ބ. ތުޅާދޫގައި ޑޮމެސްޓިކް އެއާޕޯޓު ގާއިމުކުރުމަށް އިއްޔެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، އެކަމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ތުޅާދޫ އެއާޕޯޓު ބިން ހިއްކުމުގެ އައު އެއްބަސްވުމުގައި ސޮއިކުރީ، 2023 ވަނަ އަހަރު ތުޅާދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކުރުމަށް ބިން ހިއްކުމުގެ ގޮތުން ސޮއިކުރި އެއްބަސްވުން ބާތިލުކުރުމަށްފަހެވެ.
މި މަސައްކަތް ހަވާލުކުރީ، ދައުލަތުގެ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިވަގުތު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ތުޅާދޫއަށް މިއަދު ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި، އެ މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވީ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

އިއްޔެ ހަވާލުކުރި ތުޅާދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކަން މިނިސްޓަރު ފައްޓަވައިދެއްވުން -- ފޮޓޯ/ ރައީސް އޮފީސް
އެއާއެކު އެމްޓީސީސީން ބިން ހިއްކުމަށް ބޭނުންކުރާ މަހާޖައްރާފުން ވަނީ އެ މަސައްކަތް ފަށައިފައެވެ.
މި މަސައްކަތަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުގައި ޖުލައި 12، 2023ގައި ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ)އާ މީގެ ކުރިން ހަވާލުކޮށް، އޮގަސްޓު 29، 2023ގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށި މަޝްރޫއެކެވެ.
މި ސަރުކާރު އައުމަށްފަހު އެ މަޝްރޫއު އޮތީ ހުއްޓިފައެވެ.
އެފަހުން ރައީސް މުއިއްޒު ތުޅާދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ވާހަކަދައްކަވައި ވިދާޅުވީ ތުޅާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު، ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކޮށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވާނެކަމަށެވެ.

އިއްޔެ ހަވާލުކުރި ތުޅާދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކަން މިއަދު ފެށުން: އެ މަސައްކަތް ކުރަނީ އެމްޓީސީސީން -- ފޮޓޯ/ ރައީސް އޮފީސް
އެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް 570,260,350.80 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އަދި އެ މަސައްކަތް ހަވާލުކުރީ 660 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. މީގެ ކުރިން ބިން ހިއްކުމުގެ މަޝްރޫއު ސީއެމްސީއާ ހަވާލުކުރީ 42.4 މިލިއަން ޑޮލަރު (653 މިލިއަން ރުފިޔާ)އަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި ތުޅާދޫގައި ގާއިމުކުރާ އެއާޕޯޓަކީ 1،800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭ އަކާއެކު ގާއިމުކުރާ އެއާޕޯޓެކެވެ.
އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން އެއާޕޯޓު ގާއިމުކުރުމަށްޓަކައި 55.4 ހެކްޓަރުގެ ބިން ހިއްކައި، 2،804 މީޓަރުގެ ރޮކް ރިވެޓްމެންޓާއި 1،677 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމެންޓް ޖަހާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.