ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، މައިކްރޮސޮފްޓުން، އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލް ކަމަށްވާ ކޯޕައިލޮޓަށް، މާބޮޑު އިޢުލާނު ކުރުމަކާ ނުލައި އާ ފީޗާއެއް ތަޢާރަފްކޮށްފިއެވެ.
"ކޯޕައިލޮޓް 3ޑީ" ގެ ނަމުން ނަންދީފައިވާ މި ފީޗާ ބޭނުންކޮށްގެން، އާންމު 2ޑީ ފޮޓޯއެއް ފަސޭހަކަމާއެކު 3ޑީ މޮޑެލްއަކަށް ބަދަލުކޮށްލެވޭނެއެވެ.
މި ފީޗާއަކީ "ކޯޕައިލޮޓް ލެބްސް" ގެ ދަށުން ތަޖުރިބާކުރަމުން އަންނަ ފީޗާއެއް ކަމަށާއި، އަމިއްލަ މައިކްރޮސޮފްޓް އެކައުންޓެއް ބޭނުންކުރާ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށްވެސް މި ޚިދުމަތް ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ޚިދުމަތް ބޭނުންކުރުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.
މައިކްރޮސޮފްޓުން ބުނާ ގޮތުގައި، ކޯޕައިލޮޓް 3ޑީ އަކީ 3ޑީ މޮޑެލްތައް އުފެއްދުމުގެ މަސައްކަތް ވަރަށް ބޮޑަށް ފަސޭހަކޮށްދޭނެ ވަސީލަތެކެވެ. މިކަން ކުރުމަށްޓަކައި 3ޑީ މޮޑެލިންއާ ގުޅޭ އެއްވެސް ތަޖުރިބާއެއް ނުވަތަ އިލްމެއް ބޭނުންތެރިއެއް ނޫނެވެ. ބޭނުންކުރާ ފަރާތުން ކުރަންޖެހޭ ހަމައެކަނި ކަމަކީ، 10 މެގަބައިޓް (އެމްބީ) އަށް ވުރެ ބޮޑު ނޫން ފޮޓޯއެއް އަޕްލޯޑް ކުރުމެވެ. އެއަށްފަހު، ކޯޕައިލޮޓްގެ އޭއައި ސިސްޓަމުން އެ ފޮޓޯއެއް 3ޑީ ޕްރިންޓް ކުރުމަށާއި ރެންޑާކުރުމަށް ތައްޔާރު 3ޑީ މޮޑެލްއަކަށް ބަދަލުކޮށްދޭނެއެވެ.
މިގޮތަށް އުފައްދާ 3ޑީ މޮޑެލްތަކަކީ ގޭމިން، އެނިމޭޝަން، އޮގްމެންޓެޑް ރިއަލިޓީ (އޭއާރު)، ވާޗުއަލް ރިއަލިޓީ (ވީއާރު) އަދި މެޓަވާސް ފަދަ ޕްރޮޖެކްޓްތަކަށް ސީދާ ބޭނުންކުރެވޭނެ އެސެޓްތަކެއް ކަމަށް މައިކްރޮސޮފްޓުން ފާހަގަކުރެއެވެ. އަދި މި ފީޗާ ބޭނުންކުރަން ފަށަން ނޭނގޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، މައިކްރޮސޮފްޓުން ވަނީ ބޭނުންކުރެވިދާނެ ތަފާތު މަންޒަރުތަކެއްގެ ލައިބްރަރީއެއްވެސް ފޯރުކޮށްދީފައެވެ.
މިވަގުތު ކޯޕައިލޮޓް 3ޑީ އިން ކުރެވެނީ ހަމައެކަނި ފޮޓޯއަކުން 3ޑީ މޮޑެލް ހެދުމުގެ މަސައްކަތެވެ. ލިޔުމަކުން 3ޑީ މޮޑެލް ހެދުމުގެ (ޓެކްސްޓް-ޓު-3ޑީ) ފީޗާ އަދި ނުލިބެއެވެ. މައިކްރޮސޮފްޓުން ލަފާދެނީ މި ޚިދުމަތް ޑެސްކްޓޮޕް މެދުވެރިކޮށް ބޭނުންކުރުމަށެވެ. ނަމަވެސް، މޯބައިލް ބްރައުޒަރުތަކުންވެސް މި ޚިދުމަތް ބޭނުންކުރެވެއެވެ.
ފޮޓޯއިން 3ޑީ މޮޑެލް އުފެއްދުމުގެ ޓެކްނޮލޮޖީ ތަޢާރަފްކުރި ފުރަތަމަ ކުންފުންޏަކީ މައިކްރޮސޮފްޓެއް ނޫނެވެ. މީގެ ކުރިން ސްޓެބިލިޓީ އޭއައި، ޓެންސެންޓްއާއި، މެޓާ އަދި އެޕަލް ފަދަ ކުންފުނިތަކުން ވެސް ވަނީ މިފަދަ ޓެކްނޮލޮޖީތައް އާންމުކޮށްފައެވެ. ނަމަވެސް، ކޯޕައިލޮޓްގެ ޒަރިއްޔާއިން މި ފީޗާ އާންމުންނާ ހަމައަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަކީ މި ދާއިރާއަށް ލިބިގެންދާނެ އިތުރު ކުރިއެރުމެކެވެ.