އެޕަލްއަށް ޗިޕް ސަޕްލައިކުރަން ސެމްސަންގް ކުންފުންޏާ ހަވާލުކޮށްފި

ސެމްސަން ކުންފުންޏަކީ ޓެކްނޮލޮޖީ ދުނިޔޭގައި އެޕަލްގެ އެންމެބޮޑު ވާދަވެރިޔާ ---

އެޕަލްއަށް ބޭނުންވާ ޗިޕްތައް ސަޕްލައިކުރުމުގެ މުހިންމު މަސައްކަތެއް، ޓެކްނޮލޮޖީގެ ދުނިޔޭގައި އެޕަލްގެ އެންމެ ބޮޑު އެއް ވާދަވެރިޔާ ކަމަށްވާ ސެމްސަންގް އިލެކްޓްރޯނިކްސްއާ ހަވާލުކޮށްފިއެވެ.

އެޕަލްއިން ބުދަ ދުވަހު ކަށަވަރުކޮށްދިން ގޮތުގައި، އެ ކުންފުނީގެ މަޝްހޫރު އައިފޯން ހިމެނޭ ގޮތަށް ގިނަ އުފެއްދުންތަކަށް ބޭނުންވާ ޗިޕްތައް ސަޕްލައިކުރާނީ ސެމްސަންގެ އެމެރިކާގެ ޓެކްސަސްގައި ހުންނަ ފެކްޓަރީންނެވެ.

"މި ފެސިލިޓީން ސަޕްލައިކުރާ ޗިޕްތަކުގެ ސަބަބުން، އައިފޯން ހިމެނޭ ގޮތަށް އެޕަލްގެ އުފެއްދުންތަކުގެ ޕަވާ އަދި ޕާފޯމަންސް ރަނގަޅުވެގެންދާނެ،" އެޕަލް އިން ނެރުނު ބަޔާނެއްގައި ވެއެވެ. މިކަމާ ގުޅޭގޮތުން ސެމްސަންގުން ވަނީ އެއްވެސް ވާހަކައެއް ދެއްކުމަށް ދެކޮޅު ހަދާފައެވެ.

އެޕަލްއިން މި އިއުލާން ކޮށްފައިވަނީ، ކުރިއަށްއޮތް ހަތަރު އަހަރުގެ ތެރޭގައި އެމެރިކާގައި ކުރާ އިންވެސްޓްމަންޓް އިތުރު 100 ބިލިއަން ޑޮލަރަށް އިތުރުކޮށް، ޖުމްލަ 600 ބިލިއަން ޑޮލަރަށް އަރުވާނެކަން ހާމަކުރުމުގެ ތެރެއިންނެވެ.

މާހިރުން ދެކޭގޮތުގައި، މިއީ އެޕަލްއިން ޖަޕާނުގެ ސޮނީއަށް ބަރޯސާވުން ކުޑަކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. ކުރިން އެޕަލްގެ އުފެއްދުންތަކަށް "އިމޭޖް ސެންސަރު" ޗިޕްތައް ސަޕްލައިކުރީ ސޮނީންނެވެ. ނަމަވެސް މި ބަދަލާއެކު، އެޕަލްއިން އެއް ސަޕްލަޔަރަކަށް ބަރޯސާވުން ކުޑަކޮށް، އުފެއްދުންތައް އެމެރިކާއަށް ގެނައުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބޭނެއެވެ.

ސެމްސަންގްގެ ޓެކްސަސް ފެކްޓަރީއަށް މިއީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

އެޕަލްގެ އިތުރުން، އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި ޓެސްލާއިން ވެސް ވަނީ 16.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން އެ ފެކްޓަރީން ޗިޕް ގަތުމަށް ނިންމާފައެވެ.

އެނަލިސްޓުން ލަފާކުރާ ގޮތުގައި، 2026ވަނަ އަހަރު އުފައްދާނެ ކަމަށް ބެލެވޭ "އައިފޯން 18އެސް" އާއި ޓެސްލާގެ އޯޑަރުތަކާއެކު ސެމްސަންގްގެ ޗިޕް އުފައްދާ ވިޔަފާރިއަށް ލިބޭ ގެއްލުންތައް ކުޑަވާނެއެވެ.

comment ކޮމެންޓް