ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރު އަދި އަރުޝަދު ވަރުސީ މުހިއްމު ރޯލް ކުޅޭ މަގުބޫލު ފްރެންޗައިސް "ޖޮލީ އެލްއެލްބީ"ގެ ތިން ވަނަ ފިލްމު އަންނަ މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފިއެވެ.
ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 19ގައި ރިލީޒްކުރަން ނިންމާފައިވާ މި ފިލްމަކީ މި އަހަރު ރިލީޒްކުރާނެ އަކްޝޭގެ ހަތަރު ވަނަ ފިލްމެވެ.
މި މަހުގެ 12 ވަނަ ދުވަހު "ޖޮލީ އެލްއެލްބީ 3"ގެ ރަސްމީ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލާނެ ކަމަށް ބެލެވޭއިރު ފިލްމުގެ ފުރަތަމަ ޓީޒާ ވެސް މިހާރު ވަނީ ނެރެފައެވެ. މި ފިލްމަކީ ޑައިރެކްޓަރު ސުބާޝް ކަޕޫރު ގެނެސްދެމުން އަންނަ ލީގަލް ކޯޓު ޑްރާމާ ފްރެންޗައިސްގެ ދަށުން ގެނެސްދެމުން އަންނަ ވަރަށް ބޮޑު މަގުބޫލުކަމެއް ބެލުންތެރިންގެ މެދުގައި ލިބިފައިވާ ފިލްމެކެވެ.

އަކްޝޭ އާއި އަރުޝަދު ފިލްމު "ޖޮލީ އެލްއެލްބީ"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ބެލުންތެރިންނަށް ދައްކާލާފައިވާ މި ފިލްމުގެ ފުރަތަމަ ޓީޒާ ޕްރޮމޯގައި ފެންނަނީ މި ފްރެންޗައިސްގެ ކުރީގެ ދެ ބައިން ވެސް ކޯޓު ޖޫރީގެ އައިކޮނިކް ރޯލް ކުޅުނު އެކްޓަރު ސޯރަބް ޝުކްލާއެވެ.
މި ފަހަރު ފިލްމުގައި ދެ ޖޮލީ އެއްފަހަރާ ފެންނާނެ ކަމަށް ޕްރޮމޯގައި ބުނެފައިވާއިރު ކޯޓު ޖޫރީގެ ހައިސިއްޔަތުން ސޯރަބް މިފަހަރު މޮޔަކޮށްލާނެ ކަމަށާއި އެކަމަށް ފާޑު ނުކިޔުމަށް ބެލުންތެރިންގެ ކިބައިން ސޯރަބް ވަނީ އެދިފައެވެ.
އަކްޝޭ އާއި އަރުޝަދު އަދި ސޯރަބްގެ އިތުރުން "ޖޮލީ އެލްއެލްބީ 3"އިން ފެންނާނެ މުހިއްމު ތަރިންގެތެރޭ ފިލްމީ ތަރިން ކަމަށްވާ ހުމާ ގުރައިޝީ އަދި އަމްރީތާ ރާއޯ ހިމެނެއެވެ. މި ދެ ތަރިން ވެސް ވަނީ ކުރީގެ ބައިތަކުން ވެސް ފެނިފައެވެ.