ނޫސްވެރިން މަރަން ޖެހެނީ 'ޓެރަރިސްޓުން'ނަށް ވާގިވެރިވާތީ: އިސްރާއީލު

އިސްރާއީލުން ޝަހީދުކޮށްލި އަލްޖަޒީރާގެ މުރާސިލުން އަނަސުއްޝަރީފް

ޣައްޒާ (11 އޮގަސްޓް 2025): ޣައްޒާގައި ނޫސްވެރިން މަރަން ޖެހެނީ އެ މީހުން "ޓެރަރިސްޓުން"ނަށް ވާގިވެރިވާތީ ކަމަށް ބުނެ ނޫސްވެރިން މެރުމަށް އިސްރާއީލު ހިންގާ ގަތުލުއާންމުތައް ދިފާއުކޮށް އިސްރާއީލުން ވާހަކަދައްކައިފިއެވެ.

މި ޖަރީމާ ދިފާއުކުރުމުގެ ގޮތުން އިސްރާއީލު މިއަދު ނެރުނު ބަޔާނެއް ބުނާގޮތުން ރޭ އިސްރާއީލުން ޝަހީދުކޮށްލި އަލްޖަޒީރާގެ މީޑިއާ ޓީމުގައި ހިމެނޭ މުރާސިލެއް ކަމަށްވާ މުހައްމަދު އަލްގުރައިއުއަކީ ހަމާސްއާ ގުޅުންހުރި "ޓެރަރިސްޓް"އެކެވެ. އޭނާ މަރާލަން ޖެހުނީ ހަމާސް އެދޭގޮތަށް ޚަބަރު ފަތުރަމުން ގެންދާތީއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމުތަކާއި އާންމުން ބަނޑަށް ޖައްސައިގެން މެރުން ފަދަ ނަސްލު ނައްތާލުމުގެ ލާއިންސާނީ ޖަރީމާތަކުގެ އަޑާއި މަންޒަރު ދުނިޔެއަށް ހާމަކުރަމުން އަންނަ އަލްޖަޒީރާގެ ނޫސްވެރިންގެ ޓީމަށް އިސްރާއީލު ސިފައިން ހަމަލާދީ، އެ ޓީމުގެ ފަސް މީހުން ޝަހީދުކޮށްލާފައިވަނީ ރޭ ފަތިހެވެ. މި ހަމަލާގައި އިތުރު ދެ މީހަކު ވެސް މަރުވިއެވެ.

އިސްރާއީލުން ޝަހީދުކޮށްލި އަލްޖަޒީރާގެ މީޑިއާ ޓީމުގައި ހިމެނެނީ އަލްޖަޒީރީގެ ދެ މުރާސިލުން ކަމަށްވާ އަނަސުއްޝަރީފާއި މުހައްމަދު އަލްގުރައިއު އަދި ތިން ކެމެރާމަނުން ކަމަށްވާ އިބްރާހީމް ޒާހިރު، މުހައްމަދު ނައުފަލް އަދި މުއުމިން އަލީވާއެވެ.

އިސްރާއީލުން ނޫސްވެރިންނާ ދެކޮޅަށް މި ގަތުލުއާންމު ހިންގީ ޣައްޒާ ސިޓީގައި ނޫސްވެރިން ތިބުމަށް ޚާއްސަކޮށްފައިވާ މީޑީއާ ފޭލިގެއަކަށް ބޮންއަޅައިގެންނެވެ. ބޮން އެޅި ޓެންޓް ނުވަތަ ފޭލިގެއަކީ ނޫސްވެރިން ތިބޭ މީޑިއާ ފޭލިގެއެއްކަން އިސްރާއީލަށް އަންގާފައިވާ ތަނެކެވެ. އަދި، އެ ފޭލިގެއަކީ ނޫސްވެރިންނަށް ޚާއްސަ ތަނެއްކަން ހާމަވާގޮތަށް ވަނީ ނަން ވެސް ޖަހާފައެވެ.

ޒަޔަނިސްޓް ފިކުރާ އިދިކޮޅު ޔަހޫދީން އިސްރާއީލާ ދެކޮޅަށް އަޑުއުފުލަނީ

އިސްރާއީލުން ހަމަލާ ދިނީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާއި މީހުން ބަނޑަށް ޖައްސައިގެން މެރުން ފަދަ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ އަޑާއި މަންޒަރު ދުނިޔެއަށް ހާމަކުރުމާއެކު ދުނިޔޭގައި އިސްރާއީލު ބޭޒާރުވެގެންދާތީ މި އަޑުތައް ކަނޑުވާލުމުގެ ގޮތުން ކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ.

އިސްރާއީލުން ވަނީ މި ޖަރީމާއަށް އެއްބަސްވެފައެވެ. މި ޖަރީމާ ހިންގީ އަލްޖަޒީރާގެ މީޑިއާ ޓީމުގައި ހިމެނޭ މުރާސިލެއް ކަމަށްވާ މުހައްމަލު އަލްގުރައިއުއަކީ ހަމާސްއާ ގުޅުންހުރި ޓެރަރިސްޓަކަށްވާތީ ކަމަށް ބުނެ އިސްރާއީލުން ވަނީ މި ގަތުލުއާންމު ދިފާއުކޮށްފައެވެ.

އިސްރާއީލަކީ ނޫސްވެރިން މެރުމާއި މިނިވަން ނޫސްވެރިކަމުގެ އަޑު ކަނޑުވާލުމަށްޓަކައި ވަރަށް ޖައްބާރު އަދި ޖަނަވާރު ގޮތެއްގައި ދުނިޔޭގައި ހަރަކާތްތެރިވަމުންދާ ނުރައްކާތެރި އެންޓިޓީއެކެވެ.

އިސްރާއީލުގެ ސިފައިންވަނީ ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތައް ކަވަރުކުރުމަށް ހަރަކާތްތެރިވަމުންދިޔަ 216 އަށް ވުރެ ގިނަ ނޫސްވެރިން (މުރާސިލުންނާއި ކެމެރާމަނުންނާއި ފަންނީ މީހުން) ފާއިތުވި 22 މަސްތެރޭގައި މަރާލާފައެވެ. މީގެ ތެރޭގައި އަލްޖަޒީރާ ނޫން ޗެނެލްތަކާއި ނޫސް އެޖެންސީތަކާއި މިޑިއާތަކުގެ ނޫސްވެރިން ވެސް ހިމެނެއެވެ. ނަމަވެސް، އެންމެ ގިނައީ ފަލަސްތީނުގެ މީޑީއާތަކާއި އަލްޖަޒީރާގެ ނޫސްވެރިންނެވެ.

މިއާއެކު ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ނޫސްވެރިން މެރުމުގެ ރިކޯޑު މިހާރު ހާސިލުކޮށްފައިވަނީ އިސްރާއީލުންނެވެ. އިސްރާއީލުގެ ކުރިން މި ރިކޯޑު ހޯދާފައިވާ ގައުމަކީ އިސްރާއީލުގެ ޓެރަރިސްޓް ހަރަކާތްތައް ސޮޕޮންސާކުރާ މައި ގައުމު ކަމަށްވާ އެމެރިކާއެވެ.

އިރާގާއި އަފްޣާނިސްތާނުގައި ވިއްސަކަށް އަހަރުވަންދެން އެމެރިކާ ހިންގި ހަނގުރާމައިގާ އެމެރިކާ ސިފައިން 16 އަށް ވުރެ ގިނަ ނޫސްވެރިންނާއި ނޫސްވެރިކަމާ ގުޅުންހުރި މީހުން މަރާލާފައިވެއެވެ.

މީގެ ތެރޭގައި ގިނައީ އަފްޣާނިސްތާނުގެ ނޫސްވެރިންނެވެ. ނަމަވެސް، އަލްޖަޒީރާގެ ބައެއް ނޫސްވެރިންނަށް ވެސް ގަސްދުގައި އެމެރިކާ ސިފައިން ހަމަލާދީ އެ މީހުން މަރާފައިވެއެވެ. ބަޣްދާދުގައި ހުންނަ އަލްޖަޒީރާގެ މީޑިއާ އޮފީހަށް އެމެރިކާ ބޮން އަޅައިގެން ވެސް އަލްޖަޒީރާގެ މުރާސިލުން ޝަހީދުކޮށްލާފައިވެއެވެ.

ޣައްޒާގެ އިތުރުން އިސްރާއީލުންވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލު ހިންގާ ޣައިރު ގާނޫނީ އިސްތިއުމާރީ ޖަރީމާތައް ކަވަރުކުރަން އުޅުނު ފަލަސްތީނުގެ އަންހެން ނޫސްވެރިއެއް ކަމަށްވާ ޝީރީން އަބޫ އާގިލާ ވެސް މީގެ ދެތިން އަހަރު ކުރިން މަރާލާފައެވެ.

ޝީރީން މަރާލީ އިސްރާއީލު ސިފައިން ކަމަށް ވިޔަސް އެކަމަށް އިއުތުރާފުވުމަށް އިސްރާއީލު ގެންދިޔައީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް، އެންމެ ފަހުން ހަގީގަތް ފަޅާއެރުމުން އިސްރާއީލުންވަނީ އެ ޖަރީމާއަށް އިއުތިރާފުވެފައެވެ.

ޣައްޒާގައި އިސްރާއީލު ޝަހީދުކޮށްލި އަލްޖަޒީރާގެ ބައެއް ނޫސްވެރިން ޝަހީދުކޮށްލާފައިވަނީ އެ މީހުންގެ މައިންބަފައިންނާ އަނބިން އަދި ދަރިންނާ ވެސް އެކުގައެވެ. ބައެއް ނޫސްވެރިންގެ މުޅި އާއިލާއެވެ. އަނެއްބައި ނޫސްވެރިން ޝަހީދުކޮށްލާފައިވަނީ އެ މީހުންގެ އާއިލާގެ ގިނަ ބަޔަކާ އެކުގައެވެ.

ނޫސްވެރިން މެރުމަށް ހިންގާ ޖަރީމާތައް އިސްރާއީލު ދިފާއުކުރަނީ ނޫސްވެރިންނަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތަށް ވަގިވެރިވާ ބައެއް ކަމަށް ބުނެ ބަހަނާ ދައްކައިގެންނެވެ.

އިސްރާއީލު ހިންގާ ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ އަމަލުތައް ފުރިހަމަ ގޮތުގައި ކަވަރުކުރުމަށް ޔަހޫދީން ކޮންޓްރޯލްކުރާ ސީއެންއެންއާއި ބީބީސީ ފަދަ ހުޅަނގުގެ މެއިންސްޓްރީމް މީޑިއާތަކުން ގެންދަނީ ވަރަށް ބޮޑަށް ފަސްޖެހެމުންނެވެ. އެއީ، އިސްރާއީލުގެ ނުރައްކާތެރި ހަގީގަތް ދުނިޔެއަށް ހާމަވެ، އިސްރާއީލު ބޭޒާރުވާނެތީއެވެ. މީގެ ތެރޭގައި އޮސްޓްރޭލިއާގެ ޔަހޫދީ ޒަޔަނިސްޓް މަހުޖަނު ރޮބަޓް މާޑޮޚް ކޮންޓްރޯލްކުރާ މީޑީއާތަކާއި ޔަހޫދީ އެ ނޫން ވެސް މަހުޖަނުންނާއި ޔަހޫދީ ކުންފުނިތަކުން ކޮންޓްރޯލްކުރާ މީޑިއާތައް ހިމެނެއެވެ.

comment ކޮމެންޓް