ޝައުނާގެ ރާގު ބަދަލުވެއްޖެ، އީޕީއޭ މިނިސްޓްރީގެ ދަށުން ހިންގުން މިހާރު ގޯސް

ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ޝައުނާ: އީޕީއޭ މިނިސްޓްރީގެ ދަށުން ހިންގަން ނިންމުމުން އޭނާ ނުރުހުން ފާޅުކުރެއްވި --- ފޮޓޯ/ މަޖިލިސް

ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާގެ ރާގު ބަދަލުވެ، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)، އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް ބަދަލުކޮށް އެ އެޖެންސީގެ ނަން ބަދަލުކުރުމުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝައުނާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ، އީޕީއޭ ބަލިކަށިކޮށް، ރަނގަޅު ކޮންސަލްޓެންސީއަކާ ނުލައި ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ)އާ ގުޅޭ ގަވާއިދުތަކާއި ސިޔާސަތުތައް ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.

މި ބަދަލުތައް ގެންނަނީ ކަމާބެހޭ ފަރާތްތަކާ އެކަށީގެންވާ ގޮތެއްގައި މަޝްވަރާކުރުމެއް ނެތި. މިފަދަ އަމަލުތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ގާނޫނަށާއި އުސޫލުތަކަށް އެއްވެސް އިހުތިރާމެއް ނުކުރާކަން ހާމަކޮށްދޭ އިތުރު ހެއްކެއް.

އީޕީއޭ މިނިވަން މުސްތަގިއްލު އިދާރާއަކަށް ހެދުމަކީ ޝައުނާ އެންވަޔަރަމަންޓް މިނިސްޓަރުކަން ކުރެއްވި، ކުރީ ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. މަޖިލީހުގެ މެޖޯރިޓީ ލިބި، ވެރިކަން ނިމުންއިިރު ވެސް އެ ސަރުކާރަށް އީޕީއޭ މިނިވަންކުރެވިފައެއް ނުވެއެވެ.

އެކަން އެދައުރުގައި ނުކުރެވި ލަސްވާތީ އޭރު ރައްޔިތުންގެ މަޖިލީހުން އެކަމަނާއާ ކުރިމަތިކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވެފައި ވަނީ, ދުނިޔޭގެ އެއްވެސް ގައުމެއްގައި ތިމާވެށީގެ ކަންކަން އެގައުމެއްގެ އެގްޒެކްޓިވް ބާރާ ވަކިކޮށްފައި ނުވާކަމަށެވެ. އެއާ ޚިލާފަށް މިފަދަ އެޖެންސީތަކަކީ އެއިރެއްގައި އޮންނަ ސަރުކާރުގެ ސިޔާސަތުތަކާއެއްގޮތަށް އެއިރެއްގައި ހުންނަވާ ރައީސެއް ނުވަތަ ތިމާވެށީގެ މިނިސްޓަރެއްގެ ދަށުން ހިނގާގޮތަށް އުފައްދާފައިވާ އެޖެންސީތަކެއްކަމަށް އޭރު ޝައުނާ ވިދާޅުވިއެވެ.

"އަދި ވަކިން ޚާއްސަކޮށް އެންވަޔަރަމަންޓާ ގުޅޭ ވުޒާރާއެއް ނެތް ގައުމުތަކުގައި އީޕީއޭގެ ދައުރު ފުޅާވެފައި ޒިންމާތައް ބޮޑު، މިގޮތަށް މިކަން ކުރަނީ ގައުމުގެ ތަރައްގީއާއި ތިމާވެއްޓާ މިއީ ވަކިކުރެވޭނެ ދެ އެއްޗަކަށް ނުވާތީވެ،" އޭރު ޝައުނާ މަޖިލީހުގައި ވިދާޅުވެފައި ވެއެވެ.

މިއަދު ޝައުނާ ކުރެއްވި ޕޯސްޓާ ގުޅިގެން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަވެ. އެގޮތުން، މިސަރުކާރުން އަމަލުކުރަނީ ކުރީ ސަރުކާރުން ވެސް އަމަލުކުރަން ބޭނުންވި ގޮތަށް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އީޕީއޭގެ ބާރުތައް ހަނިވާ ގޮތަށް ގެނައި އިސްލާހުތަކާއެކު، އީޕީއޭ އުވާލައި، އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން އުޅޭފަދަ އަޑުތަކެއް ފެތުރުމާއެކު އެންމެ ފުރަތަމަ އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އީޕީއޭއާ ބެހޭގޮތުން މީޑިއާގައި މިހާރު ދައުރު ވަނީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ. އަދި އީޕީއޭ އުވާލަނީ ނޫން ކަމަށާއި، އީޕީއޭގެ ނަން ބަދަލުކޮށް، އިދާރީ ހިންގުމުގެ ގަވާއިދުތަކަށް ބައެއް ބަދަލު ގެންނަން ނިންމީކަން ހާމަކުރިއެވެ.

https://sun.mv/209851

މިނިސްޓްރީގެ މި ނިންމުމާއި ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އީޕީއޭއަކީ ނަޝީދުގެ ވެރިކަމުގައި އުފެއްދެވި އެޖެންސީއެކެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުގެ ތިމާވެށީގެ ސިޔާސަތުތަކަކީ އިތުބާރު ކުރެވޭ ސިޔާސަތުތަކަކަށް ހެދުމަށްޓަކައި އީޕީއޭ މިނިވަންކަމާއެކު ދެމި އޮންނަންޖެހޭ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެ އިދާރާގެ މަސްއޫލިއްޔަތުތައް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަކީ ގޯހެއްކަމަށެވެ.

https://sun.mv/209853

މީގެ އިތުރުން މި މައްސަލައިގައި ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ އެކްޓިވިސްޓުންގެ ކަންބޮޑުވުންތައް ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ މިއީ އީޕީއޭ ނައްތާލުންކަމަށް ސިފަކޮށްފައެވެ.

އަނެއްބައި ފަރާތަކުން ބުނީ ކުރިން ވެސް އަދި މިހާރު ވެސް އެންވަޔަރަމަންޓު މިނިސްޓްރީގެ ނުފޫޒު އީޕީއޭއަށް އޮންނަ ކަމަށާއި، ދެން އެ ނުފޫޒު ވާނީ އިތުރަށް ގަދަ ކަމަށެވެ.

comment ކޮމެންޓް