އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ނަން ބަދަލުކޮށް، އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަކީ ގޯހުން ގޯހަށް ކުރި ކަމެއްކަމަށް ބުނެ ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ އެކްޓިވިސްޓުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވަނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ނަން "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ"ގެ ނަމަށް ބަދަލުކުރުމަށްފަހު ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެެ.
އީޕީއޭއަކީ އަބަދުވެސް އިތުރު ބާރުވެރިކަން ހޯދުމަށް ވަކާލާތުކުރި އެޖެންސީއަކަށްވީއިރު، މިއަދު ގެނައި ބަދަލާއެކު މިހާރު މަޝްރޫއުތައް ހިންގުމުގެ ކުރިން ތިމާވެއްޓާ ކުރާނެ އަސަރު ނުވަތަ އީއައިއޭ ހެދުމުގެ ބާރު އީޕީއޭއަށް އޮތް އޮތުން ވަނީ ހަނިކޮށްފައެވެ.
ސަރުކާރުން މިއަދު ގެޒެޓުކުރި އިއުލާނުގައިވާ ގޮތުން:
- ތަރައްގީގެ މަސައްކަތެއް ފެއްޓުމުގެ ކުރިން އީއައިއޭ ހޯދުމަށް އެދޭއިރު، މިނިސްޓްރީއަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކަށް ހުށަހަޅަންޖެހޭނެ.
- ސަރުކާރުން ޚާއްސަ އިސްކަމެއްދޭ މަޝްރޫއެއްގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭ ލިޔުން ހޯދުމަށް އެދި ހުށަހެޅުމާ ހަމައަށް ނިންމަންޖެހޭ މަރުހަލާތައް ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އެއްވެސް ލަސްކަމެއް ނާންނަ ގޮތަށް ނިންމުން.
- ސަރުކާރުން ޚާއްސަ އިސްކަމެއްދޭ މަޝްރޫއެއްގެ ގޮތުގައި މިނިސްޓަރު ކަނޑައަޅަންވާނީ، ކެބިނެޓުން ކަނޑައެޅުމުން.
މި އިސްލާހުތަކާއެކު މިނިސްޓްރީއަށް ލިބޭ ބާރުތައް ވަނީ ފުޅާކޮށްފައެވެ.
ތިމާވެށީގެ އެކްޓިވިސްޓުންގެ ކަންބޮޑުވުން
މި ބަދަލާ ގުޅިގެން ތިމާވެށި ހިމާޔަތްކުރުމުގައި ހަރަކާތްތެރިވާ ވަރަށް ގިނަ ބޭފުޅުންނާއި، އެކްޓިވިސްޓުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން "ސަން"އާ ވާހަކަދައްކަވަމުން ސޭވް މޯލްޑިވްސް ކެމްޕެއިންގައި ވެސް އިސްކޮށް އުޅުއްވާ ތިމާވެށީގެ އެކްޓިވްސްޓް ހުމައިދާ އަބްދުލްޣަފޫރު މިކަން ސިފަ ކުރީ މިއީ އީޕީއޭ އުވައިލުން ނުވަތަ އީޕީއޭ ނައްތައިލުމުގެ ގޮތުގައެވެ. އެއީ ރާއްޖޭގެ ރަށްތަކަށް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ވެށި ހިމާޔަތްކުރުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫންކަމަށް ބުނުން ފަދަ ކަމެއް ކަމަށް ހުމައިދާ ވިދާޅުވިއެވެ.
އީއައިއޭ ހެދުމުގެ ކަންކަމަށް ގެނައި ބަދަލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ހުމައިދާ ވިދާޅުވީ މިހާރު ވެސް އީއައިއޭއަކީ ރަމްޒީ ގޮތުން ހަދާ އެއްޗެއް ކަމަށާއި، އެއީ މަޝްރޫއަށް "ޖާގަ ދޭން" ހަދާ އެއްޗެއް ކަމަށެވެ.
"އީޕީއޭ ނެތީމާ މާ ފަސޭހަ ވާނެތާ،" ހުމައިދާ ވިދާޅުވިއެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި ރާއްޖޭގައި ވެށި ހިމާޔަތްކުރުމުގެ މަސައްކަތް ހިނގަނީ "ގޯހުން ގޯހަށެވެ."
މި މައްސަލައިގައި "ސަން"އާ ވާހަކަދައްކަވަމުން އީކޯ ކެއާ މޯލްޑިވްސްގެ ޑިރެކްޓަރު މައީދު ޒާހިރު ވިދާޅުވީ ކުރިން ވެސް އަދި މިހާރު ވެސް އެންވަޔަރަމަންޓު މިނިސްޓްރީގެ ނުފޫޒު އީޕީއޭއަށް އޮންނަ ކަމަށާއި، ދެން ވާނީ އިތުރަށް ގަދަ ކަމަށެވެ. އަދި މިއަދު ފެނުނީ ހަމައެކަނި ނަމަށް ގެނައި ބަދަލެއް ކަމަށް މައީދު ވިދާޅުވިއެވެ.
މީގެ އިތުރުން މައީދު ވެސް ވަނީ އީއައިއޭ ހެދުމަށް ގެނައި ބަދަލަކީ ގޯސް ގިނަ ކަންތައްތަކަކަށް މަގުފަހިވާނެ ކަމެއް ކަން ފާހަގަކުރައްވައިފައެވެ.
އެގޮތުން މިއީ، މިނިސްޓަރު ބޭނުންވާ ކަންކަން އަވަސްކުރުމަށް އަވަސް އަރުވައިލައިގެން އީއައިއޭ ހަދައި، ގޯސް ކަންކަން އެ ގޮތުގައި ބާއްވަން ފަހިވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
"އަސްލު އޭގެ ސަބަބުން ނިކުންނަ ނަތީޖާއަކީ ޕަބްލިކް ކޮންސަލްޓޭޝަނަށް ހުޅުވައިލަން ނަގާ ވަގުތު ގެއްލިގެން ދިއުން. ސްޓޭކްހޯލްޑަރުންނާ ކޮންސަލްޓުކުރަން އެ ނަގާ ވަގުތު ގެއްލިގެން ދިއުން. އަނެއްކާ ރަނގަޅު ލެވަލްއެއްގެ ޓެކްނިކަލް ރިވިއުއެއް، އަސްލު އީއައިއޭ ހަދައިފައި ހުށަހެޅީމާ އެ ރިވިއުކުރަން ލިބޭ ވަގުތު ކުޑަވެގެން ދަނީ. އެހެެންވީމާ އަސްލު ކަންކަން އޯވާލުކްކުރަން [ގޯސްކަންކަން އެ ހުރި ގޮތަކަށް ދޫކޮށްލަން] ފުރުސަތު ލިބިގެންދާނެ އަވަހަށް ފާސްޓް ޓްރެކް ކުރާކަމަށް ވަންޏާ،" މައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރަން ޖެހޭކަމަށާއި އެއީ ރާއްޖެއަށް އާމްދަނީ ލިބުމުގެ ވެސް އަސްލު ކަމަށެވެ. ނަމަވެސް އެ ކަން ކުރެވޭނީ ތިމާވެށީގެ ކަންކަން ބަލަަހައްޓައި، ފިޔަވަޅު އެޅޭ ފަދަ މިނިވަން މުއައްސަސާއެއް އޮވެގެން ކަމަށް މައީދު ވިދާޅުވިއެވެ.
ތިމާވެށީގެ އެކްޓިވްސްޓް އަދި، ޑައިވަރު ހުސައިން ރަޝީދު (ސެންޑި) "ސަން"އަށް ވިދާޅުވީ ތިމާވެށި ހިމާޔަތްކުރުމަށް ވަކި އޮތޯރިޓީއެއް އޮންނަން ޖެހޭ ކަމަށެވެ. ނަމަވެސް އޮތޯރިޓީއެއްގެ ނަން ދިނުމަށްފަހު މިނިސްޓްރީގެ ދަށަށް ގެންދިއުމަކީ އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
މި ކަމުގައި އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމްގެ ބަހެއް ހޯދަން ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ނުލިބެެއެވެ.
އީޕީއޭ މިނިވަންކުރުމަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެސް ވައުދުފުޅެކެވެ. ނަމަވެސް މަޖިލީހާއި ސަރުކާރާއެކު ގިނަ ބާރުތަކެއް ލިބިވަޑައިގެން ނަމަވެސް އެ މަނިކުފާނުގެ ދައުރު ނިމުނުއިރު ވެސް އެ ތަން ހިންގަމުން އައީ އެންވަޔަރަމަންޓް މިނިސްޓްރީގެ ލަފާގެ ދަށުން، ގަވަނިން ބޮޑީއެއްގެ އިރުޝާދުގެ ތެރެއިންނެވެ.
އެހެންވެ، ފަރަށް ބޭރުގެ ބޯޓުފަހަރު އެރުން ފަދަ ކަންކަމުގައި އީޕީއޭއިން ޖޫރިމަނާކުރުމުން، އެ ޖޫރިމަނާ މިނިސްޓްރީން މައާފްކުރުމަށް ބާރުއެޅުން ފަދަ ކަންކަން ވެސް މީގެ ކުރިން ހިނގައިފައި އެބަހުއްޓެވެ.
އެހެންވެ އެއިރު ވެސް ފާޑުކިޔުން އައީ އަމާޒުވަމުންނެވެ. މިއަދު ސަރުކާރުން ގެނައި ބަދަލާއެކު އެމްޑީޕީގެ އިސް ބޭފުޅުން ވެސް އަންނަނީ ފާޑު ކިޔުން ރައްދުކުރަމުންނެވެ.