ނޮބެލް ސުލްހައިގެ އިނާމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން ކެމްބޯޑިއާއިން ހުށަހަޅައިފިއެވެ.
ކެމްބޯޑިއާ އާއި ތައިލެންޑްގެ ބޯޑަރު މައްސަލައިގައި ސުލްހަ ގާއިމު ކުރުމަށް ޓްރަމްޕް ކުރެއްވި މަސައްކަތަށް ކެމްބޯޑިއާގެ ރައީސް ހަން މަނެޓް ވަނީ ތައުރީފުކުރައްވައިފައެވެ.
ސުލްހައިގެ އިނާމަށް ޓްރަމްޕްގެ ނަން ހުށަހަޅާފައިވާކަން މަނެޓް އިއުލާނު ކުރެއްވީ ފޭސްބުކް ޕޯސްޓެއްގައެވެ.
"[ޓްރަމްޕް] ވަގުތުން ވަގުތަށް ކުރެއްވި މަސައްކަތަކީ ގިނަ ބައެއްގެ ފުރާނަ ގެއްލުނަ ނުދީ، ސުލްހަ ގާއިމު ކުރުމަށް މަގުފަހިކޮށްދިން ކަމެއް،" ސުލްހައިގެ އިނާމު ދޭ ކޮމެޓީއަށް ފޮނުއްވި ސިޓީގައި މަނެޓް ލިޔުއްވާފައިވެއެވެ.
ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖުލައި 26 ވަނަ ދުވަހު ތައިލެންޑާއި ކެމްބޯޑިއާގެ ރައީސުންނާ ޓްރަމްޕް ދެއްކެވި ވާހަކަފުޅަކީ، ފަހުގެ ތާރީޚެއްގައި އެ ގައުމުތަކުގެ މެދުގައި ހިނގި އެންމެ ވަރުގަދަ އެއް ޢަދާވާތްތެރިކަން ނިމުމަކަށް ގެނައުމަށް ކުރެއްވި މަސައްކަތަށް ކާމިބާޔާބު ލިބުނު ކަމެކެވެ.
އެކަމުގެ ސަބަބުން ޖުލައި 28 ވަނަ ދުވަހު މެލޭޝިއާގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފަށައި ހަމަލާތައް މެދުކަނޑާލަން ދެ ގައުމުންވެސް ވަނީ އެއްބަސްވެފައެވެ.
ދެ ގައުމުގެ ދެމެދުގައި ހިނގި އެ ހަމަނުޖެހުންތަކުގައި 43 މީހުން މަރުވެ 300،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުނެވެ.
މިދިޔަ ހަފުތާގައި މަނެޓްވަނީ ސުލްހައިގެ އިނާމަށް ޓްރަމްޕްގެ ނަން ހުށަހަޅުއްވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފައެވެ.
ކެމްބޯޑިއާގެ އިތުރުން ޕާކިސްތާނުން ވެސް ވަނީ ނޮބެލް ސުލްހައިގެ އިނާމަށް ޓްރަމްޕްގެ ނަން ހުށަހަޅާފައެވެ. މިދިޔަ މަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް ވަނީ އެ އިނާމަށް ޓްރަމްޕްގެ ނަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.