ބ. ކަމަދޫ ސްކޫލުގެ ދެ ކްލާސްރޫމް އަޅަން، ސޯޝަލް ހައުސިން އެޅުމުގެ މަސައްކަތް ކުރާ ސަރުކާރު ކުންފުންނި ކަމަށްވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އަށް މިއަދު ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބ. އަތޮޅަށް މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެ ކަމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ. އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލެވެ.
ކަމަދޫ ސްކޫލުގައި ދެ ކްލާސްރޫމް އަޅަން އެފްޑީސީއަށް ހަވާލުކުރީ 5.4 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މައިގަނޑު މަސައްކަތަކީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމެވެ.
މީގެ ކުރިން، ކްލާސްރޫމްތައް އެޅުމާއި މަަރާމާތުކުރުމާއި އެ ނޫން ވެސް މަސައްކަތްތައް އާންމު ގޮތެއްގައި ކޮންޓްރެކްޓުކުރަނީ އަމިއްލަ ކުންފުނިތަކަށެވެ.
މިފަދަ މަސައްކަތެއް އެފްޑީސީއަށް ހަވާލުކުރިއިރު މަގު ހެދުމުގެ މަސައްކަތްކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް ވަނީ ނައިފަރު ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ތަރައްގީ ކުރަން މިދިޔަ އެޕްރީލް މަހު ހަވާލުކޮށްފައެެވެ.
ހަމައެއާއެކު ސަރުކާރުގެ މަޝްރޫއުތައް އަވަސްކުރުމުގައި ސިފައިންގެ އެހީތެރިކަން ވެސް ސަރުކާރުން ހޯދައެވެ.