ދުނިޔޭގެ އެންމެ މަޝްހޫރު ފުޓުބޯޅަ ކުލަބުތަކުގެ ތެރޭގައި ހިމެނޭ ލިވަޕޫލް އެފްސީއާ ގުޅިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ކުރިއަށްގެންދާ ކެމްޕޭންގެ ދަށުން، ފާއިތުވި ހަފުތާގައި ލިވަޕޫލް ސަޕޯޓަރުންނަށް ފޮނުވި އީމެއިލްތަކަކުން ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވެބްސައިޓްގެ ޓްރެފިކް 400 ޕަސެންޓް އިތުރުވެފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ، މި މަހުގެ 15ގައި ފަށާ އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަނަށް މިހާރު ލިވަޕޫލުން ތައްޔާރުވަމުން އަންނައިރު، ލިވަޕޫލްގެ ގިނަ ހޯމް މެޗުތަކުގައި އިނގިރޭސިވިލާތުގެ އެންފީލްޑް ސްޓޭޑިއަމްގެ އެލްއީޑީ ބޯޑުތަކުން ރާއްޖޭގެ ބްރޭންޑް ފެންނާނެ ކަމަށެވެ.
އޭގެ ސަބަބުން ލައިވް މެޗުތަކާއި ޑިޖިޓަލް މަންސަތައް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 600 މިލިއަން ބެލުންތެރިންނަށް ރާއްޖެ އިސްތިހާރުކުރެވޭނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.
އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްއިން ވަނީ ހޮންގްކޮންގްގައި ބޭއްވި ލިވަޕޫލް އެފްސީގެ ޕްރީ-ސީޒަން ހަރަކާތްތަކުގައި ބައިވެރިވެ، ސަޕޯޓަރުންނާއި އޭޝިއާގެ މާކެޓްތަކާ އިތުރަށް ގުޅުން ބަދަހިކޮށްފައި ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެ ކެމްޕެއިންގެ ދަށުން ވެބްސައިޓަށް ޒިޔާރަތްކުރި މީހުންނަށް ޚާއްސަ ލޭންޑިން ޕޭޖެއް ފަރުމާކޮށް، ސިނާއަތުގެ ޕާޓްނަރުންނާއި ވީއެމްސީ މެމްބަރުންގެ ޚާއްސަ ޕެކޭޖްތަކެއް ވެސް ހުޅުވާލައިފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.
ލިވަޕޫލުގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި ރާއްޖެ 2028ގެ ނިޔަލަށް އޮންނަ ގޮތަށް، ވިޒިޓް މޯލްޑިވްސްއިން އެއްބަސްވުމެއް ހެދީ މާރިޗް މަހުގެ 13ގައެވެ.
ވިޒިޓް މޯލްޑިވްސްއިން ވަނީ ލިވަޕޫލާއެކު ރާއްޖެ އިސްތިހާރުކުރުމަށް ކުރިއަށްގެންދާ ކެމްޕޭނުގެ ކާމިޔާބީ ފާހަގަކޮށް، އެ ކުލަބުގެ ޕީއާރްއާއި ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް އެންމެ 24 ގަޑިއިރުގެ ތެރޭގައި 400 މިލިއަނަށްވުރެ ގިނަ މީހުންނަށް އޮންލައިންކޮށް ވާސިލްވެފައިވާ ކަމަށް ބުނެފައެވެ.
އެ ކެމްޕޭނުގައި ލިވަޕޫލް ސަޕޯޓަރުން ބައިވެރިކުރުމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ފޭން ކުލަބު ހަރަކާތްތަކާއި ލައިވް ޓަޗްޕޮއިންޓްތައް ބާއްވައިފައެވެ. އޭގެ ތެރޭގައި ވިލާ ނޯޓިކާގައި ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ލިބިދޭ ގުރުއަތުލުމެއް ހިމެނޭއިރު، އެ ގުރުއަތުލުމުގައި 20,000 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.