ހުކުމާ އެއްގޮތަށް އަދީބު އެއް މިލިއަން ރުފިޔާ ނުދައްކައިގެން ކޯޓަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: އޭނާގެ ޖޫރިމަނާ ނުދައްކާ މައްސަލަ ވަނީ ހުށަހަޅާފައި -- ސަން ފޮޓޯ/ މުހައްމަދު މާހިލް

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައްކަންޖެހޭ އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ ހުކުމާ އެއްގޮތަށް ނުދައްކާތީ އެ މައްސަލަ ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

އެއް މަސް ތެރޭގައި ދައުލަތަށް އެއް މިލިއަން ރުފިޔާ ދައްކަން އަދީބުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހެވެ.

އެކަމަކު، އެ ހުކުމާ އެއްގޮތަށް އަދީބު ފައިސާ ދައްކާފައެއް ނުވެއެވެ.

ބަންޑާރަނައިބުގެ އޮފީހުން މިއަދު ބުނީ، އެ މައްސަލަ ދައުލަތުން މިހާރު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި، އެ މައްސަލަ މިހާރު އޮތީ ތަންފީޒީ މަރުހަލާގައި ކަމަށް އެ އޮފީހުން ބުންޏެވެ.

https://sun.mv/200919

ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އަދި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރިއެވެ. އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.

މީގެ ކުރިން މި މައްސަލައިގައި އަދީބުގެ ފަރާތުން ވަނީ އެއްފަހަރާ އެ ފައިސާ ދައްކަން ދަތިވާނެ ކަމަށް ބުނެފައެވެ.

https://sun.mv/201563

އެ ޚިޔާނާތް ހިނގީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެ މައްސަލަ ބަލަން ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އެ މައްސަލައިގައި ޖަލުގައި ތިއްބެވި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އަދީބު ގޭ ބަންދަށް ބަދަލުކުރައްވައިފައެވެ. ފަހުން، ޞާލިޙް ވަނީ ދެ ބޭފުޅުންނަށް މާފުދެއްވާފައެވެ.

އެހެންވެ، އަދީބު މިހާރު ދިރިއުޅުއްވަނީ ރާއްޖޭން ބޭރުގައެވެ.

އެކަމަކު، މި ސަރުކާރުން މި އަހަރު ވަނީ އެމްއެމްޕީއާރްސީ މައްސަލައިގައި ދައުލަތުން ހަދާފައިވާ އިމިއުނިޓީ އެއްބަސްވުންތައް ބާތިލުކޮށްފައެވެ. އެ ގޮތުން، އަދީބާއި، މ. ލޭންޑް އޮފް ގާޑެން، އަޙްމަދު އިޝްފާޙް ޢަލީއާއި މ. ސެސްނާ، މުޙައްމަދު ޢައްލާމް ލަޠީފްގެ އިތުރުން ގ. އޮއިވާލި، މުޙައްމަދު ޙުސައިނާ އެކު ދައުލަތުން ހެދި އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ.

comment ކޮމެންޓް