ޕައިލެޓުކަން ކިޔަވާ 127 ދަރިވަރުންގެ ތެރެއިން، ލޯން އިތުރުކޮށްދެނީ 52 ދަރިވަރަކަށް

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދުގެ ކޮމިޓީގައި --- ފޮޓޯ: މަޖިލިސް

ސްޕެއިންގައި ޕައިލެޓުކަން ކިޔަވަމުން އަންނަ 127 ދަރިވަރުންގެ ތެރެއިން 52 ދަރިވަރަކަށް ލޯނު އިތުރުކޮށްދީފައިވާ ކަމަށް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރުގެ ލޯނުގެ ދަށުން ސްޕެއިންގެ ބާސެލޯނާގައި ޕައިލެޓުކަން ކިޔަވަމުން އަންނަ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް އެދި ދަރިވަރުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށްވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ޕެޓިޝަނެއް ހުށަހަޅައިފައެވެ.

މިދިޔަ ފެބްރުއަރީ މަހު، ބާސެލޯނާގައި ޕައިލެޓުކަން ކިޔަވާ ދަރިވަރުން ވަނީ އެ މީހުންނަށް ވިސާ ހޯދުމުގައި ދިމާވާ ދަތިތަކާއި އެކަމަށް ދާ ޚަރަދާއި، ދަރިވަރުންނަށް އެކަށީގެންވާ އަދަދެއްގެ ސްޓައިޕެންޑެއް ނުލިބި އަމިއްލައަށް ޚަރަދުކުރަން ޖެހުމާއި، ކޯހުގައި ހޭދަވާ މުއްދަތު، ލޯނު ދޭ މުއްދަތަށް ވުރެ އިތުރުވާ މައްސަލަ ފާހަގަކޮށް މިނިސްޓަރަށް ސިޓީއެއް ވެސް ފޮނުވައިފައެވެ.

އެ މައްސަލައިގައި މިދިޔަ މެއި މަހު ހައިދަރު ވަނީ ޒޫމް މެދުވެރިކޮށް ދަރިވަރުންނާ ބައްދަލުރައްވާފައިވެއެވެ.

ނަމަވެސް އެއްވެސް މައްސަލައެއް ހައްލުނުކުރެވި އޮތުމާއި، ބައެއް ދަރިވަރުންގެ ލޯނަށް ސަރުކާރުން ގަވައިދުން ފައިސާ ޖަމާކުރަމުން ނުދިއުމުގެ ސަބަބުން ދަރިވަރުންނަށް ކޯސްތަކަށް ފައިސާ ނުދެއްކި، ބައެއް ދަރިވަރުން ކޯހުން ވަކިކޮށްފައިވާ ކަމަށް، މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ފޮނުއްވި ސިޓީއެއްގައި ވެއެވެ.

https://sun.mv/208874

މި މައްސަލައާ ގުޅިގެން ހައިދަރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހައިދަރު ވިދާޅުވީ، ބާސެލޯނާގައި ޕައިލެޓުކަން ކިޔަވާ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާ ވާހަކަ ދައްކައިގެން މަސައްކަތްކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ދަރިވަރުންނަށް ދިމާވެފައިވާ ވިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި ސްޕެއިންގެ ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް ހައްލެއް ހޯދުމަށް މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ފޮރިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހައިދަރު މީގެ ކުރިން މަޖިލީހުގައި: އޭނާ ވަނީ ދަރިވަރުންނާއި މިނިސްޓްރީއާ ދެމެދު މުއާމަލާތު ކުރުން ފަސޭހަ ކުރަން މިނިސްޓްރީން އެޕެއް ހަދާނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ މަޖިލިސް

އެ މަސައްކަތުގެ ދަށުން، ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާގެ ނިއު ދިއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ދަރިވަރުންގެ މައުލޫމާތު ފޮނުވައިގެން ސްޕެއިން އެމްބަސީއަށް ވިސާއަށް އެދި ހުށަހެޅުމަށް އިންތިޒާމު ހަމަޖައްސަައިފައިވާ ކަމަށް ހައިދަރު ވިދާޅުވިއެވެ.

"...ސްޕެއިންގެ ވިސާއަށް އެދި ހުށަހެޅުމަށް ސްޕެއިންގެ ވިސާގެ ޚިދުމަތްދޭ މަރުކަޒެއް ކަމަށްވާ ބީއެލްއެސް އިންޓަނޭޝަނަލްގެ ވެބްސައިޓް މެދުވެރިކޮށް ދަރިވަރުން ކުރިއަލާ އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އިލްތިމާސްކުރާ ކަމަށާއި، މިއީ ސްޕެއިން ސަރުކާރާއި ބީއެލްއެސް އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އޮންލައިން އެޕޮއިންޓްމަންޓް ނިޒާމުން ބޭރުން ވިސާ އެޕޮއިންޓްމަންޓް ހެއްދުމުގެ އިޚުތިޔާރު އެމްބަސީއަށް ލިބިފައި ނުވާތީ އެގޮތަށް ހަމަޖެއްސީކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަޅުގަނޑުމެންނަށް މައުލޫމާތު ދީފައިވޭ،" ހައިދަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މިނިސްޓްރީ އާއި ސްޕެއިންގައި ކިޔަވާ ދަރިވަރުންނާ ދެމެދު ވަގުތުން ވަގުތަށް މުއާމަލާތުކުރުމަށް ޚާއްސަ ވަޓްސްއަޕް ނަމްބަރެއް ވެސް މިހާރު ވަނީ ތައާރަފުކޮށްފައެވެ.

ދަރިވަރުންގެ ލޯނާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އާ މަޝްވަރާކުރުމުން، އެ މިނިސްޓްރީން ލަފާދިނީ ވަކި ދަރިވަރުންތަކަކަށް ދިމާވި މައްސަލަ ހައްލުކުރުމުގެ ގޮތުން ފައިސާގެ އެހީ ދޫކުރުމަށް ވުރެ އެކުލަވާލާފައިވާ އުސޫލުތަކުގެ ތެރެއިން ދަރިވަރުންގެ މާލީ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ކަމަށް ވެސް ހައިދަރު ވިދާޅުވިއެވެ.

"މިވަގުތު ސްޕެއިންގައި ޕައިލަޓް ލައިސަންސަށް ކިޔަވަމުންދާ ދަރިވަރުންގެ އަދަދަކީ 127، ދެން ސްޕެއިންގަ ޕައިލެޓު ލައިސަންސް ކިޔެވުމަށް ޚަރަދުވޭ ދެ މިލިއަން 65 ހާސް ރުފިޔާ ދަރިވަރަކަށް،" އޭނާ ވިދާޅުވިއެވެ.

"އެކަމަކު އަޅުގަނޑުމެން މި އަހަރު ހުޅުވާލި ޓޮޕް އަޕް ލޯން ސްކީމަށް އެ ތަނުން ޕައިލެޓު ލައިސަންސް ކިިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 72 ކުއްޖަކު އެޕްލައިކުރި އިތުރު ފައިސާ ހޯދަން، ދެން އޭގެ ތެރެއިން 52 ކުއްޖަކު އަޅުގަނޑުމެން ހޮވާފައި ޓޮޕް އަޕް ލޯން ހަމަޖައްސައިދޭން ނިންމައިފައި އޮތީ."

ހައިދަރު ވިދާޅުވީ ޓޮޕް އަޕް ލޯނަށް ފައިސާ ދޫކުރަނީ ގިނަވެގެން ހަތްލައްކަ ރުފިޔާ ކަމަށާއި މިފަހަރު އެ ލޯނަށް 20 ކުއްޖެއްގެ ޝަރުތު ހަމަނުވާ ކަމަށެވެ.

މިއަދުގެ ކޮމިޓީގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްރަހީމް ހަސަން ވިދާޅުވީ، ދަރިވަރުންނަށް ލޯނު ދޫކުރަނީ އިންސްޓޯލްމަންޓަށް ބަހާލައިގެން، އެ ދަރިވަރަކު ކިޔަވާ ތަނަކަށް ދައްކަން ޖެހޭ އަދަދެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، މި ވަގުތު ސްޕެއިންގައި ކިޔަވާ ދަރިވަރުންނަށް މިނިސްޓްރީން ލޯނުގެ ފައިސާ ދޫކޮށްފައިވަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ދޫކުރަނީ ބޮޑު އަދަދެއް ކަމަށާއި، އެއީ ކިޔަވާ ތަނަށް ދައްކަން ޖެހޭ ފައިސާއާއި ދިރިއުޅުމުގެ ޚަރަދުގެ ކަންކަމަށް އެއްކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން ހަ މަހުން ހަ މަހުން މީތި ދޫކުރެވޭއިރު، ކޮންމެ ހަ މަހަކުން އެއް ފަހަރު މި ދޫކުރާއިރު އެބަ ބަލާ އެ ކުއްޖާ ކިޔަވާތޯ އެ ތާނގަ، އެއީ އެ ކިޔަވަމުންދާ ތަނުން އަންގާލަދޭން ޖެހެނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް މިވެނި ނަމެއް ކިޔާ ކުއްޖާ މިހާރު ވެސް މިތާނގައި އެކްޓިވް ސްޓޫޑެންޓެކޭ މިއީ، އެހާ ހިސާބުން ފެށިގެން ދެން އޮންނަ އިންސްޓޯލްމަންޓް ރިލީސްކުރާނެ އަޅުގަނޑުމެން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކިޔަވާ ދަރިވަރެއްކަން ޔަގީންނުވާ ހާލަތެއްގައި އެ ދަރިވަރަކަށް ލޯނު ފައިސާ ދުލެއް ނުކުރާނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވިގޮތުގައި ބާސެލޯނާގައި ކިޔަވާ ދަރިވަރުންނަށް ވަނީ ލޯނު ދޫކުރެވިފައެވެ. ނަމަވެސް ލޯނު އިތުރުކުރީ ބައެއް ދަރިވަރުންނަށް ލޯނުން ނުފުދިގެން ކަމަށާއި، މިއީ އެގޮތަށް މިނިސްޓްރީން ޓޮޕް އަޕް ލޯން ދޫކުރާ ތިންވަނަ އަހަރު ކަމުގައި އޭނާ ވިދާޅުވިއެވެ.

ޓޮޕް އަޕް ލޯނާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ، މި ލޯނަށް ދަރިވަރުން އެއްވެސް އިންޓްރެސްޓެއް ދައްކަން ނުޖެހޭނެ ކަމަށާއި، އެންމެ ބޮޑެތި ލޯނުތައް ދޫކުރަނީ 20 އަހަރުގެ މުއްދަތަކަށް ކަމަށެވެ. ނަމަވެސް ކޯހަށް ދާ ޚަރަދާއި ކޯހުގެ ބާކީ މުއްދަތު އެނގޭނެ ފަދައިން ލިޔެކިއުން ހުށަނާޅާ ނަމަ، ޓޮޕް އަޕް ލޯނަށް ދަރިވަރުން ހޮވިފައި އޮތަސް މިނިސްޓްރީން އެ ފައިސާ ދުލެއް ނުކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ފާހަގަކުރެވޭ ގޮތުގައި ދައުލަތުގެ އެހީގައި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ވާހަކަ ދައްކައިގެން ހައްލެއް ހޯދަން މަސައްކަތް ކުރާއިރު އެ މިނިސްޓްރީއާ ނުގުޅޭ މައްސަލަ ވެސް އޮތީ ވަރަށް ބޮޑުވެފައެވެ. އެހެންވެ، ދަރިވަރުންގެ ޝަކުވާތައް ބަލައިގަތުމަށް އޮކްޓޯބަރު މަހުގެ ކުރިން އެޕެއް ތައާރަފުކުރާނެ ކަމަށް ހައިދަރު އޭރު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް