މާދަމާއިން ފެށިގެން ކަނޑުތައް މަޑުވެ މޫސުން ރަނގަޅުވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
ޖުލައިމަހުން ފެށިގެން މިއަދާހަމައަށް، ރާއްޖޭގެ ބޮޑު ސަރަހަދަކަށް ވަނީ ވަރަށް ބޮޑަށް ކަނޑު ގަދަވެފައެވެ. ކަނޑު ގަދަވުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ވެސް ވަނީ ހިނގާފައެވެ.
މިރޭ މެޓް އޮފީހުން ބުނީ މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގެ މޫސުން ރަނގަޅުވެ، ކަނޑުތައް މަޑުވާނެކަމަށެވެ. އެހެންނަމަވެސް ދޭތެރެއަކުން ކެރީގެ އަސަރު ކުރާނެކަމަށް ވަނީ ބުނެފައެވެ.
މިއަދާއި މާދަމާ ވެސް ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ. ނަމަވެސް، ބައެއް ރަށްރަށަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަސް ވަނީ ބުނެފައެވެ.
ކަނޑުތައް މަޑުވާނެކަމަށް ލަފާކޮށްފައި ވާއިރު، އުތުރުގެ ކަނޑުތައް މިރޭ ކޮންމެވެސް ވަރަކަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފާއިތުވި ހަފުތާގައި މޫސުން ގޯސްވުމާ ގުޅިގެން، ކަނޑު ދަތުރު ފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވެއެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ހިނގާފައިވާ ކަނޑުމަތީގެ ހާދިސާތަކަށް ބަލާއިރު، ކ. ޒަމާނީ އައިލެންޑް ކައިރިން ކ. ގުރައިދޫއަށް، 17 ބިދޭސީންނާއެކު ދަތުރުކުރި ޑިންގީއެއް ރޭ ބަންޑުޖަހާލައިފައިވެއެވެ. އެއިން ދަތުރުކުރި އެންމެން ސަލާމަތްކުރެވިފައިވާއިރު، މިއަދު ހދ. ކުމުންދޫ ކައިރިޔަށް ބަންޑުންޖަހާލި ދޯނިން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްވެ، އެކަކުވަނީ ނިޔާވެފައެވެ.
މި ދުވަސްވަރަކީ ސްކޫލު ވެސް ބަންދު ދުވަސްވަރަކަށް ވުމުން، ދަތުރުކުރާ މީހުންގެ އަދަދުވަނީ ގިނަވެފައެވެ.
ކަނޑުދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.