މިތުރާ ގަޔާވެލީ... 30

ރޫބީގެ އަތަށް ފޯނު ދިންއިރު އިކާންގެ ހިތް ބާރަށް ތެޅެއެވެ. ރޫބީ ފޯނު ހިފައިގެން ދުރަށްޖެހުމުން، އިކާން ކުރިއަށްވުރެ ނުތަނަވަސްވިއެވެ. ރޫބީ އެއްބަސްވެދާނެ ހެއްޔެވެ؟ އިކާނާއި ކައިވެނިކުރަން ބޭނުންވެދާނެ ހެއްޔެވެ؟ ރޫބީގެ މޫނުމަތީގެ އަސަރުތައް ދެނެގަނެވޭތޯ އިކާން މަސައްކަތް ކުރިއެވެ. އެ މޫނުން ފެނުނީ ނުތަނަވަސްކަމެވެ.

********

ނަޖާތުގެ ފޯނު ރިންގުވާން ފެށިއެވެ. އިސްކްރީނަށް އަރާފައި އޮތް ނަން ފެނުމުން، ނަޖާތުގެ މޫނުން ކަންބޮޑުވުމުގެ އަސަރު ފެނުނެވެ.

"ފޯނަށް އާންސާ ނުކުރާނަންތަ؟..." ނަޖާތު ފޯނަށް ބަލަން ހުރިތަން ފެނުމުން، ޔަޒްދާން އަހައިލިއެވެ.

"ނޯ..." ނަޖާތު އުޅުނީ ކޮޓަރިއާއި ދިމާއަށް ހިނގައިގަންނާށެވެ. ޔަޒްދާން ނަޖާތުގެ އަތުގައި ހިފައިލުމުން އޭނާ ޔަޒްދާނަށް ބަލައިލިއެވެ. ކުރެވުނު ކަންތައް ވިސްނުމުން، ޔަޒްދާން އަވަހަށް ނަޖާތުގެ އަތުން ދޫކޮށްލިއެވެ.

"މިވަގުތު އެންމެންނަށްވެސް މުހިއްމީ އެކަކު އަނެކެއްގެ ސޭފްޓީ... ރައިޓް؟..." ޔަޒްދާން ބޭނުންވީ ނަޖާތަށް އައި ފޯނުކޯލުގެ ހަގީގަތް ހޯދާށެވެ. "ބައެއް ފޯނުކޯލުތައް..."

"ހާސްނުވޭ!... ނައީމުގެ ކަންތަކާ މިކޯލާ އެއްވެސް ގުޅުމެއް ނެތް..." ނަޖާތުގެ މޫނުން ހިތްހަމަނުޖެހުމުގެ އަސަރު ފެނުނެވެ. "އެންޑް ޔެސް... އަހަރެން މީ ތި ހީކުރާ ކަހަލަ މީހެއް ނޫން..."

ނަޖާތު ގޮސް ކޮޓަރިއަށް ވަން މަންޒަރު ބަލަން ހުރި ޔަޒްދާންއަށް އުނދަގޫ ގޮތެއް ވިއެވެ. ނަޖާތު އެންމެފަހުން ބުނި ޖުމުލައިގެ މާނައަކީ ކޮބައި ހެއްޔެވެ؟

"ބޭބެ ހިއެއް ނުކުރަން އައިޝާ ތިކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް..." ނަޖާތު އެއްޗެއް ބުނުމުގެ ކުރިން ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކި ފައުދު ބުނެލި އަޑު އިވުނެވެ.

"ބޮޑުބޭބެ މާލޭގަތަ؟..." ނަޖާތު މަސައްކަތްކުރީ މައުޟޫޢު އޮޅުވައިލާށެވެ.

"ނާޝިޒަކީ އަހަންނަށް ހާދަ ހެޔޮ އެކުވެރިއެކޭ... އައިޝާ ތިކުރި ކަމަކުން ދެން އަހަރެން އޭނައަށް ދައްކާނީ ކޮން މޫނެއް..." ނަޖާތުކުރި ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ފަދައިން ފައުދު ބުނެލިއެވެ.

"ރޫބީ އެއީ ހުރިހާ ގޮތަކުންވެސް..." ނަޖާތު އެއްޗެއް ބުނަން އުޅުނެވެ.

"އަހަރެން ނާޝިޒްގެ ދަރިފުޅުގެ ކައިވެނި ހަމަޖެއްސީކީ ރޫބީއަކާ ނޫނޭ... އެ ކައިވެނި ހަމަޖެއްސީ އައިޝާއާއޭ.." ފައުދު ހިތްހަމަނުޖެހިގެން ތަންކޮޅެއް ބާރަށް ބުނެލިއެވެ. "އަހަރެން މިހުރީ ނާޝިޒް ދެއްކި ވާހަކައިން ބުނާނެ އެއްޗެއްވެސް ނޭނގިފަ... އައިޝާ ވަރަށް ރަނގަޅަށް އެންމެންނަށް އޮޅުވާލައިފި... ތިހާ މޮޅަށް ކަންކަން ނިންމާލާފަ ހުރެދާނެ ކަމަކަށް އަހަރެން ހީވެސް ނުކުރަން...."

"އެމީހުންވެސް އެ ކައިވެންޏަށް އޯކޭއެއްނު... ރޫބީ އޯކޭ... އިކާން އޯކޭ... އެ ފެމެލީ އޯކޭ... ދެން ބޮޑުބޭބެ އެކަން މާބޮޑު މައްސަލައަކަށް ނުހަދަބަލަ.. ރޫބީވެސް އެއީ އައިޝާއެކޭ... ދެން ނެތެއްނު މިއަކު އޮޅުވާލުމެއް..." ނަޖާތު މަސައްކަތްކުރީ ފައުދު ރުއްސޭތޯއެވެ.

"މައްސަލައަކަށް ނުހަދާށޭ... ހުރިހާ ކަމެއްގެ ފެށުން ތިއޮތީ ބޮޑު އޮޅުވާލުންގަނޑެއްގެ ތެރޭން ފެށިފަ.... ތިކަމުގަ ރޫބީގެ އެއްވެސް ބައިވެރިވުމެއް އެބައޮތްތަ؟..." ފައުދު ހުރީ ގޮތް ހުސްވެފައެވެ.

"ނޫން... ނޫން... ހުރިހާ ކަމެއް ކުރީ އަހަރެން އަމިއްލައަށް... ރޫބީއަށް އެއްކަމެއްވެސް ނޭނގޭނެ..." ނަޖާތު އަވަސް އަވަހަށް ބުނެލިއެވެ.

"އަހަންނަކަށް ދެން މިކަން ސިއްރެއް ނުކުރެވޭނެ... އަހަރެން މިދަނީ ނާޝިޒާ ބައްދަލުކުރަން... އައިޝާ ރޫބީއަށް ހުރިހާ ވާހަކައެއް ކިޔައިދީ..." ފައުދު އުޅުނީ ފޯނު ކަނޑައިލާށެވެ.

"ބޮޑުބޭބޭ... ބޮޑުބޭބޭ ޕްލީޒް... ހުރިހާ ކަމެއް ކުރީ އަހަރެން... އެންމެންގެ ކައިރިން މާފަށް އެދެންޖެހޭނީވެސް އަހަންނަށް.... ބޮޑުބޭބެއަށް މިކަމުގެ ޒިންމާ ނަގާކަށް ނުޖެހޭނެ... އަހަރެން މިކަން ހައްލުކުރާނަން..." ފައުދު އޭނާ ބުނާގޮތް ނުހަދާނެކަން އެނގޭއިރުވެސް، ނަޖާތު އާދޭސްކުރިއެވެ.

ނަޖާތުގެ ވާހަކަ ނުނިމެނީސް ފައުދު ފޯނު ކަނޑައިލި އަޑު އިވުނެވެ.

*********

ފޯނު ބާއްވާފައި އެނބުރި އައިއިރުވެސް ރޫބީގެ މޫނުން މާބޮޑު އަސަރެއް ފާޅެއް ނުވެއެވެ. އިކާން ހުރީ ހިތްތެޅޭވަރުން އެސްފިޔަ ޖަހައިލަންވެސް ނުކެރިފައެވެ. ރޫބީ ކައިވެންޏާއި ދެކޮޅުހަދައިފިނަމަ، ހުރިހާ ކަމެއް ބަދަލުވެގެންދާނެއެވެ.

"ބޭނުން ވާހަކައެއް ދައްކާލަން..." އިކާންގެ އަތަށް ފޯނު ދިއްކޮށްލާފައި، ރޫބީ އިޝާރާތްކުރީ ބެލްކަންޏަށެވެ.

"މި..މިގަޑީތަ؟..." އިކާނަށް ބަލައިލެވުނީ ޔަޒްދާނަށެވެ.

އިކާންމެންނަށް ބަލަން ހުރެފައި ޔަޒްދާން ގޮސް ވަނީ ކޮޓަރިއަށެވެ. އެނދުގައި ޖައްސައިލިއިރުވެސް، ޔަޒްދާންގެ ހިތަށް އުނދަގޫގޮތެއް ވަނީއެވެ.

ދެމީހުން އެކުގައި ބެލްކަންޏަށް ނުކުތްއިރު، ތަނުގައިވީ ފަނޑު އަލިކަމެކެވެ. ޖާގަ މާ ތަނަވަސް ނޫނަސް، ބެލްކަނީގައި ދެމީހުންނަށް ތިބެވޭނޭހެން ގޮނޑިއާއި މޭޒެއް ބަހައްޓާފައި ހުއްޓެވެ. ތަނަށް ދިރުން ގެނުވާފައިވީ، ތަނުގެ ވަށައިގެން ހައްދާފައިވާ ގަސްތަކުންނެވެ. ރެއިލިންއިން ތިރިއަށް ވާހެން އެލިފައިވާ ވެޔޮގަނޑަށް ބަލަން ރޫބީ އިރުކޮޅަކު ހުއްޓެވެ. ވެލުގައި އަޅާފައިވާ ހުދުކުލައިގެ ކުދިކުދި މާތަކުން މާހައުލުގައި ހިފާލާފައި ހުރީ ލުއިލުއި މީރު ވަހެކެވެ. އެ މާތަކަށް އޮރެންޖު އަލި އެޅުމުން، ދިއްލިލާފައިވާއިރު، ނުހަނު ހިތްގައިމެވެ. އިކާން ހީވަނީ ޗާބީދީފައި ހުރި ބުދެއް ހެންނެވެ. ރޫބީ ދާހާ ތަނަކަށް ފަހަތުން ދެއެވެ. ގަހެއްގެ ފަތުގައި އަތްލުމުން، އެކަމެއް ކޮށްލައެވެ. ގޮނޑީގައި އިށީނުމުން އިށީނދެއެވެ.

"އަހަންނަކީ އެހާ ނަސީބު ރަނގަޅު މީހެއް ނޫން... އަހަރެންގެ ގެއެއް ނެތް... ހަރުމުދަލެއް ނެތް... އެކައުންޓުގަ މާގިނަ ފައިސާއެއް ނެތް... މައިންބަފައިންނެއް ނެތް... އާއިލާގަ މާގިނަ ބަޔަކު ނެތް...." ރޫބީ ވާހަކަ ފެށީ ދުރުދުރުންނެވެ. "އަހަންނަށް އަހާލެވިދާނެތަ އިކާން ކީއްވެތޯ އަހަންނާ މެރީކުރަން ބޭނުންވަނީ..."

"ތީ އަހާ ކަހަލަ ސުވާލެއްވެސް ނޫނެއްނު..." އިކާން ގަދަކަމުން ހިނިގަނޑެއް ޖަހައިލިއެވެ. ރޫބީ އެހާ ސީރިއަސްވެފައި ވާހަކަ ދެއްކިގޮތުން، އިކާން އިނީ ވާހަކަ ދައްކަންވީ ގޮތެއް ނޭނގިފައެވެ.

"އިކާން ކަހަލަ މީހަކަށް މެރީކުރާނެ ރަނގަޅު ބައިވަރު ކުދިން ވާނެ... ކީއްވެ އަހަރެން؟..." ރޫބީ އަނެއްކާވެސް އޭނާގެ ސުވާލު ތަކުރާރު ކުރިއެވެ.

"އެ ސުވާލަށް ޖަވާބު ދީފިއްޔާ، އަހަންނާ މެރީކުރަން އެއްބަސްވާނަންތަ؟..." އިކާން ސީދާ ރޫބީގެ ދެލޮލަށް ބަލައިލިއެވެ.

"އަހަންނަށް ގަބޫލުކުރެވޭ ކަހަލަ ރީޒަންއެއް ވެއްޖެއްޔާ، މާދަންވެސް ރަންކިޔަން އަހަރެން މިހުރީ ތައްޔާރަށް..." ރޫބީގެ އަޑުގައިވީ ޔަގީންކަމެވެ.

އިކާންގެ ހިތް ނަށައިލިއެވެ. ބުނަން ބޭނުންވި ބައިވަރު ވާހަކަ ހުރި ނަމަވެސް، ހިތް އަވަސްވެފައިވާވަރުން ވާހަކަ ފަށާނެގޮތެއް ނޭނގި ވިސްނަން އިނދެވުނެވެ.

"މީގެ ވިހި އަހަރު ކުރިން ފުރަތަމަ ނަޒަރުން އަހަންނަށް ކުއްޖަކުދެކެ ލޯބިވެވުނު......" އިކާން ވާހަކަ ފެށީ ރޫބީގެ މޫނަށް ވެރިވާ އަސަރުތަކަށް ވިސްނައިގެންނެވެ. "އެކުއްޖާ ނޫން ކުއްޖަކާ ކައިވެނިކުރަން އަހަރެންގެ ހިތް އެއްބަހެއް ނުވި... މި ހުރިހާ ދުވަހު އަހަރެންގެ ހިތް ބުނީ އެކުއްޖާއާ ބައްދަލުވާނެއޭ... އެދުވަސް އަންނަންދެން ހުންނާށޭ... އަހަރެން މިހުރިހާ ދުވަހު އިންތިޒާރުކުރި ކުއްޖަކީ ކާކު ކަން އެނގޭތަ؟... އެ ކުއްޖަކީ ރޫބީއޭ ބުނެފިއްޔާ، އެކަން ގަބޫލުކުރާނަންތަ؟..."

ރޫބީ ދެލޯ ބޮޑުކޮށްލައިގެން އިކާނަށް ބަލަން އިނެވެ. އެ ނަޒަރުން ބުނާ ކަހަލައެވެ. ރޫބީއަކީ ކާކުކަން އިކާނަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ރޫބީއަށް އެނގުނު ހަގީގަތް އިކާނަށް ހާމަކުރުމުގެ ކުރިން ރޫބީގެ ހަގީގަތް އިކާން ހާމަކުރީ ކިހިނެއް ހެއްޔެވެ؟

"ވިހި އަހަރު ކުރިން ރޫބީ ސަލާމަތްކުރި ކުއްޖަކީ މީ... އައިޝާ... އެދުވަހު އަހަންނަށް ރޫބީ ހާއްސަވީ އައިޝާގެ ނަމުން... އަދިވެސް އެ އަޑު އިވޭހެން ހީވޭ..." އިކާންގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. ކަރުނައިގެ ތެރެއިން އޭނާ ރޫބީއަށް ހަދިޔާކޮށްލީ ޝުކުރުވެރިކަމުގެ ހިނިތުންވުމެކެވެ. "އުފާވޭތަ އަހަރެން ގަދަވެ ސަލާމަތުން ރޫބީގެ ކުރިމަތީ ހުރީމަ؟... ދުވަހަކުވެސް އަހަންނާ ބައްދަލުވެދާނެހެން ރޫބީއަށް ހީވިތަ؟... ރޫބީއާ ބައްދަލުވީމަ، އަހަރެން ވަރަށް ވަރަށް އުފާވޭ..."

ބަސްހުއްޓިފައި އިން ރޫބީއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އިކާންގެ އިއުތިރާފާއިއެކު، ރޫބީގެ ހިތް އިތުރަށް ބޭގަރާރުވެއްޖެއެވެ. އެދުވަހުން ފެށިގެން ރޫބީގެ އިންތިޒާރުގައި އިކާންގެ ހަޔާތުން އެތައް ދުވަހެއް ދުއްވާލައިފިއެވެ. ޔަގީންކަމެއް ނެތް ކަމެއްގައި އަމިއްލަ ނަފުސަށް ކުރި އިތުބާރާއި އެކުގައެވެ. ރޫބީއަކީ ހަގީގަތުގައިވެސް އިކާނަށް އެހާ ހާއްސަ ކުއްޖެއް ހެއްޔެވެ؟ ދުވަހަކުވެސް މީހަކަށް ރޫބީ އެހާ ހާއްސަ ވެދާނެކަމަށް އޭނާ ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ. ރޫބީގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށުމުން، ކުއްލިއަކަށް ގޮނޑިން ތެދުވެގެން ގޭތެރެއަށް ވަނެވެ.

"ވެއިޓް... ދަނީތަ؟.. ހިތްހަމަނުޖެހުނީތަ؟..." އިކާން ހާސްވިއެވެ.

އިކާން ބޭނުންވީ ރޫބީ ހުއްޓުވާށެވެ. އޭގެ ކުރިން ރޫބީ ގޮސް ކޮޓަރިއަށް ވަނެވެ. އިކާން މާޔޫސްވިއެވެ. ކަރު އެލުނެވެ. ނިޝްރީން ބުނިހެން ރޫބީގެ ހިތުގައި އިކާނަށް ކުޑަވެސް މަގާމެއް ދެވިފައި ނެތީ ހެއްޔެވެ؟ އެދުވަހުގެ ހާދިސާ މުހިއްމުވަނީ ހަމައެކަނި އިކާނަށް ހެއްޔެވެ؟

"މާދަމާ ހެކިވެރިން ފޯމު ފުރަން އަންނަ ގަޑި ކުރިން މެސެޖުކޮށްލާތި!..." އިކާންގެ ފޯނަށް އައި ރޫބީގެ މެސެޖު ކިޔައިލިގޮތަށް އުފަލުން ފުންމައިލިއެވެ.

ދެވަނަ ފަހަރަށްވެސް އިކާން ފުންމައިލިއެވެ. ދެއަތުން ވައްތަރެއް ޖައްސައިލިއެވެ. ކައިވެންޏަށް ރަންކިޔަން ރޫބީ އެއްބަސްވެދާނެ ކަމަށް އިކާން ކުޑަކޮށްވެސް އުއްމީދުނުކޮށް ހުއްޓާ، ލިބުނު ހަބަރުން އުފަލުން މޮޔަނުވީ ކިރިޔާއެވެ. ވަގުތުން ފަލާހާއަށް ގުޅާފައި އުފާވެރި ހަބަރު ދިނެވެ. މަންޒަރު ބަލަން ހުރި ރޫބީގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވިއެވެ. އެނބުރި ކޮޓަރިއަށް ވަންއިރު، ރޫބީގެ ހުރިހާ ނުތަނަވަސްކަމެއް ފިލައިގެން ގޮސްފިއެވެ. ފޯނު މޭގައި ޖައްސާލައިގެން ހުރެ، އެނދާއި ދިމާއަށް ދިޔަ ރޫބީގެ ފިޔަވަޅުތައް ހުއްޓުނީ، އޭނާއަށް ބަލަން އޮތް ނަޖާތު ފެނުމުންނެވެ. ރޫބީ އަވަސް އަވަހަށް ކަރުކެހިލިއެވެ.

"އަހަރެން ބުނީމެއްނު އެބައޮތޭ ދޯ ވާހަކައެއް ބުނަންވެފަ..." ނަޖާތުގެ ކައިރީގައި އިށީންނަމުން ރޫބީ ބުނެލިއެވެ. "ނަޖާވެސް ބުނިންދޯ އެބައޮތޭ ވާހަކައެއް ބުނަންވެފަ... ފަސްޓް މީ އިނގޭ..."

"އޯކޭ..." ނަޖާތު އެއްބަސްވިއެވެ.

"އެނގޭތަ، އިކާންއަކީ އެއްކަލަ ބޯއީއޭ..." ރޫބީ ހީކުރީ ރޫބީ ބުނި އެއްޗެއް ނަޖާތަށް އެނގޭނެ ކަމަށެވެ. "ނޭނގޭތަ؟..." ނަޖާތު ދެބުމަ އުފުލައިލިގޮތުން ރޫބީ ތުންފިއްތައިލިއެވެ. "އެއްކަލަ ދުވަހު ނަޖާގެ ކުޑަ ރެބިޓް ގެއްލުނެއްނު، އެދުވަހު އަހަރެން ސަލާމަތްކުރި ކުއްޖަކީ އިކާންއޭ... އިކާންއަށްވެސް އަހަރެން އެނގޭ... ކޮންކަހަލަ އިއްތިފާގެއް ދޯ... ދެމީހުން ބައްދަލުވީ ނުވެސް އެނގި ތިއްބާ... އަނެއްކާ ކައިވެނިވެސް... މިހާރު ހުރިހާ ކަމެއް ހަމަޖެހިއްޖެ... މާދަމާ އަންނާނެ ހެކިވެރިން... ރަންކިޔާ، ފޯމުވެސް ފުރާނެ... ވަރަށް އެބަ ބިރުގަނޭ..."

ނަޖާތަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އެއްކޮޅުން ރޫބީގެ އުފަލެވެ. އަނެއްކޮޅުން ފައުދުގެ އިންޒާރެވެ. ރޫބީގެ އުފަލުގައި ބައިވެރިވާން އުޅުނަސް، ނަޖާތަށް އެކަމެއް ނުވިއެވެ. ނަޖާތުގެ މޫނުމަތީގައިވި ނުތަނަވަސްކަން ސިއްރެއް ނުވިއެވެ. ރޫބީގެ ހިނިތުންވުން ގެއްލުނު މަންޒަރު ފެނުމުން، ނަޖާތު ހަމަޖެހިލަން މަސައްކަތްކުރިއެވެ. ކަމެއް ނުވާކަން ދައްކަން އުޅުނެވެ. އެކަމަކު، ފައުދާއި ދެމެދު ހިނގައިދިޔަ ކަންތަކަށްފަހު، ރޫބީއަށް ހަގީގަތް ހާމަކުރަން ނަޖާތަށް އޮތީ މަޖުބޫރުވެފައެވެ. ރޫބީ އެހާ އުފަލުން ހުއްޓައި، އެ އުފާވެރިކަން ގެއްލުވައިލަން ޖެހުމުން، ނަޖާތުގެ ހިތަށް އުނދަގޫވިއެވެ. އެތައް ގޮތަކަށް ވިސްނުމަށްފަހު ނަޖާތު ގޮތެއް ނިންމިއެވެ.

"ކިހިނެއްވީ؟... ތަނަކަށް މާ ތަދުވަނީތަ؟..." ރޫބީ ކަންބޮޑުވިއެވެ.

"ރޫބީ... އަހަރެން ބުނީމެއްނު ވާހަކައެއް ބުނަންވެފަ އެބައޮތޭދޯ..." ނަޖާތު ބުނެލިއެވެ.

"އާނ... އަވަހަށް ބުނޭ..." ރޫބީ އެދުނެވެ.

"ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް، ތީ ރޫބީގެ އަމިއްލަ ލައިފް..." ނަޖާތު ދޫކޮށްލީ ފުން ނޭވާއެކެވެ. "ގޮތް ނިންމުމުގެ ބާރު ރޫބީއަށް އެބައޮތް... ދެން ކޮންމެ ކަމެއް ކުރިމަތިވިޔަސް، ފަހަތަށް ނުޖެހެއްޗޭ!... ރޫބީ ނިންމާ ކޮންމެ ނިންމުމަކަށް އަހަރެން ރޫބީއަށް ހެލްޕްވާނަން..."

"ތޭންކް ޔޫ..." ރޫބީ ނަޖާތުގެ ގައިގައި ބައްދައިލިއެވެ. "ތީ އެންމެ ބެސްޓް..."

ނަޖާތު ދެލޯ މަރައިލިއެވެ. ލޮލުން ފޭދުނު ކަރުނަތިކި އޭނާގެ ކޯތާފަތުގައި ބީހިލިއެވެ. ރޫބީއަށް އެހީވެފައި ފައުދާއި ކުރިމަތިލާން ނަޖާތު ނިންމިއެވެ. ކަމުގެ ނަތީޖާ ނުކުންނާނެގޮތެއް ނޭނގުނުކަމުގައިވިޔަސް މެއެވެ.

"މަންމާ!... މަންމަ މަތިން ހާދަ ހަނދާންވެއޭ... މަންމަ ދުނިޔޭގަ ހުރިނަމަ... އަހަންނަށް ނަސޭހަތްދޭން ހުރިނަމަ... އަހަންނަށް ހިތްވަރުދޭން ހުރިނަމަ... މަންމަ ދިން ނަސޭހަތުގަ ނުހިފުނީމަ ހުރިހާ ކަމެއްވީ... އަހަރެން މަގުން ކައްސާލައިގެން ނުދަނީސް، އަހަރެން ސަލާމަތްކޮށްދިނީ މަންމަ އެދުވަހުވެސް ބުނިގޮތަށް ރޫބީ... އެދުވަހު އަހަރެން އެވާހަކަ ގަބޫލުނުކުރީ، މަންމަ ރޫބީދެކެ މާ ލޯބިވަނީއޭ ކިޔާފަ... އެކަމަކު، މިއަދު އަހަންނަށް ވިސްނިއްޖެ... ދެން އެކަންކަން ރިޕީޓެއް ނުވާނެ..." ހިތާއިހިތުން ވާހަކަ ދައްކަމުން ދިޔަ ވަރަކަށް ނަޖާތުގެ ދެލޮލުން އޮހެމުންދިޔަ ކަރުނަ ވީ އިތުރެވެ.

ހަގީގަތް ސިއްރުކޮށްގެން ރޫބީއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެވޭނެނަމަ، ނަޖާތަށް އެކަން މާ މުހިއްމެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރޫބީ ހޭދަކުރީ އެކަނިވެރި ހިތްދަތި ދިރިއުޅުމެކެވެ. ކައިވެންޏަކީ، ދެމީހަކު ރުހިގެން އަބަދަށް އެކުގައި އުޅުމަށް ޖަހާލެވޭ ގޮށެކެވެ. އެއީ ކުޅޭ ކުޅިވަރަކަށް ވެގެން ނުވާނެއެވެ. އެހެން މީހުންނަށް އެ ދޭތެރެއަށް ވަދެވިގެންވެސް ނުވާނެއެވެ. ރޫބީއާއި އިކާން އެކަކު އަނެކަކާއި ކައިވެނި ކުރަން ބޭނުންވާނަމަ، އެ ފުރުސަތުވެސް އޮންނަންވާނެއެވެ. މުހިއްމީ، ކައިވެންޏެއް ހުއްޓުވުމުގެ ބަދަލުގައި ކައިވެނި ކުރަން ބޭނުންވާ ދެމީހުންނަށް މަރުހަބާ ކިޔުމެވެ. އަމިއްލައަށް ހެދުނު ގޯސް، އަމިއްލަ އަތުން އިސްލާހުކުރަން ނަޖާތު ނިންމި މައިގަނޑު ސަބަބަކީ ރޫބީގެ އުފާވެރިކަމެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު