ބީއެމްއެލްއިން ބ. އަތޮޅުގެ ތިން ރަށެއްގައި އޭޓީއެމް ޚިދުމަތް ފަށައިފި

ކުޑަރިކިލުގައި އޭޓީއެމް ޚިދުމަތް ފެށުން: ބީއެމްއެލްއިން އޭޓީއެމް ޚިދުމަތް ދޭ ރަށްތަކުގެ އަދަދު މި ހަފުތާގައި 47އަށް އިތުރުކުރާނެ -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބ. އަތޮޅުގެ ތިން ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން މިއަދު ފަށައިފިއެވެ.

ބީއެމްއެލްއިން ފަށައިފައިވާ، "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ވަނީ ބ. ކަމަދޫ، ކުޑަރިކިލު އަދި ކެންދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ޚިދުމަތް ތައާރަފުކޮށްފައެވެ. އަދި މި ހަފުތާގައި އެ އަތޮޅުގެ އިތުރު ހަތް ރަށުގައި އެ ޚިދުމަތް ފަށާއިރު، އެއާއެކު، މި އަހަރު ބީއެމްއެލްއިން އޭޓީއެމް ޚިދުމަތް ދޭން ފަށައިފައިވާ ރަށްތަކުގެ އަދަދު 47އަށް އަރާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އެ ރަށްތަކުގައި އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ބައެއް ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި އިތުރު އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް، ކަމަދޫގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުން: ބީއެމްއެލްއިން އޭޓީއެމް ޚިދުމަތް ދޭ ރަށްތަކުގެ އަދަދު މި ހަފުތާގައި 47އަށް އިތުރުކުރާނެ -- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްއިން ބުނީ، މި ހަފުތާ ތެރޭގައި ބ. ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ދޮންފަނު އަދި މާޅޮހުގައި އޭޓީއެމް ޚިދުމަތް ތައާރަފުކުރާނެ ކަމަށެވެ.

އެއާއެކު ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މިކަމާ ގުޅިގެން ޝަރީފް ވިދާޅުވީ، މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފުޅާ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއަކީ އެ ބޭންކުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.

"ޝައްކެއް ނެތް ގޮތުގައި މިއީ މިހާތަނަށް އަޅުގަނޑުމެން ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް، މިއިން ދޭހަކޮށްދެނީ ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށާއި ރަށްރަށުގެ ތަރައްގީއަށް އަޅުގަނޑުމެންދޭ އަހަންމިއްޔަތު،" އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗާއި 134 ސެލްފްސާވިސް ބޭންކިން ސެންޓަރު ހުރެއެވެ.

comment ކޮމެންޓް