ޓެރަރިޒަމްގެ އިންޒާރަކާ ގުޅިގެން އިންޑިއާގެ ހުރިހާ އެއާޕޯޓެއް އެލާޓަށް

އިންޑިއާގެ އެއާޕޯޓެއް. ޓެރަރިސްޓް ހަަމަލާއެއްގެ އިންޒާރާ ގުޅިގެން އިންޑިއާގެ ހުރިހާ އެއާޕޯޓެއްގައި ވަނީ ސެކިއުރިޓީ ވަރުގަދަކޮށްފައި. ފޮޓޯ/ޕީޓީއައި

އަންނަ ސެޕްޓެމްބަރު މަހު 22 އާއި އޮކްޓޫބަރު ދެއަކާ ދެމެދު އިންޑިއާގައި ޓެރަރިސްޓު ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން ބިއުރޯ އޮފް ސިވިލް އޭވިއޭޝަން ސެކިއުރިޓީ (ބީސީއޭއެސް) އިން އެގައުމުގެ ހުރިހާ އެއާޕޯޓްތަކެއް ހައި އެލާޓަށް ލައި ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ.

އެކަމާ ގުޅިގެން އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހު ނެރުނު އެންގުމުގައި ވަނީ އެއާޕޯޓްތަކާއި އެއާސްޓްރިޕްތަކާއި ހެލިޕެޑްތަކާއި ފްލައިން ސްކޫލްތަކާއި ޓްރެއިނިން އިންސްޓިޓިއުޓްތައް ހިމެނޭ ގޮތަށް ހުރިހާ އޭވިއޭޝަން އިންސްޓޯލޭޝަންތަކެއްގައި ވަގުތުން ސަވައިލެންސް ފިޔަވަޅުތައް އިތުރުކުރުމަށް އަންގާފައެވެ.

"ސެޕްޓެމްބަރު 22އިން ފެށިގެން އޮކްޓޯބަރު ދެއަކާ ދެމެދު އެންޓި ސޯޝަލް އެލިމެންޓްތަކުން ނުވަތަ ޓެރަރިސްޓް ގްރޫޕްތަކުން އެއާޕޯޓްތަކަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ބުނެ މަރުކަޒީ ސެކިއުރިޓީ އެޖެންސީން ދާދި ފަހުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، ހުރިހާ އެއާޕޯޓް، އެއާސްޓްރިޕް، އެއާފީލްޑް، އެއާފޯސް ސްޓޭޝަން، ހެލިޕެޑް ފަދަ ހުރިހާ ސިވިލް އޭވިއޭޝަން އިންސްޓޯލޭޝަންތަކެއްގައި ސަލާމަތީ ފިޔަވަޅުތައް އިތުރުކުރުމަށް އަންގަން." އެ އެންގުމުގައި ބުނެފައިވެއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޕީޓިއައި އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބީސީއޭއެސްގެ އެންގުމަކީ ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތެއްގެ ހަރަކާތްތަކާ ގުޅޭ ވަކި މައުލޫމާތުތަކަކަށް ބަލާފައި ނެރުނު އެންގުމެކެވެ.

ޓެރަރިސްޓް ހަމާލާއެއް އަތުވެދާނެ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން އަޅަން ލަފާދީފައިވާ އެހެނިހެން ފިޔަވަޅުތަކުގެ ތެރޭގައި ހުރިހާ މުވައްޒަފުންނާއި ކޮންޓްރެކްޓަރުންނާއި ޒިޔާރަތްކުރާ ފަރާތްތަކުގެ އައިޑީ ޗެކްކޮށް ހުރިހާ ސީސީޓީވީ ސިސްޓަމްތަކެއް ރަނގަޅުކޮށް މެދުނުކެނޑި މޮނިޓާކޮށް ބެލެހެއްޓުން ހިމެނެއެވެ.

ބީސީއޭއެސް އިން ވަނީ ކައިރީގައި ހަރަކާތްތެރިވާ ފުލުހުންނާއި، ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) އާއި، އިންޓެލިޖެންސް ބިއުރޯ (އައިބީ) އާއި، އެހެނިހެން ކަމާބެހޭ އިދާރާތަކާ ގުޅުން ބަދަހިކޮށް، މައުލޫމާތު ހިއްސާކުރުމަށް އަންގާފައެވެ.

އެ އެންގުމުގައި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެއާލައިން އޮޕަރޭޓަރުންނަށް ވެސް އެއްގޮތަކަށް އަމަލު ކުރުމަށް އަންގާފައިވާއިރު، ކޮމާޝިއަލް ފްލައިޓްތަކަށް އަރުވާ ހުރިހާ ކާގޯ އާއި މެއިލްގެ ސެކިއުރިޓީ ޗެކްތައް ހަރުކަށިކޮށް ބެލުން ލާޒިމްކޮށްފައިވެއެވެ. އަދި ކޮންމެ އެއާޕޯޓެއްގައި ޕާރުސަލުތައް ވަކިވަކިން ޗެކް ކުރުން ވެސް ވަނީ ލާޒިމްކޮށްފައެވެ.

އެ އެންގުމުގައިވާ ގޮތުން، ދަތުރުވެރިންނަށް ޝައްކުކުރެވޭ ހަރަކާތްތަކާއި، ވެރިފަރާތެއް ނެތި ދޫކޮށްލާފައި ހުންނަ ފޮށިތަކުގެ މައުލޫމާތު ދިނުމަށް ވެސް ވަނީ އަންގާފައެވެ. ކުއްލި ހާލަތްތަކަށް ޖަވާބުދޭ ޓީމުތަކާއި އުސޫލުތައް މުރާޖާކޮށް، ހަރަކާތްތެރިކުރުމަށާއި، ކުއްލި ތަމްރީނުތަކާއި މައުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ވެސް އެ އެންގުމުގައި ބާރުއަޅާފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް