ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަފުތާއަކަށް ދަންމާލަން މަޖިލީހުގެ ރިޔާސަތުން މިއަދު ހުށަހަޅުއްވާފައިވާއިރު އެކަން ކުރައްވަނީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކަމަށް, މަޖިލީހުގެ މެޖޯރިޓީ ޕާޓީ, ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވެއްޖެއެވެ.
މިހާރު އޮތްގޮތުން މި ހިނގާ މަޖިލީހުގެ ދައުރު މި އަންނަ ހުކުރު ދުވަހަށް ހަމަވާނެއެވެ. އެއާއެކު މަޖިލިސް ދާނީ ޗުއްޓީއަކަށެވެ.
ނަމަވެސް މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ މަޖިލީހުގެ ދައުރަށް އިތުރު ހަފުތާއެއް އިތުރު ކުރަން ހުށަހަޅުއްވައި މިއަދު ވޯޓް ގަޑީގައި ވޯޓަށް އަހާނެކަން އިއުލާން ކުރައްވައިފައެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް މަޖިލީހުން ރިޔާސަތުގެ އެ ހުށަހެޅުން ފާސްވާނެކަން އެއީ ޔަގީން ކަމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި ރޭގައި ވަނީ ޕީއެންސީގެ މަޖިލިސް މެންބަރުން އަންނަ ހަފުތާގައި މާލޭގައި ތިބުމަށް އަންގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން މެސެޖެއް ފޮނުވައިފައެވެ.
އެ ސަބަބާ ގުޅޭގޮތުން މި ނޫހުން ސުވާލު ކުރުމުން ޕީއެންސީގެ މަޖިލިސް މެންބަރަކު ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އިސްލާހުތަކުގެ ސީދާ ތަފްސީލު ހާމަ ކުރެއްވޭނީ އަދި ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އިސްލާހުތަކުގެ ތެރޭގައި މިހާރު ކައުންސިލަރުންގެ ގޮތުގައި ކޮންމެ ރަށެއްގައި ތިބޭ އަދަދު މަދު ކުރަން ހުށަހެޅުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުން ހޮވާނީ ރައްޔިތުން އިންތިޚާބު ކުރާ ކައުންސިލަރުންގެ މެދުގައި ކަމަށް, ނިންމުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ބައެއް މެންބަރުން މައުލޫމާތު ދެއްވިއެވެ. ނަމަވެސް ސީދާ ގެންނަ ބަދަލުތަކުގެ ތަފްސީލު އަދި ނުލިބެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ މި ފަހުން ވެސް ފަސް އިސްލާހެއް ހުށަހަޅައިފައެވެ. އެ ބިލުގައި ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް އިސްލާހެއް ހިމަނައިފައެވެ.
މި ބިލާ ދޭތެރޭ ގިނަ ބަޔަކު، ޚާއްސަކޮށް ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް މިދިޔަ ހަފުތާ އަންގާރަ ދުވަހުގެ ރޭ ލާމަރުކަޒީ ކޮމިޓީން ބިލު ފާސްކުރީ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އެންމެ 19 ގަޑިއިރަށް ހުޅުވާލުމަށް ފަހެވެ.
އެ ބިލު ބުދަ ދުވަހު މަޖިލިސް ތަޅުމުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ތެރެއިން 45 މެންބަރުންގެ ތާއިދާއެކުގައެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ.
އެ ބިލް އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒު ދަސްދީގު ނުކުރައްވައެވެ.
އަންނަ އަހަރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮތްއިރު މިހާރު ކައުންސިލްތައް ހިނގާ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެކި ޕޯޑިއަމްތަކުގައި ރައީސް މުއިއްޒު އަންނަނީ ވިދާޅުވަމުންނެވެ.
އޭގެ ތެރޭގައި ފުލްޓައިމް ކައުންސިލަރުންގެ އަދަދު މަދު ކުރުމާއި ފައިސާ ބޭނުން ކުރާ އުސޫލު ހަރުދަނާ ކުރުން ހިމެނެއެވެ.
ރައީސް އިއްޔެ ވެސް ވަނީ ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރާ ފައިސާއިން 'ތަޖުރިބާގެ ދަތުރުތަކަށް' ކަމަށް ބުނެ ޚަރަދުކުރާތީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.