ލޯބިން އޮތޮޅުތެރޭ 25 ރަށެއްގައި

ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ "އައިފިލްމްސް"ގެ ދަށުން ނެރޭ ފުރަތަމަ ލޯބީގެ ފިލްމު "ލޯބިން..؟ އަތޮޅުތެރޭގެ ގިނަ ރަށްތަކެއް ދައްކަން ތައްޔާރުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހުގެރޭ ޕްރިމިއާ ކޮށްފައިވާ ލޯބިންއަށް އަންނަނީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބެމުންނެވެ. އޮލިމްޕަހުގައި ގިނަ ހައުސްފުލް ޝޯތަކެއް އެޅުވުމަށް ހަމަޖެހިފައިވާއިރު އަތޮޅުތަކުން ވެސް ފިލްމު އަޅުވަން ބޭނުންވާ ރަށްތައް މަދެއް ނޫނެވެ.

އެގޮތުން، މި ފިލްމު އަތޮޅުތެރޭގެ 25 ރަށެއްގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ޝޯ މިހާރު ވަނީ އަޅުވާފައެވެ. އެންމެ ފުރަތަމަ ޝޯ އަޅުވާފައިވަނީ ހއ. ދިއްދޫގައެވެ. އެއީ ރެއެވެ.

އައިފިލްމްސްގެ ލޯބިން ފިލްމުގެ ކާސްޓުގައި ހިމެނެނީ ނުޒުހަތު ޝުއައިބާއި އިފްނާޒް ފިރާގުގެ އިތުރުން ތާތި އާދަމްއާއި އަހްމަދު ޝާކިރާއި އަހުމަދު ޝާރިފެވެ.

އަލަށް ނެރޭ ފިލްމުގައި އިއްލެއާ އެކު މަސައްކަތް ކުރާނީ އިފްނާޒެވެ. އިފްނާޒަކީ އިއްލެގެ ގިނަ މަސައްކަތްތަކުގައި އޭނާއާއެކު މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން، އިއްލެގެ އެންމެ ފުރަތަމަ ފިލްމު "ބަވަތި"ގެ ލީޑު ރޯލުން ވެސް ފެނުނީ އިފްނާޒެވެ. އޭގެ އިތުރުން އިތުރު ޕްރޮޖެކްޓުތަކުގައި އިއްލެއާއެކު އެސިސްޓަންޓު ޑައިރެކްޓަރެއްގެ ގޮތުގައި އިފްނާޒް ވަނީ މަސައްކަތް ކޮށްފައެވެ.

އިއްލެގެ ލޯބިންގެ މަސައްކަތް މަސައްކަތް ފަށާފައިވަނީ މިދިޔަ މެއި މަހުގެ ކުރީކޮޅެވެ.

ލޯބީގެ ފިލްމެއްގެ ގޮތުގައި ޕްރޮމޯޓުކުރި ނަމަވެސް އިޖުތިމާއީ މައްސަލައެއް މައްޗަށް އަލިއަޅުވާލާނެ ފިލްމަކަށް ލޯބިން ވާނެކަން ޓްރެއިލަރުތަކުން އެނގެއެވެ. އެގޮތުން، ހަށިވިއްކުމަށް މަޖުބޫރުކޮށްފައިވާ އަންހެނެއްގެ ވާހަކަ މި ފިލްމު ކިޔައިދޭކަން ޓްރެއިލަރުން ވެސް ހާމަކޮށްފަިއވެއެވެ.

އޮލިމްޕަހުގައި ފިލްމުގެ ސްކްރީނިން ފަށާފައިވާއިރު މި ފިލްމުގެ 25 ޝޯއެއް އޮލިމްޕަހުގައި ދައްކާނެއެވެ.

comment ކޮމެންޓް