަށް ހުރަސް އެޅުމަށް އެކުލަވާލާފައިވާ އިންޓެލިޖެންސް ބޭސްޑް ސްޓްރެޓެޖީގެ ނަތީޖާ ކަމަށެވެ.

comment ކޮމެންޓް